Monday, 07 October 2024
ދިވެހި ޙައްޖުވެރިން އަރަފާތުގައި، ފޮޓޯ: ޙައްޖު މިޝަން

ދިވެހި ހުރިހާ ޙައްޖުވެެރިންވެސް ތިބީ ޢަރަފާތުގައި: އިސްލާމިކް މިނިސްޓަރު

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިންވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދާދި ދެންމެއަކު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ ގްރޫޕަށް ދެއްވި އޯޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ހުރިހާ ޙައްޖާޖީންވެސް ތިބީ ޢަރަފާތު ބިމުގައި ކަމަށާއި، ހުރިހާ ޙައްޖުވެރިންގެ ވެސް ޙާލު ރަނގަޅުކަމަށް މަޢުލޫމާތު ލިބޭ ކަމުގައެވެ.

އަދި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ޙައްޖީޖީންގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި، ސައުދީ ޢަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުންވެސް ޙައްޖުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ކުރީ އަހަރުތަކަށްވުރެވެސް ފުރިހަމައަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

1100 އަށްވުރެ ގިނަ ދިވެހި ހައްޖުވެރީން ރެއިން ފެށިގެން ޢަރާފާތަށް ދިއުމަށް ވަނީ ފުރާފައެވެ. އަދި ފަތިސް ނަމާދު ވަގުތު ޖެހުމުގެ ކުރިން ދިވެހި ޙައްޖާޖީން ޢަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ވަނީ ދެންމެ ޕީއެސްއެމް މެދުވެރިކޮށް މަޢުލޫމާތު ދެއްވާފައެވެ.

ޙައްޖު ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް ޙައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހޭދަކުރަނީ މިނާގައެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، 3 ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލް އިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި އެހީތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަގޮތެއްގައި މިއަހަރުގެ އަރަފާތު ދުވަހަކީ ހޫނުގަދަ
ދުވަހަކަށް ވުމުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކާއެކު 5 ޑޮކްޓަރުންނާއި 6 ނަރުހުން ހަރަކާތްތެރިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު