ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ތިލަމާލެ ބްރިޖްގެ %38.8 މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖްގެ 38.8 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޭތުވެދިޔަ 6 މަސްދުވަހު އެ ވުޒާރާއިންކޮށްފައިވާ މަސައްކަތްތައް ހިއްސާކުރައްވަމުންނެވެ.

އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވަނީ މަޝްރޫޢުގެ ވަކި ވަކި ސެގްމަންޓުތަކުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާގޮތުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ.

"މަޝްރޫޢުތަކުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަބުތަކުގެ ޕައިލިންގެ %65 ނިމިފައި، ޕައިލް ކެޕްގެ %46، ޕިއާ ކޮލަމްގެ %48 ނިމިފައި، މަޝްރޫޢުތަކުގެ ޑެކްގެ ބޭނުންވާ ޕްރިކާސްޓުތަކުގެ %31 ވަނީ ކާސްޓުކޮށް ނިމިފައި، ވިލިމާލެ ސެގްމަންޓުތައް ހުޅުވާލުމުގެ މަސައްކަތް ވަނީ ލޯންޗުކުރެވިފައި،"ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ ވިއްސާރައިގެ ސަބަބުން މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް ދީފައިވާ ތާރީޙަށް މަސައްކަތްތައް ނިމޭނެ ކަމަށެވެ.

ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.

ތިލަމާލެ ބްރިޖްގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށްވެސް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު