23 އެޕްރީލް 2025
މުންދު، ޔޫއޭއީގެ ރައީސްއާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

މުންދު، ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސަށް އަރުވައިފި

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު)، ސަފީރުކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް އަރުވައިފިއެވެ.

ރިޔާސީ ގަނޑުވަރު ގަސްރު އަލް ވަތަންގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ޔޫއޭއީގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދު ވެސް އެއްބާރުލުން ދެއްވާކަމުގެ ޔަޤީންކަން އަރުވައިފައެވެ. އަދި އެ ކަންކުރުމުގައި ސަފީރުންގެ މަސައްކަތްތަކަށް ބޭނުންވާ ކަންކަމުގައި އެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ކަށަވަރު ކޮށްދެއްވިއެވެ.

ރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާކުރަން އެ ގައުމު އޮތީ ތައްޔާރަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އާ ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަޤީންކަން ޔޫއޭއީގެ ރައީސް ދެއްވިއެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު މުންދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހިންގެ ފަރާތުން ޔޫއޭއީގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ސަފީރުގެ ފަތްކޮޅު އެރުވުމުގެ އިތުރުން ދިވެހި ދިދަ ނަންގަވާފައިވެއެވެ.

ރާއްޖެ-ޔޫއޭއީ ސިޔާސީ ގުޅުން ގާއިމް ކުރީ މާޗު 15، 1978 ގައެވެ. މުންދު އަކީ އެ ގައުމަށް ކަނޑައެޅުއްވި ހަ ވަނަ ސަފީރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު