ހުކުރު ދުވަހު ޖަރުމަނުގައި ފެށި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފުރަތަަމަ މެޗުން 5-1 ގެ ބޮޑު ތަފާތަކުން ޖަރުމަނުން ހޯދި ފުރިހަމަ މޮޅާއެކު، ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.
ޔޫރޯ 2024 ގެ ފުރަތަަމަ މެޗުގައި ޖަރުމަނުން ނިކުތީ ސްކޮޓްލެންޑާ ދެކޮޅަށެވެ.
ކޯޗު ނާގަލްސްމަން ބުނީ، މެޗުގައި ޖަރުމަނުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ރިއެކްޝަނެއް ކަމަށެވެ. ނާގަލްސްމަން ބުނީ މެޗުގައި ޖަރުމަނުގެ ކޮޅަށް ލަނޑެއް ވަންނަން ކުޅުންތެރިން ބޭނުން ނުވި ކަމަށެވެ. މެޗުގައި ހަތަރު ލަނޑުގެ ލީޑެއް ޖަރުމަނަށް އޮތްއިރު ވެސް، ކުޅުންތެރިން ތިބީ އިތުރަށް ލަނޑު ޖަހަން ވަރަށް ބޭނުންވެފައި ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.
Kicking off #EURO2024 in style 🖤❤️💛#DFB #GermanFootball #GermanMNT #EURO2024 #GERSCO
📸 DFB/ Philipp Reinhard pic.twitter.com/q0SEf64EZf
— German Football (@DFB_Team_EN) June 14, 2024
މެޗުގެ ފުރަތަމަ 15 މިނެޓުގައި ސްކޮޓްލެންޑު ފެނުނީ ވަރަށް ވަރުގަދަ ކޮށް ކަމަށާއި، ނަމަވެސް، އޭގެ ފަހުން ޖަރުމަނުގެ ކުޅުންތެރިން މެޗުގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެ، ދެއްކި ކުޅުމާއެކޮ ސްކޮޓްލެންޑު ވަރަށް ބޮޑަށް ޖެހިލުންވި ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޖަރުމަނު ކޮޅަށް މެޗު އަނބުރާލަން ކުޅުންތެރިން ކުރި ހިތްވަރާމެދު ފަޚުރުވެރިވާ ކަމަށް ނާގަލްސްމަން ބުންޏެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ދެ ވަނަ މެޗުގައި ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.