Thursday, 20 June 2024

އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަކީ މަޖިލީހަށް ފަސޭހަކަމާއިއެކު ކުރެވޭނެ މަސައްކަތެއް: ރިފާއު

އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ފަސޭހަކަމާއިއެކު ކުރެވޭނެ މަސައްކަތެއްކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނެލެއް ކަމަށްވާ ސަންގުޓީވީ އިން ގެނެސްދޭ ޚަބަރަށްފަހު ޕްރޮގްރާމްގައި ރިފާއު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ވަރަށް ސާފުކަމަށެވެ. އަދި ނުކުރެވި އޮތް ހަމައެކަނި ކަމަކީ ޕާސްޕޯޓު ބޭންކުރުންކަމަށާއި އެހެންނަމަވެސް އެ ޕާސްޕޯޓު ބޭން ކުރުމުގައި ލިބޭ ފައިދާތަކާއި ގެއްލުންތަކާއިމެދުވެސް ވިސްނާލުން މުހިންމުކަަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިހުލާސްތެރިކަމާއިމެދު ފަލަސްތީނު މިނިވަންކުރުމަށް ގޮވާލާ ކުރަމުން ދާ މަސައްކަތްތަކުގައި ދެމިތިބުން މާ ރަނގަޅުކަމަށާއި، ރައީސް ޑރ މުހައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރުފުޅުގައި ލިބިވަޑައިގެންނެވި ކޮންމެ ފުރުސަަތެއްގައިވެސް އެމަނިކުފާނު ވަނީ އެ ވާހަކަތައް ފާހަގަކުރައްވާފައިކަމަށެވެ.

ރައީސް އެ ވާހަކަތައް ދައްކަވަމުން ގެންދެވީ ވަރަށް ސާބިތުކަމާއިއެކު ކަން ފާހަގަކުރައްވަމުން، އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަކީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ވަރަށް ފަސޭހައިން ބާރު އެޅޭނެ ކަމެއްކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ، ޕާސްޕޯޓް ބޭން ކުރާއިރު، ރާއްޖެއަށް އަންނަ އިސްރާއީލުގެ ފަތުރުވެރިންގެ އަދަދުތައް ބަލާލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އަންނަ ހާހެއް ހާ އިސްރާއިލުގެ ފަތުރުވެރިން ނޭރުވުމުން ފަލަސްތިނުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިގެންދޭތޯ ނުވަތަަ ކުރިއެރުން ލިބެނީ ބައިނަލްއަގުވާމީ މައިދާނުގައި އެ ވާޙަކަތައް ދައްކައިގެންތޯވެސް ދެނެގަތުން މުހިންމުކަމަށެވެ.

ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި އެ ވާހަކަތައް ދައްކައި ރާއްޖޭގެ ސްޓޭންޑް ސާފުކޮށްދިނުން މާ މުހިންމުކަމަށާއި ސަރުކާރުންވާނީ ފަލަސްތީނާއި އެއްކޮޅަށް ކުރާ ކޮންމެ މަސައްކަތެއްގައިވެސް ބައިވެރިވެފައިކަމަށް ރިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން އޮތީ ފަލަސްތީނާއި އެއްކޮޅަށް އިސްރާއިލާއި ދެކޮޅަށް ކަމަށާއި، ފަލަސްތީނުގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއްވެސް ކުރާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައިކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު