ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" މާލެ އަތޮޅު މާފުށީގައި ހިންގައި އެރަށުން 800 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައިފިއެވެ.
މާފުއްޓަކީ މި ޕްރޮގްރާމްގެދަށުން މަޢުލޫމާތު އެއްކުރާ ދެވަނަ ރަށެކެވެ.
މާފުށީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެ ރަށުގައި މަސައްކަތްކޮށް ދިރިއުޅެމުންދާ 805 ބިދޭސީއެއްގެ މަޢުލޫމާތު ނަގާފައިވާކަމަށް ދާޚިލީ ވުޒާރާއިން ހާމަކުރެއެވެ. މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ޚިދުމަތް ދެމުންދާ ރަށަކަށްވުމާއެކު، އެ ރަށުގައި އެކި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރެއެވެ. މި އޮޕަރޭޝަންގައި ބަޔޯމެޓްރިކް ޑާޓާ ކަމަށްވާ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހަދަން ބޭނުންވާ ފޮޓޯ ނަގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ޢަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު 1 އަހަރު ދުވަހުގެތެރޭގައި އެއްކުރުމެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ޤާއިމުކުރުމަކީ ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ. މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެއެވެ.
ދާޚިލީ ވުޒާރާއިން ވިދާޅުވީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ދެން ފަށާނީ ޢީދު ބަންދު ހަފްތާއަށް ފަހުގައިކަމަށެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފުރަތަމަ މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔަނަމަވެސް، ރާއްޖެ 5 ސަރަޙައްދަށް ބަހާލައިގެން އެ މަސައްކަތް ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައިވެސް ފަށާނެއެވެ.
އޮޕަރޭޝަން ކުރަނގި: ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފަށައިފި