ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމް އިން "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ސެޓެލްކޯއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމް އިން "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށެވެ.
"މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން. އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު." ސްޓެލްކޯއިން ފާހަގަކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ގެ އިސްނެންގެވުމަށް ޕީއެސްއެމް އިން "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް މިކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވަނީ ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައި. މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ… pic.twitter.com/h7h4Lf8VpY
— STELCO (@STELCOMALDIVES) June 12, 2024
ސްޓެލްކޯއިން ހަދިޔާކުރި ބައި މިލިއަން ރުފިޔާއަކީ، ސްޓެލްކޯގެ މުވައްޒަފުންގެ ކޮންޓްރިބިއުޝަން ހިމެނޭގޮތަށް ހަދިޔާކޮށްފައިވާ ފައިސާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައިކަން ވަރަށް ފުރިހަމައަށް މިއަދު ސާބިތުކޮށްދެއްވާނެކަމާމެދު އެމަނިކުފާނު އެއްވެސް ޝައްކެއްނުކުރައްވާކަމުގައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިވަމުން ދިއުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.