އިންޑިއާގެ ބޮޑުވަޒީރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން--

އިންޑިއާ ދަތުރުގެ ސަބަބުން ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ފަހިވާނެ: ރައީސް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެޤައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށް ސިފަކުރައްވާފައެވެ. އަދި މިއީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް ވިދާޅުވަމުން ރައީސް ވަނީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވެ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

"މިދަތުރަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރެއް. އަދި އަޅުގަނޑުމެންގެ ސަރަހައްދަށްވެސް އިރާދަކުރެއްވީތީ ވަރަށް ރަނގަޅު ދަތުރެއް. ވަރަށް އުފާކުރަން އަޅުގަނޑަށް މި ދައުވަތު ދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް. އަދި މިދަތުރުގައި އާދެވި މިކަމުގައި ބައިވެރިވެވި ބައްދަލުކުރެއްވުންތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެކަމަށެވެ. އެގޮތުން ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެގޮތަށް ދެޤައުމުގެ ގުޅުން ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖެއަށް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް. ކުރިއަށް އޮތްތާނގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެޤައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ބޮޑުވަޒީރު މޯދީގެ ޚާއްޞަ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުން ފެނުނީ ދެޤައުމުގެ ގުޅުމަށް ހީނަރުކަމެއް ނައިސް އެގޮތުގައި ދެމި އޮތްކަމެވެ. އަދި ކުރެއްވި މަޝްވަރާތަކުން އިތުރަށް ގުޅުން ބަދަހިވެގެން ދިޔަކަން މި ދަތުރުފުޅުން ވަނީ ހާމަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު