ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ފަންޑަށް ފައިސާ ހަވާލުކުރުން

ޤައުމީ ދިފާއީ ބާރުން ފަލަސްޠީނަށް 2 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނަށް އެހީވުމަށްޓަކައި މިއަދު ކުރިއަށްގެންދާ ޓެލެތޯންގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ފަލަސްތީނަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ "ފަލަސްތީނަށްޓަކައި ދިވެހިން" ޓެލެތޯން އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމްއިން އިންތިޒާމުކުރި ޓެލެތޯނެކެވެ.

މިއަދުގެ ޓެލެތޯންގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުން ވަނީ ބޮޑެތި އަދަދުތަކުން އެހީ ފޯރުކޮށްދީފައެވެ. މިއަދުގެ ޓެލެތޯންގައި އެންމެ ބޮޑު އަދަދެއް ހަދިޔާ ކޮށްފައިވަނީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި ހުށަހެޅި ފައިސާގެ އެހީއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ފަރާތުން އެ އަދަދު ޓެލެތޯންއަށް ހަދިޔާ ކުރެއްވުމަށް ޕީއެސްްއެމްއަށް ވަޑައިގަތީ ޑިފެންސް މިނިސްޓަރު ޣަައްސާން މައުމޫންއެވެ. ޓެލެތޯންގައި ވާހަކަދައްކަވަމުން ޣައްސާން ވަނީ ވީހާވެސް ގިނަ މީހުން ފަލަސްތީނަށް އެހީވުމަށް ޓެލެތޯންއަށް ފައިސާ ހަދިޔާ ކުރުމަށް އެދިވަޑައިގެންފައި ވެއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު