ތާރީޚީ ކާމިޔާބީއަކަށް ފަހު، ޖަރުމަނުގެ ސަޕޯޓަރުން ހުވަފެން ދެކެނީ

ޔޫރޯ 2024ގެ ފުރަތަމަ ބައްދަލުކުރި ޖަރުމަނުވިލާތާއި ސްކޮޓްލެންޑް މެޗުގައި، ސްކޮޓްލެންޑް ޓީމު ދަނޑު ފައިބައިގެން ދިޔައީ އެ ޓީމު ޔޫރޯ 2024ގައި ފުނޑުފުނޑުވެއްޖެ ކަމުގެ އިހްސާސް ކުރަމުންނެވެ. މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ސްކޮޓްލެންޑާ ދެކޮޅަށް ރޭ ކުޅުނު މެޗގައި ޖަރުމަނު ޓީމުގެ ސަޕޯޓަރުން ހެއްވާލީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗަށްފަހު ޖަރުމަނު ސަޕޯޓުން ނިދީ، ޔޫރޯ 2024ގެ ކާމިޔާބު ވެއްޖެކަމުގެ ހުވަފެން ދެކެމުންނެވެ.

މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތެއްގެ ފުރަތަމަ މެޗުގައި، މުބާރާތް ބާއްވާ ގައުމަކުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މިހާތަނަށް ޔޫރޯ މުބާރާތެއްގައި ޖަރުމަނަށް ލިބުނު އެއްމެ ބޮޑު ކާމިޔާބީ ވެސް މެއެވެ. އެކަމަކު ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ޖަރުމަނަށް މިއީ ހައިރާންކުރަނިވި ނަތީޖާއެއް ނޫނެވެ.

ޔޫރޯ 2024 ގެ ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ސްކޮޓްލެންޑްގެ ގައުމީ ޓީމު ތައްޔާރުވަމުން ދިޔައިރު، އެގައުމުގެ އެކި ކަންކޮޅުތަކުގައި ފެންނަމުން ދިޔައީ އުއްމީދާއި އުފާވެރިކަމުގެ މަންޒަރެވެ. 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕަށް ފަހު ގައުމުން ބޭރުގައި، ބައިނަލްއަގްވާމީ މުބާރާތެއްގައި، ސްކޮޓްލެންޑުގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗްގެ އިންތިޒާރުގައި މުޅި ގައުމުގެ، ޕާކުތަކާއި، ފޭން ޒޯންތަކުގައި ސަޕޯޓަރުން މި މެޗް ބަލަން އެއްވެފައި ތިއްބެވެ. އަދި ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ގާތްގަނޑަކަށް ދެ ލައްކަ ވުރެން ގިނަ މީހުން ޖަރުމަނަށް ދިޔަ ކަމަށްވެއެވެ.

ރޭގެ މެޗް ފެށިގެން ދިޔައިރު، އަމިއްލަ ގައުމުގައި ތިބި ޖަރުމަނުގެ ސަޕޯޓަރުންނަށް ވުރެން ސްކޮޓްލެންޑު ސަޕޯޓަރުންގެ އަޑު މާ ގަދައެވެ. މެޗްގެ ފުރަތަމަ 10 މިނެޓް ހިނގަމުންދަނީއެވެ. ޖަރުމަރު ޓީމުގެ ކަނާތު ވިންގުގެ ފޯވަރޑް ޖާރޒީ ނަންބަރު 6 ކިމިޗް، ސްކޮޓްލެންޑްގެ ހާފްގެ ކަނާއަތް ފަރާތު އަރިމަތިން ޕެނަލްޓީ އޭރިޔާ ބޭރަށް ކޮށްޕާލި ބޯޅަ، ޖަރުމަނުގެ ފްލޯރިއަން ވާޓްޒް، ޕެނަލްޓީ އޭރިއާގެ ބޭރުން، ތިރިތިރިން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހި، އަރިމަތިން ދަނޑީގައި ވެސް ޖެހުމަށް ފަހު އެވެ. ސްކޮޓްލެންޑްގެ ސަޕޯޓަރުން ނަގަމުން ދިޔަ ފޯރީގެ އަޑު ކެނޑިއްޖެއެވެ.

އޭގެ 9 މިނެޓް ފަހުން، ޖަރުމަނުގެ ޖާޒީ ނަންބަރު 10 މުސިއާލާ ފޮނުވާލި ބާރު ހަމަލާ ސްކޮޓްލެންޑްގެ ކީޕަރަށް މަތަކުރަން ކުރެވޭނެ މާބޮޑު ކަމެއްނެތެވެ.  މި ފުރުޞަތު މިސިއާލާއަށް ފަހި ކޮށްދިނީ ޖަރުމަނުގެ ޖާޒީ ނަންބަރު 7 ހަވަރޓްޒެވެ. ސްކޮޓްލެންޑްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން، ޕެނަލްޓީ ޕޮއިންޓާ ދާދި ކައިރިންނެވެ.

ޖަރުމަނުން މި ހިސާބުން ކުޅުން ހުއްޓާލީކީ ނޫނެވެ. ޕްރެސްކޮށް، އެޓޭކްކޮށް، މުޅި މެޗު އެއްކޮށް ލީޑްކުރިއެވެ. އެހެން ގޮސް ފުރަތަމަ ހާފު ނިމެންދަނިކޮށް، ސްކޮޓްލޭންޑަށް އިތުރު ބޮލުގެ ރިހުމަކާ ކުރިމަތިވިއެވެ.  ރަޔަން ޕޯޓިއެސް، ގުންޑޮގަންއަށް ކުރި ނުރައްކާތެރި ޓެކްލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ރެފްރީ ވަނީ ޖަރުމަނަށް ޕެނަލްޓީއެއް ދީފައެވެ. ލިބުނު ޕެނަލްޓީ ނިކަން ހަމަޖެހިލުމަށް ފަހު ކީޕަރު ނުބައި ކޮޅަށް ޑައިވް ކުރުމުން ގޯލު ތެރެއަށް ފޮނުވާލީ އާސެނަލްގެ ހުނަރުވެރި ފޯވަޑް ކައި ހެވަޓްޒް އެވެ. ރަޔަން ޕޯޓިއަސް ދަނޑުން ފައިބައިގެން ދިޔައީ ސްކޮޓްލެންޑަށް މޮޅުވާން ނުވަތަ އެއްވަރު ކުރެވެން ކިރިޔާ ވެސް އޮތް އުންމީދު ހިފައިގެންނެވެ.

ދެވަނަ ހާފަށް ޖަރުމަނުން ނުކުތީ އަދި މާ ގަދަކޮށެވެ. ސްކޮޓްލޭންޑްގެ ކުޅުންތެރިޔަކު މަދުވުމުން އެޓީމުގެ ހާފުގައި ކުޅެން އިތުރު މިނިވަންކަމެއް ލިބޭނެކަން ޔަގީން ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުން ނުރައްކާކުރިއެވެ. ވާޓްޒްއަށް ހުސް ފުރުސަތެއް ލިބި އޭނާ އަތުން މާ ބޮޑަށް ބޯޅަ މައްޗަށް އަރައިގެން ގޮސްފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން މުސިއާލާ ފޮނުވާލި ހަމަލާ މަތަކުރީ ސްކޮޓްލޭންޑްގެ ކީޕަރު ގުންއެވެ.

ސްކޮޓްލޭންޑަށް ރަނގަޅު އެންމެ އެޓޭކެއް ކުރުގެ ފުރުސަތު ނުދީ ދެވަނަ ހާފުގެ 23 ވަނަ މިނެޓްގައި ޖަރުމަނު ހަތަރުވަނަ ގޯލް ޖެހީ ނިކްލަސް ފުލްކްރުގްއެވެ.

ސްކޮޓްލެންޑް ކެޕްޓަން އެންޑްރޫ ރޮބާޓްސަން ނަގައިދިން ހިލޭ ޖެހުމަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސްކޮޓް މެކެނާ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޖަރުމަން ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބޮލުގައި ޖެހި ބައިކޮޅަށެވެ. ރޭގެ މެޗުގައި ސްކޮޓްލެންޑަށް ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ ވެސް މިއީ އެވެ.

އޭގެފަހުން އަނެއްކާވެސް ޖަރުމަނުން މެޗުގެ ފަސްވަނަ ގޯލެއް ޖެހިއެވެ. މި ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެމްރޭ ޗާން އެވެ.

ރޭގެ މެޗްގައި އުމުރުން 21 އަހަރާއި 42 ދުވަހުގެ ފްލޯރިއަން ވިޓްޒް ވެގެން ދިޔައީ، ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ޖަރުމަނަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި މީގެ އިތުރުން ޔޫރޯ މުބާރާތެއްގެ ފުރަތަމަ ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ