ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބޮޑު އީދަށް ކުޑަހުވަދޫއަށް ވަޑައިގެންނެވުން، ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބޮޑު އީދަށް ކުޑަހުވަދޫއަށް ވަޑައިގަންނަވައިފި

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ދ. ކުޑަހުވަދޫގައި ކުރިއަށްދާ ހަރަކާތްތައް ބައްލަވާލެއްވުމަށް ދިވެހިބަހާ ސަގާފަތާ ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު އެރަށަށް ވަޑައިގަންނަވައިފިއެވެ. ވަޒީރު ކުޑަހުވަދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޙަމީދާއި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ ވެރީންނާއި މުވައްޒަފުންނެވެ.

1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ރާއްޖޭގެ 3 ރަށެއްގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާއިރު ކުޑަހުވަދޫއަކީ އޭގެތެރެއިން އެއް ރަށެވެ. އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ އަނެއް ދެ ރަށަކީ ގއ. ވިލިނގިއްޔާއި ރ. އުނގޫފާރެވެ.

ޤައުމީ ފެންވަރުގައި ޢަޟްޙާ ޢީދު ފާހަގަ ކުރާނެ ރަށްތައް ކަނޑައަޅާފައި ވަނީ އެކަމަށް އެެދި ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާނު ކުރުމަށް ފަހު ލިބުނު ޕްރޮޕޯސަލްތައް ބަލައި ވަޒަންކޮށްގެނެވެ. ޕްރޮޕޯސަލްތައް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޖުމްލަ 29 ރަށަކުން ޕްރޮޕޯސަލް ވަނީ ލިބިފައެވެ. ނަމަވެސް އޭގެ ތެރެއިން 3 ޕްރޮޕޯސަލް ވުޒާރާއަށް ލިބިފައިވަނީ ސުންގަޑި ހަމަވިފަހުން ކަމަށްވާތީ, އެ ޕްރޮޕޯސަލްތައް ބަލައިގަނެފައެއް ނުވެއެވެ.

ކުޑަހުވަދޫގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސަޔާއި އުޟްޙިޔާ ކަތިލުމާއި ހަވާ އެރުވުމާއި ސަގާފީ ގިނަ ހަރަކާތްތަކެއް ވެސް ހިމެނިފައި ވެއެވެ. އޭގެތެރޭގައި ލަނގިރި ޖެހުމާއި ބޮޑުބެރު ޖެހުމާއި ތާރަ ޖެހުމާއި ބޮޑު މަސް ނެރުން ހިމެނެއެވެ. އަދި ފަލަސްޠީން މުސްލިމުންގެ ޙައްޤުގައި ބާއްވާ ހާއްސަ ހިނގާލުމެއް ވެސް ކުޑަހުވަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އީދުގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް ކުޑަހުވަދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަޒީރު މާލެ ވަޑައިގަންނަވާނީ ޖޫން 19ވާ ބުދަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު