އަޟްޙާ ޢީދު ދުވަހުގެ ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.
ސިޓީ ކައުންސިލުން ވަނީ އަޟްޙާ ޢީދު ދުވަހުގެ ހަވީރު ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި އުޅަންދުތައްވެސް ދުއްވުން މަނާވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތަކީ އާދިއްތަ ދުވަހު ހަވީރު 04:00 އިން އިރުއޮއްސި 06:00 އާ ހަމައަށެވެ. މި ނިންމުމުގެދަށުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެއެވެ.
އެކަމަކު، އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތައް، ސިޓީ ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދައެއްގެދަށުން ދުއްވޭނެއެވެ. މި ހުއްދައާއި އެކަމަށް ބޭނުންވާ ސްޓިކަރ ދޫކުރާ ގަޑިތައް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިއަދު މެންދުރު 02:00 އިން ހަވީރު 04:00 އަށް އަދި ރޭގަނޑު 09:00 އިން 11:00 އަށް ހުއްދަ ދޫކުރުން ކުރިއަށްދާނެއެވެ. އަދި މާދަމާ ހެނދުނު 10:00 އިން މެންދުރު 02:00 އަށް އަދި ރޭގަނޑު 09:00 އިން 11:00 އަށް ހުއްދަ ދޫކުރުން ކުރިއަށްދާނެއެވެ.
އީދު ދުވަހު ވެހިކަލް ދުއްވަން ބޭނުންވާ ހުއްދަ ދޫކުރަނީ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާ ބެހޭ ބައި (ތައިސޭ ކޮށި، މާލެ) އޮފީހުންނެވެ.
އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުގައި ހުއްދަ ދީފައިވާ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވާނަމަ، އެންގުމާ ޚިލާފުވާ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ޢީދުގެ މުނާސަބަތާ ގުޅިގެން، ވަކި ވަގުތުތަކެއް ވެހިކަލް ދުއްވުން މަނާ ގަޑިތަކެއްގެ ގޮތުގައި ހަމަޖައްސައެވެ. އެއީ ޢީދުގެ އެކި ހަރަކާތްތައް މަގުތަކުގައި ކުރިއަށްގެންދިއުމާ އަދި އާއިލާތަކަށް ހިތްހަމަޖެހުމާއެކު މަގުތަކަށް ނިކުމެ ހަރަކާތެރިވެވޭނެ ފުރުޞަތު ދިނުމަށެވެ.