މި ޑިޖިޓަލް ޒަމާނުގައި ކިޔެވުމުގެ އުފަލާއި، ޢިލްމަށްކުރާ ލޯބި ފިލައިގެން ދިޔަނުދިނުމަށް މަސައްކަތްކުރުމަކީ އެންމެންގެ އަމާޒަކަށް ހަދައި، އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދޭތަނަކަށް ޑިޖިޓަލް ލައިބްރަރީ ހެދުމަށް މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ ދުނިޔޭގެ ފޮތުގެ ދުވަހާއި، ކުތުބުޚާނާދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައި.ޔޫ.އެމް)ގައި ބޭއްވި ޑިޖިޓަލް ލައިބްރަރީ އިފްތިތާހް ކުރުމުގެ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ ފޮތްތަކަކީ ތަޢުލީމާއި ވިސްނުންތޫނުކަން ބާރުވެރިކުރުވުމުގެ ބިންގާކަމަށާއި ތަފާތު ސަޤާފަތްތަކާއި އިންސާނީ ފިކުރާއި ޖަޒުބާތުތައް ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެއްކަމަށެވެ. އަދި އައި.ޔޫ.އެމްގައި އިފްތިތާހު ކުރާ ޑިޖިޓަލް ލައިބްރަރީގެ ސަބަބުން، ޔުނިވަރސިޓީގައި ހުރި ފޮތްތަކުގެ އިތުރުން ދުނިޔޭގެ އެކި ދާއިރާތަކުން މަޢުލުމާތު ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެކަން ފާހަގަ ކުރައްވައި، މި ޑިޖިޓަލް ލައިބްރަރީއަކީ 21 ވަނަ ގަރުނުގެ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ފަރުމާކޮއްފައިވާ ޕެލެޓްފޯމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޑިޖިޓަލް ޓެކްނޮލޮޖީ އައުމާއެކު މައުލުމާތު ހޯދުމާއި ބޭނުންކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް އައިސްފައިވޭ އަދި ސަގާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގުކުޑަކޮށް، މި ޑިޖިޓަލް ޒަމާނުގައި ކިޔެވުމުގެ އުފަލާއި، ޢިލްމަށް ކުރާ ލޯބި ފިލައިގެން ދިޔަނުދިނުމަށް މަސައްކަތްކުރުމަކީ އެންމެންގެ އަމާޒަކަށް ހަދައި އުނގެނުމާއި އުގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުންތަށް، މިފަދަ ވަސީލަތްތައް ބޭނުންކޮއްގެން ހައްލު ކުރާ ތަނަކަށް މި ޑިޖިޓަލް ލައިބްރަރީ ހެދުމަށް އަޅުގަނޑު އިލްތިމާސްކުރަން" ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ ފޮތުގެ ދުވަހާއި ކުތުބުޚާނާދުވަހުގެ މުނާސަބަތުގައި، އެންމެހާ ކިޔުންތެރިންށާއި ކުތުބުޚާނާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވައި އައި.ޔޫ.އެމްގެ އެންމެހައި އިސްވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.