އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯދީ ދެއްވި ދަޢުވަތު ޤަބޫލު ކުރައްވައި، އިންޑިއާއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މިކަން ވަނީ ރައީސް އޮފީހުން ކަށަވަރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ސިޓީ ހަވާލުކޮށްދެއްވީ ރައީސް މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައި އިންޑިޔާގެ ހައިކޮމިޝަނަރު މުނޫ މަހާވަރުއެވެ.
އެނގިފައިވާ ގޮތުގައި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ވަޑައިގަންނަވާނެއެވެ.
މިއީ ރައީސް މުޢިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ އާދިއްތަ ދުވަހުއެވެ.
މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާއިރު، އެ ރަސްމިއްޔާތަށް ދުނިޔޭގެ އެކި ގައުމުތަކުން ވެރިންނަށް ވަނީ ދައުވަތު ފޮނުވައިފައެވެ.