Saturday, 15 June 2024

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ސްޓެލްކޯއިން ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް!

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލޭގައި އިސްތިތާޙުކޮށްދެއްވި ޕްރޮގްރާމްގައި ބައިވެރިވެ، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ޚާއްސަ ޙަރަކާތެއް ފަށައިފިއެވެ.

ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޙަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ފޯރުކޮށްދޭ ޚިދުމަތާއި ތިމާވެއްޓާއި ވަރަށް ބޮޑު ގުޅުމެއްވާ ކަމަށާއި، އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ އަސަރެއް ކުރުމަކީ ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން މި މަސައްކަތް މިހާބޮޑު އަހަންމިއްޔަތުކަމެއް ދީގެން މި ކުރިއަށް ގެންދަނީ. އިރާދަ ކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް މި ފަސް އަހަރު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށިގެން މިދަނީ" ފަހުމީ ވިދާޅުވިއެވެ.

ގަސް އިންދުމަށް ސްޓެލްކޯއިން ފެށި ޙަރަކާތާއި ގުޅޭގޮތުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު ވިދާޅުވީ، ޤައުމެއް ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު އެއް މަސައްކަތަކީ ޤައުމުގެ ދަރިންނަށްޓަކާ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އުފާވެރި މުޖުތަމަޢުއެއް ހޯދައިދިނުމަށް ރައްކާތެރި މާޙައުލެއް ބިނާކުރުން ކަމަށެވެ. އެހެންކަމުން މިއަދު މި ފެށި މަސައްކަތުގެ ތެރެއިން އިންދާ ގަސްތައް ހެދި އޭގެން ހިޔަލާއި މޭވާ ރައްޔިތުންނަށް ލިބެންދެން އެ ގަސްތައް ބެލެހެއްޓުމަށް ޚާއްސަ ފަރާތްތަކެއް ކަނޑައަޅައި، އެ މަސައްކަތް ވިލަރެސް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ސްޓެލްކޯއަކީ ޤައުމަށް ފެހިކަމާއި ރައްޔިތުންނަށް ފައިދާ ކުރަނިވި އެތައް ކަމެއް ގެނެސްދެމުންދާ ކުންފުންޏެއް ކަމަށެވެ. އަސްލަމް ވަނީ ތުލުސްދޫގައި ސްޓެލްކޯއިން އިންދި ގަސްތައް ބެލެހެއްޓުމުގައި ތުލުސްދޫގެ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ސްޓެލްކޯއިން މިއަދު ފެށި މި ޙަރަކާތުގެ ފުރަތަމަ ފިޔަވަހީގައި ކ. ތުލުސްދޫގައި އިންދި 6000 ގަހާއެކު، ސްޓެލްކޯއިން ޚިދުމަތްދޭ 33 ރަށެއްގައި މިއަދު ވަނީ ޖުމްލަ 21،007 ގަސް އިންދާފައެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި ރުކާއި، އޮފި އެލޭ، ކިނބި އަދި ދިއްގާގެ އިތުރުން ހިރުނދެވެ. މީގެ އިތުރުން މި ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯއިން ވަނީ ކޮންމެ ރަށެއްގައިވެސް ގްރީން އޭޖެންޓެއް ކަނޑައެޅުމަށް ނިންމާފައެވެ.


މިގޮތުން ކަނޑައަޅާ ގްރީން އޭޖެންޓުންގެ ޒިންމާއަކަށް ވަނީ މި ޙަރަކާތުގެ ތެރެއިން ކުރިއަށްގެންދާ ގަސްއިންދުމުގެ މަސައްކަތް ވިލަރެސްކުރުމާއި، ޙަރަކާތުގެ ތެރެއިން އިންދާ ގަސްތައް ބެލެހެއްޓުމެވެ.
ތުލުސްދޫގައި މި ޙަރަކާތް އެ ރަށުގެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތަކާއި އަދި ރަށުގައި ހިންގާ ޖަމުޢިއްޔާތަކާއި ގުޅިގެން ކުރިއަށްގެންދާއިރު، އެހެން ރަށްރަށުގައި މި ޕްރޮގްރާމް ކުރިއަށްގެންދާނީ އެ ރަށެއްގެ ރަށު ކައުންސިލާއި ގުޅިގެންނެވެ.


ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކާބަން ފުޓްޕްރިންޓް ކުޑަކޮށް، ކާބަން އޮފްސެޓް ކުރުމުގެ އަމާޒުގައި ފެށި މި ޙަރަކާތުގައި ހިޔާލިބޭ ބޮޑެތި ގަސްގަހުގެ އިތުރުން ތަރުކާރީއާއި މޭވާ އަދި ހޭޅިފަށް ރައްކާތެރިކުރާ ފަދަ ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު