ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ހަފުތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރައްވާގޮތުގައި އެންމެ ބޮޑަށް ވައި ގަދަވާނީ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށެވެ.
އެކި ހިސާބުތަކަށް މޫސުން ގޯސްކަމަށް ލަފާކުރައްވާފައިވާއިރު، މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކުރައްވައެވެ. އެގޮތުން، ރާޅުގެ އުސްމިނުގައި 6 ފޫޓާއި 9 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
އެ އިދާރާއިން ލަފާކުރައްވާ ގޮތުގައި ރާއްޖެއަށް މޫސުން ރަނގަޅުވާން ފަށާނީ އަންނަ ހަފްތާއިން ފެށިގެންނެވެ. އެގޮތުން، އާދީއްތަ ދުވަހަށްފަހު ވައި މަޑުވާން ފަށާނެކަމަށް ލަފާކުރެއްވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއްވައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެއެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްރަކަށްވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައެވެ.