މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ޙައްޖުގެ ޚުޠުބާ އިއްވައިދެއްވީ އަލް މަސްޖިދުލް ޙަރަމްގެ އިމާމް މާހރް އަލް މުއައިޣްލީ

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދުޢާކުރަން ޙައްޖުގެ ޚުޠުބާގައި ގޮވާލައްވައިފި

ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ދެމުންގެންދާ ލާ އިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ޙައްޖު ދުވަހު ދުޢާކުރުމަށް މިއަހަރުގެ ޙައްޖު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ޙައްޖުގެ ޚުޠުބާގައި އަލް މަސްޖިދުލް ޙަރަމްގެ އިމާމް މާހިރް އަލް މުއައިޣްލީ ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަޤުވާވެރިވުމަށް ގޮވާލައްވާފައެވެ.

ޙައްޖު ދުވަހުގެ ޚުޠުބާގައިވަނީ، ދުނިޔޭގެ ޒީނަތްތެރިކަމަށް ނުހެއްލުމަށާއި މާތް ﷲ އަށް ތަޤުވާވެރިވާ މީހުންނަށް ދެ ދުނިޔޭގައި ހެޔޮ ގޮތް މާތް ﷲ މިންވަރު ކުރައްވާނެކަމަށާއި، ﷲ އަށް ތަޤުވާވެރިވާ މީހުންނަށް ލުއި ފަސޭހަ ގޮތްތައް މިންވަރުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެއް ބަޔަކު އަނެއް ބައެއްގެ މަސްލަހަތު ރައްކާތެރިކުރުމަށާއި ފާސިދު ކަންކަމުން ދުރުހެލިވުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާ ނުކުރުމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށްވެސް ޙައްޖު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މިއަދުގެ ޚުޠުބާގައި ވަނީ އެކަކު އަނެކަކާ ދެމެދު ޢަދުލުވެރިކަން ޤާއިމްކުރުމަށާއި މައިންބަފައިންނަށް އިޙްތިރާމްކުރުމަށް ގޮވާލައްވާފައެވެ. 

ޚިޔާނާތްތެރިނުވުމަށާއި ޙުކުމެއްކުރާ ކަމުގައިވާނަމަ އިންސާފުވެރިކަމާއެކު ޙުކުމްކުރުމަށްވެސް ޚުޠުބާގައި ގޮވާލެއްވިއެވެ.

މިވަގުތު ފަލަސްޠީނުގެ މުސްލިމް އަޚުންގެ ޙައްޤުގައި ދުޢާކުރުން އެންމެ މުނާސަބު ބަޔަކީ ޙައްޖުވެރިންކަން ފާހަގަކުރައްވަމުން، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށް އެދި ހައްޖު ދުވަހު ދުއާ ކުރަންޖެހޭކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ޙަދީޘް ކުރެއްވި ބައެއް ކަން ހަނދާނަށް ގެންނަވަމުން، އެކެއްގެ ލެޔާއި ނަފްސު، އަނެކާއަށް ޙަރާމްވެގެންވާކަން ޚުޠުބާގައި ފާހަގަކުރެެއްވިއެވެ.

މާތް ﷲއަކީ އެއްކައުވަންތަ ރަސްކަނލާގެ ކަމަށާއި އިންސާނުންނާއި ޖިންނީން އެކަނލާގެ ހެއްދެވީ އެކަނލާގެއަށް އަޅުކަން ކުރުމަށާއި، މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެއިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަންވެސް ޙައްޖު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.

ބޭކާރު ގޮތުގައި މުދާ ހޭދަ ނުކުރުމަށާއި ރަލާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ޝައިޠާނާގެ ޢަމަލެއް ކަމަށާއި މި ޢަމަލުގެ ސަބަބުން އިންސާނާ ހަލާކުގެ ތެރެއަށް އެއްލާލާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

ހަމައެހެންމެ، އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށާއި ފުރައްސާރަ ނުކުރުމަށާއި އެކަކު އަނެކަކަށް ނުރުހޭ ނަންނަމުން ނުގޮވުމަށާއި ޖާސޫސް ނުކުރުމަށާއި އެމީހެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްވެސް ޙައްޖު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

މަސްޖިދުއް ނަމީރާގައި އިއްވެވި މިއަހަރުގެ ޙައްޖުގެ ޚުޠުބާ އިއްވައިދެއްވީ އަލް މަސްޖިދުލް ޙަރަމްގެ އިމާމް މާހިރް އަލް މުއައިޣްލީއެވެ. މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް 1.5 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކުން ވަނީ މައްކާއަށް ޖަމާވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު