ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ފަލަސްޠީނަށް

ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ބެހެއްޓި ފަންޑު ފޮށްޓަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކޮށްފިއެވެ.

ވުޒާރާގެ ފަރާތުން މި އެހީ ފަންޑަށް ހަވާލުކޮށްދެއްވީ ވަޒީރު ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ޕީއެސްއެމްގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

މި އެހީއަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި 'ފަލަސްޠީނާއެކު ދިވެހީން' ގެ ނަމުގައި ޤައުމީ ފެންވަރުގައި މިއަދު ކުރިއަށްގެންދާ ހާއްސަ ޓެލެތޯންގައި މި ވުޒާރާ ބައިވެރިވުމުގެ ގޮތުން ހުރިހާ މުވައްޒަފުންގެ ފަރާތުން ދިން އެހީއެކެވެ. އެހީ ހަވާލުކޮށްދެއްވުމަށް ފަހު ޕީއެސްއެމްގެ ލައިވް ޓެލެތޯންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހީންނަކީ ކިތަންމެ ކުޑަ އާބާދީއެއް ނަމަވެސް ފަލަސްޠީނުގެ ކެކުޅުންތައް ވަރަށް ފުންކޮށް އިހްސާސްކުރާ ބައެއް ކަމަށެވެ. އަދި ފަލަސްޠީނަކީ ދިވެހިންނާ އަބަދުވެސް ގާތް އަޚުވަންތަކަމެއް އޮންނަ ޤައުމެއް ކަމަށާއި، މި ވުޒާރާ އުފެދުނު ފަހުން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ފަރާތަކަށް ފަލަސްޠީނުގެ ސަފީރު ވީކަމީ ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމުގައި ވިދާޅުވިއެވެ.

މިއަދު ހެނދުނު 08:00 އިން މިރޭ 12:00 އަށް ޓީވީއެމްގެ ސްޓޫޑިއޯއިން ލައިވްކުރަމުންދާ މި ޓެލެތޯނަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ބާއްވާ ޓެލެތޯނެކެވެ. މި ޓެލެތޯން ފަށްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. ޓެލެތޯން ފަށްޓަވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނަށް އެހީވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، ވަކިން ހާއްސަކޮށް މިހާރަކީ ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީން ރައްޔިތުންނަށްޓަކައި ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފަލަސްޠީނަށް އެހީވުމަށް ހާއްސަކޮށްފައިވާ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ދިހަ ގުނަ އިތުރުކޮށް، މިއަހަރުން ފެށިގެން 50 ހާސް ޑޮލަރު ހަދިޔާ ކުރަން ނިންމާފައިވާ ކަމުގައި ވެސް ސަރުކާރުން ވަނީ މިއަދު އިޢުލާންކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު