ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.
މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައި ވަނީ، 19 އޮގަސްޓް 2023 ގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ އެއްރަށަކީ މާފުށިކަން ފާހަގަކުރައްވައި އެރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
We’re continuing to expand banking services to our communities and today, we are pleased to open a new USD ATM in K. Maafushi!
Maafushi Branch now operates as a full-fledged branch offering services to our personal and business customers. pic.twitter.com/fCC3PZSEzJ
— Bank of Maldives (@bankofmaldives) June 10, 2024
ރިޔާސީ ކެންޕެއިންގައި އެކަން އިޢުލާނުކުރެއްވުމުގެ އިތުރުން، އޭގެ ފަހުން 'ރައީސްގެ ޖަވާބު' ސިލްސިލާގައި، 15 ފެބްރުވަރީ 2024 ގައި، ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު، ރައީސް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފައްޓަވާނެ ތާރީޚަކާ ބެހޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން، މިއަހަރު ވީހައިވެސް އަވަހަކަށް މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށަން މަސައްކަތް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރައްވައި، ފައިސާގެ މުޢާމަލާތްތައްކުރުމުގައި ރައްކައުތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުޞޫލުތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަނީ ފައްޓަވައިފައެވެ. އަދި މި ވޭތުވި ހައެއްކަ މަސްދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް މިކަމުގައި ވަނީ ކުރައްވައިފައެވެ.



