ށ. ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމާ ގުޅިގެން ވަޒީރު މަރުހަބާ ވިދާޅުވެއްޖެ

މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހުޅުވުމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުހަބާ ވިދާޅުވެއްޖެއެވެ. އެކަމަށްޓަކައި ވަޒީރު މަރުހަބާ ވިދާޅުވީ ކަނޑިތީމު ކައުންސިލްގެ ރައީސް އަޙްމަދު އަޙްސަންއަށް ރޭ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ކަނޑިތީމުގައި މި ހުޅުވުނު ސަގާފީ މަރުކަޒަކީ ވަރަށް އުއްމީދީ ފެށުމެއްކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމާއި އެކަމުގެ ޢިލްމު ފޯރުކޮށްދިނުމަކީ މި ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމުގައި ކަނޑިތީމުގެ މި އިސްނެގުން ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ތަރިކައިގެ ތެރޭގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ކަނޑިތީމުގައި މާއްދީ ތަރިކަތަކެއް ހުރި ފަދައިން މާނަވީ ތަރިކަތަކެއް ވެސް ހުންނާނެ ކަމަށާއި، މާއްދީ ތަރިކަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ބީދައިން މާނަވީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

'ކަނޑިސާރު' ގެ ނަމުގައި ހުޅުވާފައިވާ ސަގާފީ މަރުކަޒާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަޙްސަން ވިދާޅުވީ، އެ މަސައްކަތަކީ މީގެ 5ވަރަކަށް އަހަރު ކުރީއްސުރެ ކުރަމުން އައިސްފައިވާ މަސައްކަތެއް ކަމަށެވެ. އެންމެ ފުރަތަމަ ތަކެތި ބަހައްޓާފައި ވަނީ ރަށުގައި ބޭސް ފިހާރައެއް ހިންގި، ޖާގައިގެ ގޮތުން ދަތި ތަނެއްގައި ކަމަށެވެ. އަދި ފަހުން ސަގާފީ މަރުކަޒު ތަރައްގީ ކުރުމަށް ކުރެވުނު މަސައްކަތުގެތެރެއިން، އުވާލާފައިވާ އިހުގެ އަންހެނުންގެ މިސްކިތަށް ތަކެތި ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި މިސްކިތުގެ އަސްލު ނުގެއްލޭ ގޮތަށް އެ މަސައްކަތް ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަޙްސަން ވިދާޅުވީ ކަނޑިތީމުގައި ސަގާފީ މަރުކަޒެއް ހެދުމުގެ މަސައްކަތަކީ އެ ރަށުގެ ޒުވާނުންގެ އިސްނެގުމާއެކު ފެށުނު މަސައްކަތެއް ކަމަށާއި، އެކަމުގެ ބޭނުމަކީ ރަށުގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ފެންނާނެ ގޮތަށް ބެހެއްޓުން ކަމަށެވެ. އަދި ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތަކީ ކައުންސިލްގެ ޒިންމާގެ ތެރޭގައި ވެސް ހިމެނޭ ކަމެއްކަމަށް ވާތީ، އެ މަސައްކަތަށް ކައުންސިލުން އޭރު ވެސް އަދި މިހާރު ވެސް ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ކަނޑިތީމުން ކުރަމުންދާ ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކޮށް އެކަން ފުޅާ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރުމަށް ކައުންސިލާ ބައްދަލު ކުރެއްވުމުގެ ޝައުޤުވެރިކަން ވަޒީރު ފާޅުކުރައްވާފައި ވެއެވެ. އަދި އެ މަސައްކަތުގައި ވުޒާރާގެ ފަރާތުން ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެދެއްވާނެކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު