ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024"ގައި

އެއްވެސް ޤައުމެއްގެ ސިފައިން ދާއީމީކޮށް ޤާއިމްވެ ތިބެން ދިވެހި ސަރުކާރުން ދެކޮޅު: ޣައްސާން

ދޭދޭ ޤައުމުތަކާއެކު ރާއްޖެއިން ދިފާޢީ ގުޅުން ޤާއިމްކުރިނަމަވެސް އެއްވެސް ޤައުމެއްގެ ސިފައިން ދާއީމީކޮށް ޤާއިމްވެ ތިބެން ދިވެހި ސަރުކާރުން ދެކޮޅުކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އައިއައިއެސްއެސް ޝަންގްރިއްލާ ޑައިލޮގަކީ އޭޝިއާގެ ޕްރިމިއާ ޑިފެންސް ސަމިޓެކެވެ. އެއީ މި ސަރަޙައްދުގެ އެންމެ ބޮޑު ސަލާމަތީ ގޮންޖެހުންތަކާ މެދު ވަޒީރުން ބަހުސްކޮށް، ޤައުމުތަކުގެ މުހިންމު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ.

31 މެއި–2 ޖޫންއަށް ސިންގަޕޫރުގައި ކުރިއަށްދާ ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024″ގައި ވާހަކަފުޅު ދައްކަވަމުން، ޣައްސާން މައުމޫންގެ ވާހަކަފުޅުގައި، ރާއްޖޭގެ ސުލްހައާއި، ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަން ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަސާސީ އަސާސްތަކުގައި އެންމެ އިސްކަންދެއްވަނީ، ދިވެހިރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށާއި ދުނިޔެ ޤަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރުކުރުންކަމަށެވެ. އެގޮތުން މިހާރުގެ ގުޅުންތައް ދެމެހެއްޓައި، އިތުރު ގުޅުތައް ޤާއިމްކުރެއްވުމަށްވެސް ރައީސް އިސްކަންދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ ފެންވަރު ރަނގަޅު ކުރައްވާ، ކަނޑުގެ ޓެރަރިޒަމް އަމަލުތަކާއި، ނަހަމަގޮތުގައި ގާނޫނީ ވަޞީލަތްތައް ބޭނުންކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރިކަމަކުން ސަލާމަތްވެ، ރައްކާތެރިވުމުގެ ޤާބިލުކަން އިތުރުކުރެއްވުމަށްވެސް ރައީސް އިސްކަންދެއްވާ ކަމަށާއި، ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން، ބައިނަލްއަޤްވާމީ ޒިންމާތަކެއް އުފުލަންޖެހޭކަމަށާއި، އިންޑިއާ ކަނޑުގައި ވިޔަފާރީގެ ދަތުރުތައްކުރާ ފަރާތްތަކުގެ ރައްކާތެރިކުރުމުގެ ޒިންމާ ރާއްޖެއިން އުފުލަން ޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެފަދަ ކުދި ޤައުމުތަކުން، މިނިވަންކަމުގެ އެންމެ ބޮޑު ޔަގީންކަމެއްގެ ގޮތުގައި ބަލާފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތައް ކަމަށާއި، ނަމަވެސް ބައެއްޤައުމުތަކުން އެ އަގު ކުރުންތައް ދޫކޮށްލުމަކީ ކުދި ޤައުމުތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް އޮތް ކަމަށް ޣައްސާން ވިދާޅުވިއެވެ. އެހެންކަމުން އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ޤަައުމުތަކުން ހަރުދަނާ ގުޅުންތައްކެއް އުފައްދަންޖެހޭކަމަށް ޣައްސާން ވިދާޅުވިއެވެ. އެއީ ކުދި ޤައުމުތަކާއި، ކުދި ޤައުމުތަކުގެ ބޭރުންވެސް އުފައްދަން ޖެހޭ ގުޅުންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިފާޢީ ޤާބިލުކަން އިތުރުކޮށް ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިސްކަންދެއްވާކަމަށާއި، ދިފާޢީ ގުޅުންތައް ވަރުގަދަކުރިނަމަވެސް އެއްވެސް މާނައެއްގައި ދިވެހި ބިމުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބުމަށް ދިވެހި ސަރުކާރުން ބޭނުން ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް އިޙްތިރާމުކުުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު