Saturday, 22 June 2024
މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ކަނޑުގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމުގެ އަމާޒަަށް

ރާއްޖެއަކީ ކަނޑުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމަކަށްވާތީ ކަނޑުގެ ވަސީލަތްތަކުން އާމްދަނީ އިތުރަށް ހޯދުމަށް ތަފާތު އެކި ސިނާއަތް ޤާއިމް ކުރެއްވުމުގެ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ކަނޑުރޯދި އުފާ' ފެސްޓިވަލުގައި ދައުލަތުގެ ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ކަނޑުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް ހިމާޔަތްކުރުމަކީ ސަރުކާރުގެ ވިސްނުންފުޅެއްކަމަށެވެ. އެގޮތުން، ދެމެހެއްޓެނިވިގޮތުގައި ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރުމާއި، މެރިކަލްޗަރ ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓުގެ ނަންތައްދެއްވި އިރުގައި ފީޝަރީޒް މިނިސްޓްރީ މިވަނީ ވަރަށް ބޮޑަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށް މެންޑޭޓްކުރައްވާފަ،
ކަނޑުރޯދިން މިހޯދާ ނަފާ އިތުރުކުރުމާއި އޭގެ އިތުރުން ކަނޑުގެ ވަސީލަތްތަކުން މިހިންގާ ހަރަކާތްތަކަކީ. އާމްދަނީ ހޯދަން ކަމުގައި ވިޔަސް، ދެމެހެއްޓެނިވި ގޮތަކަށް ހިންގޭ ހަރަކާތްތަކަކަށް ހެދުން ވަރަށް ބޮޑަށް އަމާޒުކުރައްވާ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ހުޅުމާލެ ބީޗު ސަަހައްދުގައި ތިމާވެއްޓާއި ގުޅުންހުރި ސްޓޯލްތަކާއިއެކު ޚާއްސަ ފެސްޓިވަލެއް ބާއްވާފައެވެ.

މި ފެސްޓިވަލު ހުޅުވުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފެސްޓިވަލުގައި ތިމާވެއްޓާއި ގުޅުންހުރި ތަފާތު ސްޓޯލްތައް ހުރިއިރު، އޭގެތެރޭގައި ތަހުލީލުތައް ދައްކާލުމާއި، ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މައުލޫމާތު ދިނުމާއި މޫދު ކުޅިވަރިތަކާއި ޑައިވިންގެ އިތުރުން ކަނޑުތަކުގެ ވަސީލަތްތަކާއި ގުޅުން ހުރި ގިނަ ސްޓޯލްތަކެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނާއިގުޅޭ ތަފާތު ކުޅިވަރުތައް ވެސް ފެސްޓިވަލުގައި ކުރިއަށްދިޔައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު