Friday, 04 October 2024
އދ. މަހިބަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތުގައި، ފައިލް ފޮޓޯ: ސްޓެލްކޯ

ކަރަންޓު ބިލް ކުޑަކުރަން މިއިރުޝާދުތައް މުހިއްމު!

މެއި މަހުގެ ކަރަންޓު ބިލް ބޮޑުވި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. މިކަމާ ގުޅިގެން ސްޓްލެކޯއިން މިއަދު ވިދާޅުވީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަދި އީމެއިލް މެދުވެެރިކޮށް ނަމަ [email protected] އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އެކުންފުނިން ބުނާ ގޮތުގައި ކަސްޓަމަރުން ހުށަހަޅާ ޝަކުވާތައް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާނެއެވެ.

މެއި މަހުގެ ކަރަންޓު ބިލް ބޮޑުވި މައްސަލައިގައި ސްޓެލްކޯގެ އޮފިޝަލް ވަނީ ސްޓެލްކޯއަށް ވަގަށް ގޮވުމުގެ ކުރިން މިމަހުގެ ކަރަންޓް ބިލް ލިބުނީ ކޮން ދުވަސްވަރެއްގައިތޯ ސުވާލު ކުރައްވައިފައެވެ. އެގޮތުން ހޫނު މޫސުމުގެ ތެރޭގައި އެވްރެޖްކޮށް 110މ.ވ. އާއި 113މ.ވ. އާދޭތެރޭގެ ޑިމާންޑެއް މާލެ ސަރަހައްދުގައި އޮތް ކަމަށާއި، ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ހިންގި ކަމަށްވެސް ވިދާޅުވިއެވެ.

" ނިމިދިޔަ ބިލިންގ ސައިކަލްގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި. އެކަމު ގޭތެރެ ހުރީ ހަމަ ޗިލް ކޮށް 25 ޑިގްރީގައި؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަ ވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ކޮށް އެވަރުގައި ހިފަހައްޓަން އޭސީ އިން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ. ހާދަ އެނާޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސް ގަ ހުރެފަ ތިރިއަށް އަންނަން އެ ފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާ ބޮޑަށް ޓެމްޕަރޭޗަރ ދަށް ކުރަންޖެހޭނެ ދޯ؟" އޭގައިވެއެވެ.

ސްޓެލްކޯގެ އޮފިޝަލް ވިދާޅުވީ، ކަރަންޓް ބިލަށް އަސަރު ކުރަނީ ހަމައެކަނި އާ އެއްޗެހިތަކެއް ގެއަށް އިތުރު ކޮށްގެން ނޫން ކަމަށާއި، ބޭނުން ކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫސޭޖް ޑިޕެންޑު ވާ އެއްޗެހި ކަމަށެވެ.

މުހިއްމު އިރުޝާދުތައް

1. އޭސީ ސވިާސް ކޮށްލާ ގޭސް ލެވެލް ޗެކް ކޮށަލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކޮށްލުން.

2. ފުލް ސާވިސް އެއްނުކުރި ނަމަ ވެސް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރުތައް ސާފު ކޮށްލުން. އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކޮށްލުން ވަރަށް މުހިންމު.

3. އޭސީ ކޮށްފަ ހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކޮށްލުން.

4. ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބަހައްޓާލުން.

5. އޭސީ ކޮށްފަ ހުރި ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދަމާ ފޮރާލުން.

6. ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކޮށްލުން.

7. ދާހިއްލިޔަސް ކައްކާއިރު ސިޓިންގ ރޫމު އޭސީ ނުޖެއްސުން. (ސިޓިންގ ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ. އެހެންނޫނީ މައްސަލައެއް ނެތް)

8. ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި އޮފްކޮށްލުން. (ހެނދުނު ބޭރަށް ދާ މީހާ ތި އަންނަނީ އިރު އޮއްސޭ ފަހުން. އަންނަ އިރު ކޮޓަރި އައިސް ކޮންޓޭނަރެޢްހެން ނުހުއްޓަސް އޯކޭ ވާނެ. ގެއައް އައިއްސަ އޭސީ އޮން ކޮށްލާފަ ފެންވަރައިގެން ނުކުންނަ އިރަށް ހުންނާނީ ކޮޓަރި ފިނިކޮށް. އިޓްސް ލައިކް މެޖިކް ހަމަ)

9. ފަންކާވެސް ހަފްތާއަކު އެއް ފަހަރު ފޮހެލާ. ހިރަފުސް ހިފައިގެން ބަރުވީމަ ކިހާ ވޭނެއް އަޅާނެ އޭގަވެސް. ލުއި ކޮށްލަދީ. ތަފާތު ފެންނާނެ ހަމަ.

10. ދޭތެރެއަކުން ގޭގެ ކަރަންޓު މީޓަރު ބަލާލާ. މީޓަރު ހިނގާވަރާ، އަރާ އެއްޗެއް ބަލާލާ. ބިލަށް އަރާނެ ވަރު މޮބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ. އިގްތިސާދު ކުރަން ކުރެވޭނެ ލައްކަ ކަންކަން ބޮލައްވަންނާނެ މި ގޮތަށް ބަލަމުންދާނަމަ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ކަރަންޓް ބިލް ކުރެވޭނީ ބޭނުންކޮށްފައިވާ އަދަދަށް ކަމަށާއި، ބޭނުން ކުރެވޭވަރު މެނޭޖް ކޮށް ކަރަންޓު އިޤްތިސާދުކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު