'ފަލަސްޠީނާއެކު ދިވެހީން'ގެ ނަމުގައި ކުރިއަށްގެންދާ ޓެލެތޯންގައި މާލީ ވުޒާރާއިން ބައިވެރިވެއްޖެ

"ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށްގެންދާ ޓެލެތޯންގައި މާލީ ވުޒާރާއިން ބައިވެރިވެއްޖެ

’ފަލަސްޠީނާއެކު ދިވެހީން’ގެ ނަމުގައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްޞަ ޓެލެތޯންގައި މާލީ ވުޒާރާއިން ބައިވެރިވެއްޖެއެވެ.

މިގޮތުން މި ޓެލެތޯންގައި ބައިވެރިވުމުގެ ގޮތުން މާލީ ވުޒާރާއިން ވަނީ މިއަދު ފަންޑްރެއިޒިންގ ޙަރަކާތެއް ކުރިއަށްގެންގޮސްފައެވެ.

މި ޙަރަކާތުގައި މުވައްޒަފުން ހަދިޔާކުރި ފައިސާގެ އެހީ ވަނީ މި ޓެލެތޯން އިންތިޒާމުކޮށް ކުރިއަށްގެންދާ ފަރާތާ ހަވާލުކުރެވިފައެވެ.

މި ޓެލެތޯނަކީ އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާއްމުގައި އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޓެލެތޯނެކެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު