ފޮޓޯ: ކްރިސްޓިއާނޯ ރޮނާލްޑޯ ރަސްމީ އެކްސް އެކައުންޓުން

ރޮނާލްޑޯގެ މެޗުތައް ބަލަން ޝައުޤުވެރިވަނީ ކީއްވެ؟

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ޕޯޗުގަލް ގައުމީ ޓީމާއެކު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕްރެކްޓިސް ސެޝަން ބެލުމަށް ދޫކުރާ ޓިކެޓުގެ އަގު 800 ޔޫރޯއަށް ވަނީ އަރާފައެވެ.

ޖަރުމަނުގައި ޕޯޗުގަލް ޓީމުގެ ކޭމްޕުކޮށްފައިވަނީ ވެސްޓްފާލިއާގައެވެ. އެ ޓީމުން ވަނީ ހުކުރު ދުވަހު ކުރިއަށްގެންދާ ޓްރެއިނިން ސެޝަން ބެލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ. ޔޫރޯ އޮންނަ ޖަރުމަނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށާއި ޓިކެޓުގެ އަގު ކުރިއަށްއޮތް ދުވަސްތަކުގައި އުފުލިގެން ދިއުން ވަރަށް ގާތް ކަމަށެވެ.

އޭނާގެ ޓްރެއިނިންގ ސެޝަންތަކަށް ޖުމްލަ 6000 ޓިކެޓު ދޫކުރިއިރު، މީގެ ތެރެއިން ގިނަ ޓިކެޓުތައް ވަނީ ކަޅު ބާޒާރުގައި ވިއްކަން ފަށާފައެވެ. ފުރަތަމަ ޓިކެޓް ވިއްކީ އަގު ހެޔޮކޮށް ނަމަވެސް ޑިމާންޑު ބޮޑުވުމުން މިހާރު އަގު ވަނީ 800 ޔޫރޯއަށް އަރާފައެވެ.

ޖަރުމަނުގެ އޮންލައިން ވެބްސައިޓުތަކުގައި މި ޓިކެޓުތައް ދަނީ ފޯރީގައި ވިއްކަމުންނެވެ. ރޮނާލްޑޯގެ ޓްރެއިނިން ސެޝަންގެ ޓިކެޓުގެ އަގު އަދިވެސް ދާނީ އުފުލެމުން ކަމަށް ބެލެވެއެވެ.

ރޮނަލްޑޯގެ މެޗްތައް ބަލަން މިހާ ޝައުޤުވެރިވަނީ ކީއްވެ ހެއްޔެވެ؟ އެއީ ރޯނަލްޑޯއަކީ ޕޯޗުގަލުގެ ކުޅުންތެރިއަކަށް ވެގެންނެއް ނޫނެވެ. މިއީ ރޮނާލްޑޯގެ ހަ ވަނަ ޔޫރޯއެވެ. ސައުދީގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯއަކީ އަދިވެސް ޔޫރަޕުގައި މަގުބޫލު ކުޅުންތެރިއެކެވެ. އެންމެ ފަހުން ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު ޕޯޗުގަލް އަށް ކުޅެދިން 207 މެޗުގައި ރޮނާލްޑޯ ޖެހި ގޯލްގެ އަދަދު ވަނީ 130 އަށް އަރާފައެވެ. މިހާތަނަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ.

މިފަހަރުގެ ޔޫރޯގައި ޕޯޗުގަލް ހިމެނުނީ ގްރޫޕް އެފްގައި ދެން އޮތީ ޗެކްރިޕަބްލިކާއި ތުރުކީ އަދި ޖޯޖިއާ އެވެ. މި މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނިކުންނާނީ ޗެކްރިޕަބްލިކާ ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ