11 ފެބުރުވަރީ 2026

އޮޕަރޭޝަން "ކުރަނގި" ކ.މާފުއްޓަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި ފުލުހުންނާއި އިމްގްރޭޝަން ގުޅިގެން މިދިޔަ މަހު ފެށި އޮޕަރޭޝަން "ކުރަނގި"، ކ.މާފުށީގައި ކުރިއަށް ގެންދަން ތައްޔާރުވެއްޖެއެވެ.

ދާޚިލީ ވުޒާރާއިން މި އޮޕަރޭޝަންގެ ޕައިލެޓް ޕްރޮގްރާމް ފެށީ ކ. ހިންމަފުށީގައެވެ. އެގޮތުން އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ 705 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ ނަގައި އެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކޮށްފައިވެއެވެ.

ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ ނަގައި ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙުސާން ވަނީ ކުރިން ވިދާޅުވެފައެވެ.

އަދި ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ދާޚިލީ ވުޒާރާގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދެވިގެންދާނެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށާއި، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު