Wednesday, 19 June 2024
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، އިންޑިއާގެ އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޢިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި، ރައީސް މުޢިއްޒު

ރައީސްގެ އަރިހަށް، އިންޑިއާގެ އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޢިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާގައި އިއްޔެ އެކުލަވައިލި އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ޢިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި، ދޭދޭ ގައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަޝްވަރާކުރެއްވިއެވެ. އަދި އެއްޤައުމުން އަނެއް ޤައުމަށްދޭ އެއްބާރުލުމާއި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިޙްތިރާމްގެ މުހިންމުކަން ފާހަގަކުރައްވާ، ރާއްޖެއާއި އިންޑިއާއިން ދެޤައުމުގެ މެދުގައި މިއޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުންވެސް ފާޅުކުރައްވާފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވައި، އިންޑިއާއިން ޒަމާނުއްސުރެ ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައިފައެވެ. އަދި ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތާއި، އިންޑިއާގެ ރައީސް ދެއްވެވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ދަޢުވަތު ޤަބޫލުކުރައްވާ، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު ވަނީ، އެކަމަށް ވަރަށް ޝުކުރު އަދާކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ކުރިމަގުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ނިމިދިޔަ ދައުރުގައި ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މަގާމު އަދާކުރައްވާފައެވެ. އަދި އެ މަޤާމުގައި ޚިދުމަތްކުރެއްވި ދުވަސްތަކުގައި ރާއްޖެއާ ވަރަށް ގާތްގުޅުމެއް އެމަނިކުފާނުވަނީ ދަމަހައްޓަވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު