"ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން އިފްތިހާހް ކުރުން/ ފޮޓޯ: އެމްޑައަބްލިއުސްއީ

"ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން އިފްތިތާޙްކޮށްފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ "ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން އިފްތިތާޙް ކޮށްފިއެވެ.

"ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން އިފްތިތާޙް ކޮށްދެއްވީ، މިކަމަށްޓަކައި ސަލްޓަން ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ.

މި ރަސްމިޔާތުގައި ވަޒީރު ވަނީ ފެނުން ދިރުން ވެބްސައިޓާއި ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފަންނުވެރިންނަކީ އެފަރާތްތަކުގެ ކުޅަދާނަކަމާއި ހުނަރުތައް ދައްކައިގެން މީހުންގެ ސަމާލުކަން ހޯދިދާނެ ފަންނުވެރިންތަކެއްކަމަށެވެ. އެގޮތުން ހުނަރުވެރި އެތައް ކުރެހުންތެރިންނެއް މިހާރުވެސް ރާއްޖޭގައި ތިބިކަން ވަޒީރު ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ ފަންނުވެރިންގެ މަސައްކަތް ބަލައިގަނެ އެފަންނު ކުރިއެރުވުމަށް ދައުލަތުން މަސައްކަތް ކުރަން ޖެހޭކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ފަންނުވެރިންގެ ކަންކަން ބަލަހައްޓައި އެފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަކީ ވަކި ވުޒާރާއެއްގެ މެންޑޭޓުގެ ތެރެއިން ހިންގަން ޖެހޭނެކަމެއް ނޫން ކަމަށާއި މިއީ މުޅި ދައުލަތުން ކުރަން ޖެހޭނެ މަސައްކަތެއްކަމަށެވެ.

" މިމަސައްކަތަކީ ވަކި މިނިސްޓްރީއެއްގެ މެންޑޭޓުގެ ތެރެއިން ހިންގަން ޖެހޭ ކަމެއްކަމަށް އަޅުގަނޑު ނުދެކެން. އާޓިސްޓުންގެ މަސައްކަތް ބަލައި ގަނެ ފަންނު ކުރިއެރުވުމަކީ މުޅި ދައުލަތުގެ މައްޗައް އޮތް ވާޖިބެއްކަން އަޅުގަނޑު ގަބޫލް ކުރަން" ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވަނީ މިމުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ފަންނުވެރިންނަށް ދަޢުވަތު ދެއްވާފައެވެ. އަދި ފަންނުވެރިންގެ ކުރެހުންތަކުގެ ޒަރީއްޔާއިން ފެނުގެ ދިރުން ކިޔައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

"އާޓިސްޓުންގެ ހުރި ހުނަރާއެކީގައި މިވާހަކަތައް ކިޔައިދޭންވީ އަޅުގަނޑުމެންގެ ޒުވާނުންނަށް. އެންމެންނަށް. އަޅުގަނޑުގެ އުއްމީދަކީ، އާޓީސްޓުންގެ ވާހަކަތައް. ތިޔަ ބްރަޝްތަކުގެ ހުރި ކުޅަދާނަކަން ތިޔަ ހުނަރު އަޅުގަނޑުމެންގެ ފަޚުރުވެރި މިނިވަން ދުވަހު ފެނިގެން ދިއުން. " މަތީން ވިދާޅުވިއެވެ.

"ފެނުން ދިރުން" އާޓް ކޮމްޕެޓިޝަނަކީ ފެނުގެ ދުވަހާއި ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެމްޑަބްލިޔުއެސްސީން ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަޤުސަދަކީ ހުނަރުވެރިންގެ ހުނަރުތައް ތަރައްޤީކުރުމާއި، ހުނަރުވެރިކަން ދައްކާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމާއި ފެނަކީ ރާއްޖެއަށް ކިހާ މުހިންމު އެއްޗެއްކަން ބައިވެރިންގެ ކުރެހުންތަކުން ދައްކާދިނުމަށް މަގުފަހިކުރުމެވެ.

މިމުބާރާތުން ވަނަ ވަނައަށް ދާ ފަރާތްތަކަށް އިނާމްދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާ، ދެ ވަނައަށް ހޮވޭ ފަރާތަކަށް 35،000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.

މިކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ދައްކާލުން އޮންނާނީ ޖުލައި މަހުގެ 27 އިން 30އަށް ނޭޝަނަލް އާރޓް ގެލެރީގައި ކަމަށް އެމްޑަބްލިޔުއެސްސީން މަޢުލޫމާތުދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު