22 އެޕްރީލް 2025
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުން، ފޮޓޯ: ރައީސް އޮފީސް

"ފަލަސްޠީނާއެކު ދިވެހީން" ތެލެތޯނަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ކުރިއަށްގެންދިޔަ "ފަލަސްޠީނާއެކު ދިވެހީން" ފަންޑަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މިއީ ރޭ މެންދަމު 01:15އާއިހަމައަށް ލިބިފައިވާ ފައިސާގެ ޢަދަދުކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ވަނީ ވިދާޅުވެފައެވެ.

މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއިން ވިދާޅުވީ، ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ ޢަދަދެއްގެ ވަކިލާރި ލިބިފައި ހުރުމުންކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާކަމަށް އެ އޮޑިޓު ފާމުން ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ފާމުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކްރޯ މޯލްޑިވްސްއިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރ. ލިބިފައިވާ ކަމަށެވެ. އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާވެފައެވެ.

ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯން ކަވަރޭޖު ނިންމާލާފައިވީނަމަވެސް އަދިވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު ވަނީ މިއަދު އިރުއޮއްސި 06:00އާއިހަމައަށް އިތުރުކޮށްފައެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު