"ފިޔަ" ޖަހާތާ 1 އަހަރު؛ 6000 އަށްވުރެ ގިނަ ޚަބަރު ޝާއިޢުކޮށް، ކިޔުންތެރިންނާއެކު ކާމިޔާބު އަހަރެއް!

ޙަމްދުހުރީ މާތް ﷲ އަށެވެ. ދިވެހި ނޫސްވެރިކަމުގެ އުދަރެހުގައި "ފިޔަ އޮންލައިން"، ފިޔަ ޖަހާތާ 1 އަހަރު ފުރުނީއެވެ. 15 ޖޫން 2023 ގައި ހޯމް މިނިސްޓްރީގައި ފިޔަ އޮންލައިން ރަޖިސްޓްރީ ކުރުމަށްފަހު "ތެދު" ޚަބަރާއި މަޢުލޫމާތު، ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާނެއެވެ.

މި ނޫސް ވުޖޫދުވެގެން އައި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވަރަށް ބޮޑު ބަދަލެއް އައި ދުވަސްވަރެކެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށި، ސިޔާސީ ޙަރަކާތްތައް ފުޅާވެގެން ދިޔަ ދުވަސްވަރެވެ. ފިޔައިން ވާނީ އެ ޚަބަރުތައް އެންމެ ތާޒާ ކަމާއެކު ގެނެސްދީފައެވެ. ފިޔަ ޖަހަން ފެށިތާ މާ ގިނަ ދުވަހެއް ނުވިޔަސް އަޅުގަނޑުމެންގެ ޤާބިލިއްޔަތުކަން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި ޚަބަރުތަކާއި މަޢުލޫމާތުތައް ގެނެސްދީފައިވާނީ، ނުހަނު ހުށިޔާރު ކަމާއެކުގައެވެ.

އެދުވަސްވަރު ފިޔައިގެ ވިދުން ގަދަވެގެން ދިޔައީވެސް އެ ސަބަބާ ހެދިއެވެ. ޚާއްޞަ ގޮތެއްގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްކަން ކަށަވަރު ކުރެވިގެން ދިޔަ ޚަބަރާއި، އެ މަނިކުފާނާއި އެމަނިކުފާނުގެ ރަނިންގ މޭޓު ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ފޯމް ހުށަހަޅުއްވަން ޕީޕީއެމް އޮފީހުން ނިކުމެ ވަޑައިގެން އިލެކްޝަންސް ކޮމިޝަނަށް މިސްރާބު ޖެހި ޚަބަރު އެންމެ ފުރަތަމަ ގެނެސްދީފައިވާނީ، ފިޔައިންނެވެ.

މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޚަބަރުތައް ގެނެސްދިނުމުގައި ފިޔައިން އަދާކުރި ދައުރު މުހިއްމެވެ. މި ނޫހުން ޚާއްސަ މަސައްކަތެއްގެ ގޮތުގައި ދެކި ޕްރޮމޯޓް ކުރި ކެންޑިޑޭޓެއް ވަނީ މަޖިލިސް އިންތިޚާބު ކާމިޔާބުކޮށްފައެވެ. އަދި، މަޖިލިސް އިންތިޚާބާ ގުޅިގެން ފިޔައިން ސޯޝަލް މީޑިޔާގައި ގެނެސްދިން 4 މިނެޓްގެ ވީޑިއޯ އިންޓަވިއު "ގޮނޑި" ވެގެން ދިޔައީ އާންމުންނަށް ވަރަށް ކަމުދިޔަ ޕްރޮގްރާމަކަށެވެ.

އޭރުގެވެސް މިހާރުވެސް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ޚަބަރުތައް ގެެނެސްދިނުމުގައި ފިޔަ ޖަހަމުން މިދަނީ، ޤައުމީ ޚިދުމަތުގެ އެންމެ މުހިއްމު އަސާސަކީ އަދި ދިވެހި ތާރީޚަށްޓަކައި ކޮށްދެވޭނެ އެންމެ މުހިއްމު ޚިދުމަތަކީވެސް އެއީ ކަމަށް ދެކިގެންނެވެ. އެ ރޮނގުން ފިޔަ ޖަހާނީ އެންމެ އުހުގައެވެ. އަވަސް ޚަބަރާއި ތެދު ޚަބަރު ފޯރުުކޮށްދިނުމުގައި ދެމި ތިބޭނަމެވެ.

2023 ވަނަ އަހަރުގެ އޮންޓޫބަރު މަހުގެ 7 ވަނަ ދުވަހު، މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގެ ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި ފިޔައިން އަދާކުރި ދައުރާމެދު ސުވާލެއް ނުއުފެދޭނެއެވެ. މިއީ އަޅުގަނޑުމެންގެ ހިތަށް ކެތްވާ ވާރުގެ ކަމެއް ނޫނެވެ. ހަނގުރާމަ ފެށިފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,202އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,932އަށް އުފުލިފައެވެ. އދއިން ބުނާ ގޮތުގައި, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވެއެވެ.

އިސްލާމީ އުންމަތަށް ދިމާވާ މިފަދަ ހިތާމަވެރި ކާރިސާތަކުގައި އަޅުގަނޑުމެން ބައިވެރިވާނަމެވެ. އެ ފަރާތްތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން އަބަދުމެ ހިތްވަރު ދޭނަމެވެ. ޣައްޒާއަށް އެހީވުމަށް ދާދި ފަހުން ޕީއެސްއެމްއިން ބޭއްވި ތެލެތޯނަށް ހިތްވަރުދީ އާންމުންގެ ފަރާތުން އެފަންޑަށް އެހީވުމަށް ހިތްވަރު ދިނުމަށް ފިޔައިން ވާނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އެކަމާ ގުޅޭ ޚަބަރުތައް ގެނެސްދީފައި ވާނީ ސާބިތުކަމާއެކުގައެވެ.

ފިޔަ ޖަހާނެއެވެ. ބޭރު ދުނިޔޭގެ ޚަބަރުތައް ގެނެސްދިނުމުގައި ފިޔައިން އަދާކުރަމުންދާ މުހިއްމު މަސައްކަތް ކިޔުންތެރިން ވަނީ ބަލައިގެންފައެވެ. އެންމެ މަޤްބޫލު ޚަބަރުތަކުގެ ލިސްޓަށްވެސް އަރާފައިވަނީ އެ ޚަބަރުތަކެވެ. އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވީ ޙާދިސާގެ ކަވަރޭޖު އެންމެ އަވަހަށް ގެނެސްދިން ނޫހަކަށް ފިޔަ ވާނެއެވެ. އުމުރުފުޅުން 63 އަހަރުގެ ރައީސީ އަވަހާރަވީ މޭ 19ވަނަ ދުވަހު ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހިތާމަވެރި ހާދިސާގައެވެ. ހެލިކޮޕްޓަރު ވެއްޓިފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ. އެ ހެލިކޮޕްޓަރު ފެނުނު ޚަބަރު، އެންމެ ފުރަތަމަ ގެނެސްދިން ނޫހަކަށް ފިޔަ ވާނެއެވެ.

މި ނޫނަސް ދުނިޔޭގެ މަޝްރަޙުގައި ހިނގަމުންދާ ޚަބަރުތައް ގެނެސްދިނުމުގައި ފިޔަ ޖަހާނެއެވެ. ފިޔައިގައި ބުންވަރު ހުންނާނެއެވެ.

އެއިރެއްގައި ހިނގަމުންދާ މުހިއްމު ކަންކަމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރިޕޯޓްތައް ގެނެސް ދިނުމުގައިވެސް ފިޔަ ޖެހިއެވެ. އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި ދެކިގެންނެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާއިން ފިޔައިން ގެނެސްދޭ، ވާހަކަތަކަށްވެސް ކިޔުންތެރިންގެ މަޤްބޫލުކަން ވަނީ ލިބިފައެވެ. އެގޮތުން އެންމެ މަޤްބޫލުކަން ލިބިފައިވާ އެއް ވާހަކައަކީ ހިތް އެދޭހާ ކަމެއް.. (71 ވަނަބައި) މި ވާހަކައެވެ. މިވާހަކައިގެ 71 ވަނަ ބައި ގެނެސްދީފިއެވެ. ލިޔުންތެރިޔާއަށް ޙައްޤު ޝުކުރު ބަރުތީލަކުރަމެވެ.

ހަމައެހެންމެ، ޅެންވެރިކަމުގެ ދާއިރާއިން ވެސް ފިޔަ ޖަހާނެއެވެ. އެކަން ދާނީ ފުޅާވަމުންނެވެ. ބާރު މިނުގައި ފިޔަ ޖަހާނެއެވެ. މަނަދޫ އަޒީގެ ޅެންހާރު އެމުނި ގެތެމުން އެދަނީ ދިވެހި ޅެންވެރިކަމުގެ ފަޒާގައި ޖަހާ އެންމެ ބާރުގަދަ އެއް ފިޔައިގެ ގޮތުގައެވެ.

ރައްޔިތުން ހޭލުންތެރި ކުރުވާނަމެވެ. އެކަމުގައި ފަހަތަކަށް ނުޖެހޭނަމެވެ. އިރާދަކުރެއްވިއްޔާ، ފިޔައިގެ މަޤްބޫލުކަން ދާނީ އިތުރުވަމުންނެވެ. ފިޔަ ކޮށައެއް ނުލެވޭނެއެވެ. ޙަސަދަވެރި ނުވާށެވެ. ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ޙަސަދަވެރިކަމެވެ. ނޫސްވެރިކަން ހިންގަންވާނީ އެއްބާރުލުންދޭ ކަމެއްގެ ގޮތުގައެވެ. ޒަމާނީ ވިޔަފާރިއަކީވެސް "ކޯޕަރޭޓިވް ބިޒްނަސް" އެވެ.  ނޫސްވެރިކަމުގައިވެސް "ކޯޕަރޭޓިވް' ނޫސްވެރިކަމުގެ ވިސްނުން އިސްކުރާންޖެހެއެވެ. ފިޔަ ތިރިކުރުވަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. އެހެން ނޫސްވެރިންވެސް އެއްބާރުލުން ދޭށެވެ. އެހީތެރިވާށެވެ. އެ އެހީތެރިކަމަކީ ހަމަ އެފަރާތަކަށްވެސް ލިބޭ ކުރިއެރުމެކެވެ. ވާދަވެރިވިޔަސް ޙަސަދަވެރި ނުވާށެވެ.

ޚަބަރާއި މަޢުލޫމާތުގެ ކޯވަރުން ފެންދީ ހައްދަން ފިޔައިގެ މުސްތަޤްބަލު އޮތީ މާ އުޖާލާކޮށެވެ. ކިޔުންތެރިން އަޅުގަނޑުމެންނާ އެކު ދެމިތިބޭށެވެ. ތިޔަ ބޭފުޅުން އަޅުގަނޑުމެންނާއެކު ދެމި ތިބިކަމީ އަޅުގަނޑުމެންގެ ކުރިއެރުމެވެ. ފިޔައަށް އެންމެ ގިނަ ކިޔުންތެރިން ވާސިލުކޮށްދޭ މަގަކީ ފޭސް ބުކް ޕްލެޓް ފޯމެވެ. އެއް އަހަރުގެ ތެރޭގައި 9800 އަށްވުރެ ގިނަ ޞައްޙަ ފޮލޯވަރުން ލިބިގެން ދިޔަ ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިކަމަށްވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރަން ބަޔަކު މަސައްކަތްކުރެއެވެ. އެހެނަސް މަސައްކަތް ދާނީ ކުރިއަށެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފިޔަ ޓީމަށް ޤަބޫލުކުރެވެއެވެ. ދެންވެސް މުހިއްމުކަމެއް ދޭންޖެހޭ ދާއިރާތަކުން ފިޔައިން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާނަމެވެ. "ކޮލަމް" ގެ ބައި ވަރުގަދަކުރާނަމެވެ.

އަޅުގަނޑުމެންގެ ޓީމުގެ މަސައްކަތަށް ހާސްފަށްފަށުން ޝުކުރިއްޔާއެވެ. އަޅުގަނޑުމެންނަށް ސްޕޮންސަރ ދެއްވާ ކުންފުނިތަކާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިޔައީ އަޅުގަނޑުމެންގެ ހަކަތައެވެ.

ހިލޭ ސާބަހަށް ލިޔުންތައް ތައްޔާރުކޮށްދެއްވަމުން ގެންދަވާ ފަރާތްތައްވެސް މަދެއް ނޫނެވެ. ތިޔަ ބޭފުޅުންގެ ޚިދުމަތް އަޅުގަނޑުމެން ބަލައިގަންނަމެވެ. ދުވަހަކުވެސް އެކަން ހަނދާނުން ނުނެތޭނެއެވެ.

އެކި ގޮތްގޮތުން ހިތްވަރުދީ، އެހީތެރިކަން ދޭ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާއެވެ.

ކީިރިތި ﷲ އަށް ޙަމްދު ހުއްޓެވެ. ފިޔަ ޖަހާނެއެވެ. އިރާދަކުރެއްވިއްޔާ، ފިޔަ ޖަހާ ބާރު މިން ދާނީ އިތުރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު