ދިވެހިރާއްޖޭގައި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖް (ސީ.ޕީ.އެސް.ސީ) އާއި ގުޅިގެން ވޮކޭޝަނަލް ޓްރެއިނިންގ ގެ ތަމްރީނު ފެށުނުތާ 50 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖާއި ގުޅިގެން ކުރިޔަށްދާ 'އިންކަންޓްރީ ޕްރޮގްރާމް އޮން ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވާރކް' ގެ ތެރެއިން މިއަދު މިދުވަސް ފާހަގަ ކުރުމުގެ ހަފްލާގައި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖްގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ޑރ. ވިކްރަމަސިންހަ އާއި އެމް.އެން.އެސް.ޑީ.އޭ ގެ ސީ.އީ.އޯ ޑރ ޒަހުރާ މުހައްމަދާއި، އެމް.އެން.އެސް.ޑީ.އޭ ގެ ސްޓާފުންގެ އިތުރުން މިނިސްޓްރީގެ އިސްބޭފުޅުންނާއި ސީ.ޕީ.އެސް.ސީގެ ތަޖްރިބާކާރުންގެ 2 ބޭފުޅުން އަދި ތަމްރީނު ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވައެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ވިދާޅުވާ ގޮތުން، ތާރީޚްގެ ތެރެއިން ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު:
ދިވެހިރާއްޖޭގައި ވޮކޭޝަނަލް ޓްރެއިނިންގ ދިނުން ރޭވުމާބެހޭ ކޮލަމްބޯޕްލޭން ނޭޝަނަލް ސެމިނާރ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1974 ވަނަ އަހަރުގެ ޖޫން މަހުގެ 3 ން 6 އަށް މާލެގައެވެ.
ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ބިނާކުރަންފެށުނީ ޔޫ.އެން.ޑީ.ޕީ އާއި އައި.އެލް.އޯގެ އެހީގައި 1975ވަނަ އަހަރު މާލޭގައި ހުޅުވުނު ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރ (ވީ.ޓީ.ސީ) ގެނަމުގައެވެ. ވީޓީސީގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަން ފަށާފައިވަނީ 1980ގެ ކުރީ ކޮޅުގައެވެ. އެގޮތުން:
- 1982 ގައި ހދ. ކުޅުދުއްފުށީގައި ޑީސަލް އިންޖީން މެއިންޓެނަންސް އަދި ކ. ތުލުސްދޫގައި ފައިބަރ ކްރާފްޓް، ޖުވެލަރީ މޭކިންގް އެންޑް ކާޕެންޓްރީ ކޯސްތައް އުފެދި ރޫރަލް ޔޫތު ވޮކޭޝަނަލް ޓްރޭނިންގެ ސެންޓަރު (އާރު.ވައި.ވީ.ޓީ.ސީ) ތައާރަފު ކުރެވުނެވެ.
- 1985 ވަނަ އަހަރު ޔޫ.އެން.ޑީ.ޕީ އާއި އައި.އެލް.އޯ ގެ އެހީގައި އިލެކްޓްރޯނިކްސް އެންޑް ބިލްޑިންގް ކޮންސްޓްރަކްޝަން ކޯސް ވީ.ޓީ.ސީގައި ފެށުނެވެ.
- 1990 ގައި މޯލްޑީވްސް އިންސްޓިޓިއުޓު އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް) ގެ އާ އިމާރުގެ މަސައްކަތްފެށުނު
- 1990 ގައި އޮކިއުޕޭޝަނަލް ސްޓޭންޑާރޑްސް، ޓެސްޓިންގް އެންޑް ސަރޓިފިކޭޝަން އެޕްރެންޓިސް ޓްރޭނިންގް ޕްރޮގްރާމު އާރު.ވައި.ވީ.ޓީ.ސީ ތަކުގައި ފެށުނެވެ.
- 1993 ގައި ރ.އަލިފުށީގައި ބޯޓް ބިލްޑިންގް އަދި ސ.ހިތަދޫގައި ވުޑް ކާވިންގް ކޯސްތައް ފެށުނެވެ.
- 1995 ގައި ކޮމަންވެލްޓު ފަންޑް ފޮރ ޓެކްނިކަލް ކޯޕަރޭޝަންގެ އެހީގައި ކަރިކިއުލަމް ތައްޔާރުކުރަން ފެށުނެވެ.
- 1996 ގައި ސ.ހިތަދޫގައި އާރު.ވައި.ވީ.ޓީ.ސީ ގައި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ކޯސް ތައާރަފްކުރެވުނެވެ.ސަރުކާރުގެ އެކި ވުޒާރާތަކުގެ ދަށުން ހިނގަމުންދިޔަ ވީ.ޓީ.ސީގެ މަސައްކަތްތައް 1996 ވަނަ އަހަރު އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވުނު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިޔުކޭޝަން (މައިޓް) އަށް ބަދަލުކޮށް އުންމީދީ ބަދަލުތަކާއި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ.
- 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ދިވެހިސަރުކާރުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އުފައްދަވާ، ހިންގުމަށް އައި ބަދަލުތަކާއި އެކު، "މައިޓް" ގެ ހިންގުން ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިންގް ޓެކްނޮލޮޖީއަށް ބަދަލުކުރެވުނެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވި ގޮތުގައި، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދާއިރާތަކުން ތަމްރީނު ލިބިފައިވާ ދިވެހީން، އަވަސް ސްޕީޑެއްގައި އިތުރުކުރުމަށް 2005 އަހަރު، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގަންފެށުނެވެ.
މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރި މީހުންނަށް ތަމްރީނު ދިނުމަށް ދުނިޔޭގައި މިހާރު ފުޅާދާއިރާއެއްގައި ބޭނުންކުރާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްްރޭނިންގް (ޓިވެޓް) ނިޒާމް ރާއްޖެއަށް ތަޢާރަފްކުރެވި، ރާއްޖޭގެ މުހިއްމު 6 ސިނާއަތަކަށް ބޭނުންވާ ހުނަރުވެރި މީހުން ތަމްރީނުކުރުމަށް ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްތައް އެކުލަވާލުމަށް، އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އުފައްދަވާ، ޓިވެޓް ނިޒާމުގެ ދަށުން ތަމްރީނުދިނުމަށް ބޭނުންވާ ކޮމްޕިޓެންސީ ސްޓޭންޑާރޑްތަކާއި މުޤައްރަރު ތައްޔާރުކޮށްގެން އެމްޕްލޯއިމަންޓް ސްކިލްސް ޓްރޭނިންގް ޕްރޮޖެކްޓްގެ ނަމުގައި އޭ.ޑީ.ބީ ލޯނުއެހީއާއި އެކު، 2006 ވަނަ އަހަރު މަސައްކަތް ފެށުނެވެ. މިގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ޓިވެޓް ސެކްޝަނެއް އުފައްދައި، އެ ސެކްޝަނުގެ ދަށުން ބައިނަލްއަޤުވާމީ މިންގަނޑަށް ޓިވެޓް ތަމްރީނުތައް 2006 ގައި ފެށުނެވެ.
ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު އިތުރުކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގް (މިވެޓް) ގެ ނަމުގައި އައު މުއައްސަސާއެއް 2009 ވަނަ އަހަރު އުފެއްދުނެވެ. މިވެޓް ގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަމުގައި 2010 ގައި ތަމްރީނުދޭ މަރުކަޒެއް އުފެއްދެވިއެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ ހިންގަވަމުން ގެންދެވި ޑިގްރީ ފެންވަރަށްފުރެ ދަށުގެ ކޯސްތައް ހިންގުން ޕޮލިޓެކްނިކްގެ ދަށަށް ބަދަލުކުރެވުނެވެ.
ތަމްރީނުދޭ މަރުކަޒުތަކުގެ ޤާބިލުކަން އިތުރުކުރުމަށާއި، ހުނަރުވެރި ތަމްރީނުގެ ދާއިރާ ރެގިއުލޭޓްކޮށް ކުރިއެރުވުމަށް 2011 ވަނަ އަހަރު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގް (ޓިވެޓް) އޮތޯރިޓީގެ ނަމުގައި ސަރުކާރުން މުއައްސަސާއެއް އުފެއްދެވިއެވެ.
- 2014 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް "ދަސްވާރު" ގެ ނަމުގައި އިންޓާންޝިޕް ޕްރޮގަރާމެއް ތަޢާރަފްކޮށްފައިވެއެވެ.
- 2016 ވަނަ އަހަރު ބީ.ޓެކް ސްޓްރީމް މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުނެވެ.
- 2019 ގައި އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތައް އަލުންއެކުލަވާލައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު އިފްތިތާހުކުރެވުނެވެ. އަދިނޭޝަނަލް ޮމްޕިޓެންސީ ސްޓޭންޑާރޑްތައް މުރާޖާކުރުމުގެ މަސައްކަތާއި އައު ސްޓޭންޑަރޑްތައް ތައްޔާރު ކުރުމުގެ މަސައްކަތް،މޯލްޑިވްސް އެންހާންސިންގް އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު (މީރީ) ޕްރޮޖެކްޓްގެ ދަށުން ފެށުނެވެ.
- 2021 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ތަސްދީގުކުރެވުނު، މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 6 ވަނަ ބާބުގެ ދަށުން ޓިވެޓު އޮތޯރިޓީ، މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އަށް ބަދަލު ކުރެވުނެވެ.
- 2021 ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއްނެތި އެއްބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ މުވައްްޒަފުންނަށް މަތީ ހަރުފަތަކަށް ވާސިލްވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ނެޝަނަލް ޓްރޭޑް ޓެސްޓިންގް އެންޑް ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) ތަޢާރަފްކުރެވުނެވެ.
- 2021 ދިވެހިރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ފަންނީ ހުނަރުވެރި ޤާބިލް މީހުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި 5 އަހަރަށް އަމާޒުކޮށް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް އެކުލަވާލައި، އިފްތިތާހް ކުރެވުނެވެ.
- 2022 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތައް ޤާއިމްކުރަންފެށުނެވެ.
- 2023 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކެޝަންގެ ނަމުގައި ހިންގި ވުޒާރާ މިނިސްޓްރީ އޮފް ހަޔަރް އެޑިޔުކޭޝަން ސްކިލްސް އެންޑް ލޭބަރ އޮތޯރިޓީގެ ނަމަށް ބަދަލު ކުރުން.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ، ޒުވާނުންނާއި އަންހެނުުން ބާރުވެރި ކުރުމަށާއި އެންމެންނަށް ވަޒީފާގެ ފުރުސަތު ގެ ސިޔާސަތު އެކުލަވާލައި ހަރުދަނާ ޖީލެއް ބިނާކުރުމަށާއި ޓިވެޓް ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ޝުކުރު ދަންނަވާފައެވެ.