"މަގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް ހަވާލުކޮށްފި

"މަގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް ހަވާލުކޮށްފި

ރަށްރަށުގައި ކުނި މެނޭޖްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާއިން ހިންގަމުންދާ "މަގޭ ސާފުރާއްޖެ" ޕްރޮގްރާމްގެ ދަށުން 30 ރަށަކަށް ކުނި އުފުލާނެ ވެހިކަލް، އެރަށްރަށުގެ ރަށު ކައުންސިލްތަކާ އެވުޒާރާއިން މިއަދު ހަވާލުކޮށްފިއެވެ.

މި ވެހިކަލްތައް ރަށު ކައުންސިލްތަކާ ހަވާލުކޮށްފައިވަނީ މިކަމަށް މިއަދު އެވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާ އަދި ހަކަތައައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެވެ. މިވެހިކަލްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި އެވުޒާރާއިން ހިންގަމުންދާ މަޝްރޫޢު  ގެ ދަށުން މިކަމަށް ރާއްޖެއަށް ގެނެސްފައިވާ މުޅިން އާ ވެހިކަލްތަކެކެވެ. މި މަޝްރޫޢުގެ ދަށުން 78 ރަށަކަށް ވެހިކަލް ފޯރުކޮށްދިނުމަށް އެވުޒާރާއިންވަނީ ނިންމާފައެވެ. އެގޮތުން 22 ފެބްރުވަރީ 2024 ގައި އެވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި 48 ރަށެއްގެ ރަށު ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ. އެހެންކަމުން މިއަދު ރަށު ކައުންސިލްތަކާ ހަވާލުކުރި 30 ވެހިކަލަކީ ބާކީ ހުރި ރަށްތަކަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ވެހިކަލްތައް ކަމުގައި އެވުޒާރާއިންވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ހިންގަމުންދާ މިމަޝްރޫޢުގެ ދަށުން 25 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު މިރަސްމިއްޔާތުގައި އެވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހީމްގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ޓަކެއުޗީ މިޑޯރީ އާއި މިރަށްރަށުގެ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ އަދި ހަކަތައާބެހޭ ވުޒާރާގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

މި ވެހިކަލްތައް ހަވާލުކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ މިފަސް އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ އެކަށީގެންވާ ނިޒާމެއް އެކުލަވާލުމެވެ. އެގޮތުން ވޭތުވެދިޔަ 6 މަހުގައި 22 ރަށަކަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށް ދީ އެއިކުއިޕްމަންޓް ހިންގާނެ ގޮތުގެ ތަމްރީންވެސް އެރަށުކައުންސިލްތަކަށް ފޯރުކޮށްދީފައިވާ ކަމުގައި ވަޒީރު ޠާރިޤް ވިދާޅުވިއެވެ. އަދި މީގެ އިތުރުން 45 ރަށަކަށް ހަމަ މިފަދަ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށްޓަކައި ބައިނަލް އަގުވާމީ ބީލަމެއްގެ ތެރެއިން ބަޔަކާ ހަވާލުކޮށް އެތަކެތި އޮގަސްޓް މަހު ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަދިގެއިން އުކާލާ ކުނި ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމަށްޓަކައި އެކަމަށް ޚާއްސަ ޓެކްނޮލޮޖީ އެއް ރާއްޖެ ގެނެސް 4 ރަށެއްގައި މިހާރު އިންސްޓޯލްކޮށް ކަމިޝަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި އެވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން މިޓެކްނޮލޮޖީ ކާމިޔާބުވެއްޖެނަމަ އިތުރު ރަށްތަކުގައިވެސް މި ޓެކްނޮލޮޖީ އިންސްޓޯލްކުރާނެ ކަމުގައި އެވުޒާރާއިންވަނީ ބުނެފައެވެ.

މިއަދު ރަސްމިޔާތުގައި ވާހަކަފުޅު ނިންމާލައްވަމުން ވަޒީރު ވިދާޅުވީ މިއަދު މިޙަވާލުކުރެވުނު ވެހިކަލްތަކަކީ ހިލޭ އެހީއެއްގެ ދަށުން ފޯރުކޮށްދީފައިވާ ތެކެތިކަމުގައިވިއަސް މިއީ އަގު ބޮޑު އެއްޗެއް ކަމުން މިއީ ދާއިމަށް ކުރެވޭނެ ކަމެއް ނޫންކަމުގައެވެ. އެހެންކަމުން މިއަދު މިހަވާލުކުރެވުނު ވެހިކަލްތަށް އެއްމެ ރަނގަޅުގޮތުގައި ބޭނުންކޮށް އެރަަށްރަށުގެ ރައްޔިތުންނަށް ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދީ މިގޮތަށް ފޯރުކޮށްދޭ ވެހިކަލްތަކާއި އިކުއިޕްމަންޓްތައް ރަނގަޅަށް މެއިންޓެއިންކޮށް ބެލެހެއްޓުމަށް ރަށުކައުންސިލްތަކުގައި ވަޒީރުވަނީ އެދިވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު