ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ހަރަކާތްތައް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަހު ފާހަގަކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެގޮތުގައެވެ.

މި ދުވަސް ފާހަގަކުރުމަށް 10 ހަރަކާތެއް ކުރިއަށް ގެންދިއުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

މި ދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން ހަރަކާތްތައް ހިނގުން ކަމަށެވެ.

މި ހުރިހާ ހަރަކާތްތައް ނިންމާލުން ފާހަގަކުރުމަށްޓަކައި ޖޫން 8ވަަނަ ދުވަހު 'އޯޝަން ޑޭ ފެސްޓިވަލް’އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓު މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވިއެވެ. ހުޅުމާލޭގައި ބާއްވާ މި ހަރަކާތުގެތެރެއިން އެކި ކަހަލަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

މި ހުރިހާ ހަރަކާތެއްގެ ތެރެއިންވެސް އެންމެ އިސްކަމެއް ދޭނީ ކަނޑުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމަށްކަމަށާއި ސްކޫލް ކުދިންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަންވެސް މުއްޠަލިބް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި، މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ހަރަކާތްތަކުގެތެރޭގައި ކުރެހުމުގެ މުބާރާތަކާއި، މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، ކުއިޒް މުބާރާތަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމާއި، މަސް ރޭހެއް ބޭއްވުމާއި، ސާފުކުރުމުގެ ހަރަކާތަކާއި، "އެންމެން މޫދަށް" ނަމުގައި މޫދު ހަރަކާތެއް ބޭއްވުމާއި، ޑިސްކަވާ ޑައިވް ހަރަކާތް ހިމެނެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުރިއަށް އޮތްތަނުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު