ދާޚިލީ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް 1.7 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ދާޚިލީ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް 1.7 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ހޯމް ޓީމްގެ ފަރާތްތަކުން 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް އިއްޔެ ހެނދުނު 8 އިން ދަންވަރު 12އަށް ކުރިއަށް ގެންދިޔަ ޓެލެތޯންގައި އެ ފައިސާގެ "ރަމްޒީ ބޯޑު" ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރްއާ ހަވާލު ކޮށްދެއްވީ ދާޚިލީ ވަޒީރު ޢަލީ އިޙްސާންއެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި މި ހަފްލާގައި ހޯމް ޓީމްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފައިސާގެ ރަމްޒީ ބޯޑު ޕީއެސްއެމްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ފަލަސްޠީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް އެހީވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މުޅި ހޯމް ޓީމަށް ޚާއްސަ ޝުކުރެއް އަދާކުރައްވާ މިނިސްޓަރ ވިދާޅުވީ މި ޓެލެތޯނުން ރަމްޒުކޮށްދިނީ ދިވެހިންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އޮތް ލޯތްބާއި ކުލުނުވެރިކަން ކަމަށެވެ.

" އަޅުގަނޑު ދުޢާކުރަން ފަލަސްތީނުގެ މުސްލިމުންނަށް ވީއެންމެ އަވަހަކަށް ކާމިޔާބު ދެއްވުމަށް. އަދި ނަސްރު ލިބުމަށް." ދާޚިލީ ވަޒީރު ޢަލީ އިޙްސާން
ހޯމް ޓީމުގެ ފަރާތުން މި ޓެލެތޯނަށް ހަދިޔާކޮށްފައިވަނީ އެއް މިލިއަން ހަތްސަތޭކަ ފަސްދޮޅަސް އަށްހާސް ހަތަރުސަތޭކަ އަށާރަ ރުފިޔާ ނުވަދިހަ ތިން ލާރިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބެހެއްޓިއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައިވެސް ފޮށިތައް ބެހެއްޓިއެވެ. އަދި އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސިއެވެ. މި ފަންޑަށް މުޅި ޖުމްލަ 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޕީއެސްއެމުން މައުލޫމާތުދެއެވެ.

ކްރޯ މޯލްޑިވްސްއިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރުފިޔާ ލިބިފައިވާ ކަމަށާއި އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާވެފައެވެ.

"ފަލަސްޠީނާއެކު ދިވެހީން" ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ވަނީ ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު