ހިތް އެދޭހާ ކަމެއް.. (72 ވަނަބައި)

ގެއާހަމައަށް ދެވެންދެން އޭނާއަށް އިރުއިރުކޮޅާ އަތުގައި އޮތް މާބޮނޑިއަށް ބެލެމުންދިޔައެވެ. ޔާނާ ހުރުމުން އެ މާބޮނޑިއަށް ގޮތެއް ހަދާކަށްވެސް ނުކެރުނެވެ. ވުމާއެކު ގެއަށް އައިސް ޔާނާގެ އަތުން ދޫކޮށްލެވުމާއެކު ޝައިނާއަށް ހީވީ އޭނާގެ ކޮނޑުން ބޮޑު ހިލައެއް ނަގައި އެއްލައިލެވުނުހެނެވެ. މާބޮނޑިން ވަސްބަލައިލުމާއެކު ފާޑެއްގެ ކުނި ވައްތަރެއް އަނގަޔަށް ޖައްސައިލުމަށްފަހުގޮސް އެ މާބޮނޑި ކޮށްޕައިލީ ސީދާ ބަދިގޭގައިހުރި ޑަސްބިނުގެ ތެރެއަށެވެ.

*****************

ރާހިލް ފޮނުވަމުންދިޔަ ގުލްދަސްތާތަކަށް ޔާނާގެ މަންމަގެ ފަރާތުން ޖަވާބެއް ނުލިބުނު ނަމަވެސް ރާހިލް އެކަމަކާމެދު ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ހުރީ އެހާ އަވަހަށް ޖަވާބެއް ލިބޭނެކަމަށް އުއްމީދުކޮށްގެނެއްވެސް ނޫނެވެ. އެހެނަސް އޭނާއަކީ އެއްވެސް އިރެއްގައި ކަމެއް ފެށުމަށްފަހު އެކަމެއް ކާމިޔާބުނުކޮށް ދޫކޮށްލާމީހެއްނޫނެވެ. ކަށީގައި ހިފައިފައިވާ އެ އާދައިގެ ސަބަބުން އޭނާ ބޭނުންވީ އެ ފެށުނު ކަންތައްވެސް ވަކި ކޮޅެއްގައި ޖައްސާށެވެ. ކޮންމެވެސް ދުވަހަކުން ޔާނާގެ މަންމަގެ ފަރާތުން ޖަވާބެއް ލިބިދާނެކަމުގެ ޔަގީންކަމުގައި ރާހިލް ކޮންމެ ދުވަހަކުވެސް ޔާނާއަށް ހަމަ އޭގެ މާބޮނޑިއެއް ގެންގޮސްދެއެވެ. އެހެނަސް އިޝްވާގެ ދެކޮޅުހެދުމާހުރެ އޭނާއަކަށް ޔާނާގެ މަންމައާއި ބައްދަލުކޮށްލުމުގެ ހިތްވަރެއް އަދިވެސް ނުލިބެއެވެ. އޭނާއަށް ނޭނގިފައި އޮތް ކަމަކީ އެ ހުރިހާ ކަމަކާ ގުޅިގެން ޝައިނާގެ ފަރާތުން އިޝްވާއަށް ލިބެމުންދިޔަ ނުރުހުމާއި ހިތްހަމަޖެހުނެވެ. އެ ނުރުހުމުގެ ތެރޭގައި އިޝްވާއާ ދިމާލަށް އެއްޗެކޭ ނުބުނެވޭތޯ ޝައިނާ ކިތަންމެ މަސައްކަތްކުރި ނަމަވެސް ބައެއްފަހަރު އިޝްވާއާ ކޮށްލާ ސުވާލުތަކުގެ ސަބަބުން ޝައިނާ އެކަމާ ހިތްހަމަނުޖެހިފައި ހުންނަ ވަރު އިޝްވާއަށް ދެނެގަނެވެއެވެ.

"އަޅެ ދެން މިއީ އޭނަ ކީކޭ ހިތަށް އަރައިގެން ކުރާކަމެއްތަ؟"

"އިޝްކޮ ބުނެބަލަ އޭނަގާތު މިކަން ހުއްޓާށޭ. މިއީ ކިހާބޮޑު އިސްރާފެއް؟"

"މި މަސް ނިމުނީމަ އަހަރެން ޔާނާ ޑޭކެއަރ އަކަށް ނުގެންނާނަން. ޝިމާން އާންމުކޮށް ޕީޓީ ގަޑިތައް ބާއްވަނީ ރޭގަނޑު. އޭނަގެ ގިނަ ކްލަޔަންޓުން ޖިމަށް ދަނީ އަހަރެން އޮފީހުން އަންނަފަހުން. އެހެންވީމަ އަހަރެން އޮފީހުން އަންނަންދެން ޝިމާންއަށް ޔާނާމެން ބަލާދޭން ގޭގަ ހުރެވޭނެ"

އިޝްވާގެ ހިޔާލުގައި އެނބުރެމުން ދިޔައީ އެކި ދުވަސްމަތިން ޝައިނާ އޭނާއާ ދައްކައިފައިހުރި ވާހަކަތަކެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާ އެކި ގޮތްގޮތުން ޝައިނާއަށް ރައްދުދީ ހަމަޖައްސައިލައެވެ. އެހެނީ ޝައިނާގެ އެވާހަކަތައް ރާހިލްއާ ހަމައަށް ގެންދާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. ގާތްގަނޑަކަށް ހަ އަހަރުފަހުން ރާހިލްގެ ދެލޮލުން ފެންނަމުންދިޔަ އުއްމީދާއި އުފާވެރިކަމުގެ ވިދުވަރު ނިވައިލާ މީހަކަށްވާން އޭނާއަށް ކެރޭނެހެއްޔެވެ؟

"އިޝީ؟" ހިޔާލުތަކަށް ގެއްލިފައިހުރި އިޝްވާ ސިއްސައިގެން ދިޔައީ ފަހަތުން އައި ނަބްހާ އޭނާގެ ކޮނޑުގައި އަތް ޖައްސައިލުމުންނެވެ.

"އިޝީ؟ ބަލީތަ؟" ނަބްހާ އިޝްވާގާތު އަހައިލިއެވެ.

"ނޫން.. ކިީއްވެ ތިހެން ތި އެހީ؟" އިޝްވާ ބޯ ހޫރައިލަމުން ބުންޏެވެ.

"ނޭނގެ. އިޝީއަށް ކޮންމެވެސް ކަމެއް ވެފަ ހުންނަހެން ހީވަނީ. މިއީ ކާކުދިން މާބޮނޑިއެއްތަ؟" އިިޝްވާ ކައުންޓަރުގެ މަތީގައި ބާއްވައިފައި އޮތް މާބޮނޑިއަށް އިޝާރާތްކުރަމުން ނަބްހާ އަހައިލިއެވެ.

"ތިއީ އަހަރެންގެ އެެއްޗެއް ނޫނޭ. މިއުޅޭ ދޮންބެ ކޮންމެވެސް މީހަކަށް ދޭށޭ ކިޔާފަ ދިން އެއްޗެއް. ބޯ ފަޅައިގެން ދާވަރުވޭ" އިޝްވާ މޫނު ކުނިކޮށްލަމުން ބުންޏެވެ.

"ކޮބާ! ބުނީމެއްނު އޭރުވެސް ކޮންމެވެސް ކަމެއް ވެފައޭ ތިހިރީ. ދެން ބުނެބަލަ. އަހަރެންނަކަށް އޮޅުވައެއް ނުލެވޭނެ އެނގޭ. ތިއީ އެގްޒާމްއަށް ޖޮބްއިންވެސް ކެނޑެން ކީ މީހެއްނު. މިހާރު ހުރިހާ ޓެސްޓެއްވެސް ނިމުނީ. ކީއްވެގެނޯ ފަހުން ހިޔާލު ބަދަލުވީ؟" ނަބްހާ އަހައިލިއެވެ.

"އެއީ ހަމަ ފަހުން ހިޔާލު ބަދަލުވީ.. ނަބޫ.. އަހަރެންނަކަށް ނޭނގެ ހަދާނެ ގޮތެއްވެސް. ނަބޫއަށް އެނގެއެއްނު އަހަރެންގެ ދޮންބެ" އިޝްވާ ބުންޏެވެ.

"ހްމްމް. މިތަނަށް އަންނަ ޔާނާގެ އަންކަލްއެއްނު އެއީ؟" ނަބްހާ މާބޮޑު ވިސްނުމަކާނުލައި އަހައިލިއެވެ.

"ނަބޫ.. އެއީ ޔާނާގެ އަންކަލްއެއްނޫނޭ. ހީ އިޒް ހަރ ޑޭޑް!" އިޝްވާ  ބުންޏެވެ.

"ވަޓް؟ ނުވާނެ އެހެނެއް؟ އިޝީ ކުރިން ތިވާހަކަ ނުވެސް ބުނަމެއްނު" ތަންކޮޅެއް ދުރުގައި އިން ޔާނާއަށް ބަލައިލުމަށްފަހު ނަބްހާ އިޝްވާގާތު ބުންޏެވެ.

"ހްމްމް. ނަބޫ. ޕްރޮމިސް މީ. މިވާހަކަ އެއްވެސް މީހެއްގާތު ނުދައްކާނަން ކަމުގަ. ޕްލީޒް. މިއީ އަސްލު އަހަރެންގެ އާއިލީ ވާހަކައެއް" އިޝްވާ އޭނާގެ އަތް ނަބްހާއަށް ދިއްކޮށްލަމުން ބުންޏެވެ. ނަބްހާ އަވަސް އަވަހަށް ބޯ ޖަހައިލަމުން އެ އަތުގައި ހިފިއެވެ. އެއާއެކު އިޝްވާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ނަބްހާއަށް އެވާހަކަތައް ކިޔައިދޭން ފެށިއެވެ. ރާހިލްއާ ޝައިނާ މީގެ ހަ އަހަރު ކުރިން ވަކިވެދިޔަ ގޮތުން ފެށިގެން މިއަދާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ހިސާބު ނަބްހާއަށް އޮޅުން ފިލުވައިދިނެވެ.

"ގަރލް!! ދެޓްސް ސަޗް އަ މެސް. ތިބުނާހެން ތި ދެމީހުންކުރެ އެކަކަށްވެސް އިޝީ އެއިން މީހަކަށް ހަގީގަތް ނާންގާ އުޅޭކަން އެނގޭ ދުވަހަކުން ވަރަށް ޑިސަޕޮއިންޓް ވާނެ. އިޝީގެ ދޮންބެ އިޝީއަށް އެހާ ރަނގަޅު. އަހަރެންނަށް ފެންނަނީ ޔާނާގެ ހަގީގަތް އިޝީގެ ދޮންބެއަށް ކިޔާދޭން" ނަބްހާ ބުންޏެވެ.

"ނަބޫއަކަށް ނޭނގޭނެ. އަހަރެންނަށް މިތާކު ޗޮއިސްއެއް މޭކް ކުރެވޭކަށް ނެތޭ. ދޮންބެވެސް އެއީ ފެށިކަމެއް ހުއްޓާލަން ބޭނުންވާ މީހެއްނޫން. އަނެއްކޮޅުން މިކަންތައްގަނޑު މާ ބޮޑުވާން ފެށީމަ ސިސް މިހާރު ބުނެފި މިއަންނަމަހުން ފެށިގެން ޔާނާ މިތަނަކަށް ނުގެންނާނަމޭވެސް. އެއީ ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީވެސް. ދޮންބެ ޔާނާއާ މީޓްކުރަން އަންނަ ވާހަކަ މެޑަމްގެ ކަންފަތާ ހިސާބަށް ފޯރަފާނެތީވެސް އަހަރެން ހުރީ ވަރަށް ބިރުން" އިޝްވާ ބުންޏެވެ.

"ބިރުގަންނަނީ ކޮންކަމަކާ؟ އެއީ ޔާނާގެ ޑޭޑްއެއްނު. މެޑަމްގާތު އެހެންބުނީމަ އޯކޭވާނެ. ކުރިން އަހަރެންވެސް ހިތަށް އެރި އޭނާ މާ ގިނައިން އަންނާތީ އިޝީގާތު އެވާހަކަ ދައްކަން. އެކަމަކު މިހާރު މި ހިތަށް އަރަނީ އަސްލު އިޓްސް ސޯ ކިއުޓް ދޯ އޭ. ނޭނގިހުރެވެސް އިޝީގެ ދޮންބެއާ ޔާނާގެ ކަނެކްޝަން އުފެދުނުގޮތް.. އެންޑް ފުުރަތަމަ ފަހަރަށް މޫވް-އޮން ކުރަން ހިތުލި އިރުވެސް އިޓްސް ސްޓިލް ހަރ. ހިޒް ހަރޓް އިޒް ސްޓިލް ފޮލޮއިންގް ދަ ސޭމް ޕަރސަން ވިތައުޓް ހިމް އިވަން ރިއަލައިޒިންގް އިޓް. މިއީ އާދައިގެ ކަމަކަށް ވާނީ ކިހިނެއް؟ މިއީ ހަމަ ތަގުދީރު. ހާދަ ރޮމޭންޓިކޭ." ނަބްހާ  ހުވަފެނީ ގޮތަކަށް ބުންޏެވެ.

"ސާބަސް ނަބޫއައް. ވާހަކަ ކިޔާ ކިޔާ ތި ހުންނަނީ ހިޔާލީ ދުނިޔެއަށް ގޮސް ހުސްވެފަ" އިޝްވާ ގާތަށް ނަބްހާގެ ރާގު ހުރިގޮތުން ހިނިއައެވެ.

"ކީއްކުރާނީ؟ އަހަރުމެން ކަހަލަ ހޯޕްލެސް ރޮމޭންޓިކް ކުދިންނަށް ދުވާލަކު މާބޮނޑިއެއް ގެނެސްދޭ ކަހަލަ ރޯމިއޯއެއްވެސް ނުލިބޭނެ" ނަބްހާ އަދި އިތުރަށް ފިލްމީ ވެލިއެވެ.

"ނަބޫ ބޭނުމިއްޔާ ތި މާބޮނޑި ގެންދިޔަސް އެންމެ ރަނގަޅޭ. އަހަރެން ނޫޅެން މީގެ ފަހުން ތި ސިސްއަށް ދޭކަށެއް. ތިސަކަރާތުގަ ބައިވެރިވާކަށް ދެން ބޭނުމެއްނޫން" އިޝްވާ ބުންޏެވެ.

"އެއީ ކީއްވެ؟ އިޝީ ނުދެންޏާ އަހަރެން މީތި ދީފާނަމޭ ޔާނާގެ މަންމައަށް. ތިއީ އަހަރެންނަށް މިހާތަނަށް އިވުނު ބެސްޓް ލަވްސްޓޯރީއަށް ވެދާނެ. އަހަރެން ބޭނުމޭ އެދެމީހުންނަށް ހެޕީ އެންޑިންގްއެއް ލިބެން" ނަބްހާ ގޮތްދޫކުރާކަށް ނޫޅުނެވެ.

"އޯކޭ އޯކޭ. ނަބްހާ ދަ މެޗްމޭކަރ. ދަނީ އެނގޭ. އަބަދު މިހެން ވާހަކައިގައެއް ނުހުރެވޭނެ. ނަބޫ އަންނަންދެން މި މަޑުކޮށްލީވެސް" އިޝްވާ އޭނާގެ މަސައްކަތަށް ރުޖޫއަވުމުގެ ކުރިން ބުނެލިއެވެ.

****************

ދުވަސްތައް ފާއިތުވަމުންގޮސް ދެހަފްތާ ފާއިތުވެގެން ދިޔައިރުވެސް ރާހިލްގެ އިޝާރާތަށް ޝައިނާގެ ފަރާތުން އެއްވެސް ރައްދެއްނުލިބެއެވެ. އެކަމާމެދު ލީވާންވެސް އޭނާއަށް މަލާމާތްކުރަން ފަށައިފިއެވެ. މިގޮތުން އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އޮފީީހުގެ މަސައްކަތުން ހުސް ވަގުތުކޮޅެއް ނެގުމަށްފަހު ލީވާންއާއެކު ރާހިލް ބޭރަށް ނުކުތީ ކޮފީއަކަށް ދިޔުމަށެވެ.

ލީވާންގެ ސައިކަލުގައި އެމީހުން އެ އޮފީހާ މާ ދުރުނޫން ހިސާބެއްގައިހުރި ކެފޭއަކަށް މިސްރާބު ޖަހައިފައިވަނިކޮށް  ރާހިލް އާދައިގެ މަތިން މާ ގަންނަން އަންނަ ފިހާރައާ ހިސާބަށް އާދެވިއްޖެއެވެ. އެއާއެކު ރާހިލް ލީވާންގެ ކޮނޑުގައި ޖަހައިލުމަށްފަހު އެހިސާބަށް ސައިކަލު މަޑުކުރުމަށް އެންގިއެވެ.

"އޭ. މަޑުކޮށްބަލަ. މިތަނުން އެއްޗެއް ނަގަން އެބަޖެހޭ. މަޑުކުރައްޗޭ. ހަމަ އެންމެ ދެމިނަޓު ވާނީ." ރާހިލް އަވަސް އަވަހަށް ސައިކަލުން ފައިބައިގެންގޮސް އެފިހާރައަށް ވަނެވެ. އޭނާ ފެނުމުން އެތަނުގެ ފްލޯރިސްޓަކަށް އުޅޭ ކުއްޖާ އޭނާއަށް ހިނިތުންވެލުމަށްފަހު ތައްޔާރުކޮށްފައި އޮތް މާބޮނޑި އޭނާއަށް ދިއްކޮށްލިއެވެ. އޭނާއަކީ އެތަނުގެ އާއްމު ކަސްޓަމަރަކަށްވެފައިވާތީ އެ ކުއްޖާ އެ ހަދިޔާކޮށްލި ހިނިތުންވުމުގައި މިއަދު އެއްވެސް ބީރައްޓެހިކަމެއްނެތެވެ.

"ޓްރާންސްފަރ ކޮށްލާފަ އެނގޭ އިންނާނީ. ތޭންކްސް" ރާހިލް އެ މާބޮނޑީގައި ހިފައިގެން ނުކުންނަމުން ބުންޏެވެ.

"ބާއި. ސީ ޔޫ ޓުމޯރޯ" ލެއްޕެމުންދިޔަ ދޮރުގެ ތެރެއިން ރާހިލްއަށް އެކުއްޖާގެ އަޑުއިވުނެވެ. އޭނާގޮސް ލީވާން އިން ސައިކަލަށް އަރާ ހަމަޖެހިލުމާއެކު ލީވާން ބޯ ހޫރައިލަމުން ސައިކަލު ދުއްވައިލިއެވެ.

"އެދިމާލަށް ދޯ ދާންވީ؟" ލިވާންއަށް ރާހިލްގެ ޖަވާބު އެނގިހުރެ އަހައިލިއެވެ.

"ހްމްމް. ފުރަތަމަ ހިނގާބަލަ އެތަނަށް" ރާހިލް ބުންޏެވެ.

"ނޫނޭވާ ސާބަސް އެނގޭ. އަހަރެންނަށް އެނގޭ އަހަރެންކަން ރާހިލްގާތު ފުރަތަމަ ތިކަމާ އުޅޭށޭ ބުނީ. އެކަމަކު މިހާރު ދެ ހަފްތާ ވީ. ރައްދުގަ ކީކޭހޭވެސް އަހާލަން ރަނގަޅު ދޯ. ޔާނާ ކިތަންމެ ފްރެންޑްލީ ކުއްޖަކަށްވިޔަސް އެކުއްޖާގެ މަންމައަކީ ތަންކޮޅެއް ފޮނިމީހެއްހެން އަހަރެންނަށް މިހާރު ހީވަނީ. ތިކަންތައް ކާމިޔާބުވާނެހެނެއް ހިއެއްނުވޭ" ލީވާން ބުންޏެވެ.

"ލީވާންއަށް އަދި އަހަރެން ރަނގަޅަށް ނޭނގެނީ. އަހަރެންނާ އެނގޭވަރާ ގާތަށްވެސް ލީވާންއަކަށް ނޭނގޭނެ އަންހެންކުދިން ކާމިޔާބު ކުރާކަށް. މިއީވެސް ޓްރައިޑް އެންޑް ޓެސްޓެޑް އެޕްރޯޗެކޭ" ރާހިލް ބުންޏެވެ. އޭރު އެމީހުންނަށް ތިބެވުނީ ޑޭކެއަރ ސެންޓަރާ ނުހަނު ކައިރީގައެވެ.

"އޯކޭ މިސްޓަރ ކެސެނޯވާ. ތި އެޕްރޯޗްގަ ހުރި މޮޅުކަމެއްވެސް މިފަހަރު ފެންނާނެތާ ދޯ" ސެންޓަރުގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލަމުން ލީވާން ބުންޏެވެ.

ރާހިލް ސުކުންތެއްވެސް ލަސްކުރުމެއްނެތި ސައިކަލުން ފައިބައިގެންގޮސް އެ ސެންޓަރުގެ ތެރެއަށްވަނެވެ.  ބޭއިޙްތިޔާރުގައި އޭނާގެ ދެލޯ ޔާނާ ފެނޭތޯ ވަށައިގެން ހޯދައިލިއެވެ. ފެންނަ ހިސާބެއްގައި ޔާނާގެ ހިލަމެއް ނެތުމުން ޔާނާވީ މަތީ ފަންގިފިލާގައިކަމަށް ނިންމުމަށްފަހު އޭނާ ކައުންޓަރުދޮށަށް ޖެހިލިއެވެ. އެއާއެކު އެ ކައުންޓަރު ދޮށުގައި އިން ނަބްހާ އޭނާއަށް ހިނިތުންވެލިއެވެ. ކުރިން އޭނާ އެތަނަށް އަންނައިރު ނަބްހާގެ މޫނުމަތިން ބައެއްފަހަރު ހިތްހަމަނުޖެހުމުގެ އަސަރު ފެނުނު ނަމަވެސް މިފަހަކަށް އައިސް ނަބްހާގެ ފަރާތުން އޭނާއަަށް ލިބެނީ މަރުހަބާގެ ހިނިތުންވުމެކެވެ. އަދި އޭނާ ކުރަން އުޅޭ ކަންތަކުގައި އިޝްވާއަށްވުރެވެސް ބޮޑަށް އެއްބާރުލުން ލިބެނީ ނަބްހާގެ ފަރާތުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

"ޔާނާ މަތީގަދޯ؟" ރާހިލް ގެނައި މާބޮނޑި ކައުންޓަރުގައި ބާއްވައިލަމުން އަހައިލިއެވެ.

"ހްމްމް. ހަމަ ދެންމެ މައްޗަށް އެ ގެންދިޔައީ؟ ގޮވައިލަން ވީތަ؟" ނަބްހާ އަހައިލިއެވެ. އޭނާއަށް ރާހިލްއާއި ޔާނާގެ ދެމެދުގައި އޮތް ގުޅުން ސާފުވިފަހުން އެކަމުގައިވެސް ރާހިލްއަށް އެއްބާރުލުންދޭން މަސައްކަތްކުރެއެވެ.

"ނޫނޭ ރަނގަޅުވާނެ. މި ހަވާލުކޮށްލަން މި އައީ. ތޭންކްސް ފޯރ އެވްރީތިންގް އެނގޭ" ރާހިލް ބުންޏެވެ.

"އެއީ އެހާވަރު ކަމެއްނޫން. އެކަމަކު ބުނަން.. ޔާނާގެ މަންމަ ސެޓުވީމަ އިޝީއާއި ނަބޫއާ ދެމީހުންނަށް ކާންދޭންވާނެ" ނަބްހާ ސަމާސާ ރާގެއްގައި ބުންޏެވެ.

"ތިއީ ސުވާލެއްވެސް އޮތްކަމެއް ނޫނެއްނު. ދެން ގޮސްލީ އެނގޭ" ނަބްހާގެ ވާހަކައަށް އެއްބަސްވަމުން ރާހިލް އެތަނުން ނުކުތެވެ. އެހެންނަމަވެސް އޭނާގޮސް ލީވާންގެ ސައިކަލާ އަރައި ހަމަވިތަނާހެން ނަބްހާ ސެންޓަރުގެ ދޮރުން ދުވެފައި ނުކުމެގެން އައިސް އޭނާގެ އަތަށް ފަތްޖަހާފައި އޮތް ގަނޑުކޮޅެއް ދިއްކޮށްލިއެވެ.

"މިއީ؟" ރާހިލް ސުވާލު އުފެދިފައި އެއްފަހަރު އެ ގަނޑުކޮޅަށް އަނެއްފަހަރު ނަބްހާއަށް ބަލައިލިއެވެ.

"ތިއީ..އަމްމް. ތިއީ މި އަނެއް.. ޔާނާ.." ސައިކަލުގައި އިން ލީވާންގެ ޝައުގުވެރި ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން އިހުސާސްކުރެވި ނަބްހާގެ އަތްފައި ފިނިވެ ވާހަކަ ދައްކަން އުނދަގޫވިއެވެ. ފަޅި ސިކުންތަކަށް ލީވާންއާ ހަތަރުކަޅި ހަމަކޮށްލެވުނުއިރު އެ ދެލޮލުގައިވާ ތޫނުކަން ފެނި ނަބްހާ ދައްކަން އުޅުނު ވާހަކަވެސް ހަނދާން ނެތުނެވެ.

"ޔާނާ؟" ނަބްހާގެ ވާހަކަ ރާހިލްއަކަށް ސާފެއްނުވިއެވެ.

"މިއީ ޔާނާގެ މަންމަ ހެނދުނު ދިން އެއްޗެއް. ޔާނާގެ ފްރެންޑަށް ދޭށޭ ކިޔާފަ. ދެންމެ ހަނދާންނެތުނީ" ނަބްހާ އަވަސް އަވަހަށް ބުންޏެވެ. އޭރު ސައިކަލު މަތީގައި ލީވާން އިނީ އެއްމިޔަކަނިން ހިނިތުންވެލައިގެނެވެ.

ހުދު ނަބްހާއަކަށްވެސް އޭނާއަކަަށް ވަމުންދާ ގޮތެއް ނޭނގުނެވެ. މީހެއްގެ ކުރީގައި މިއިން ދުވަހަކުވެސް ނުތަނަވަސް ނުވާ މިންވަރަށް އޭނާގެ ނަފްސު ނުތަނަވަސްވަމުން ދިޔައެވެ. އިތުރަށް އެތަނުގައި އެންމެ ހިނދުކޮޅެއްވެސް ހުރެއްޖެނަމަ އަމިއްލަ ނަފްސު ބޭޒާރުވެދާނެކަމަށް ނިންމައި ނަބްހާ އަވަސް އަވަހަށް ސެންޓަރުގެ ތެރެއަށް ދުއްވައިގަތެވެ. އެއާއެކު ރާހިލް ސައިކަލަށް އަރައި ހަމަޖެހިލުމަށްފަހު ނަބްހާ ދިން ގަނޑުކޮޅު ނިއުޅައިލަމުން އޭގައިވާ ލިޔުންކޮޅު ކިޔައިލިއެވެ.

"ތިއީ ކޮންމެ މީހަކަސް ތި މީހަކާ ވާހަކަ ދެއްކުމުގެ ޝައުގެއް އަހަރެންގެ ނެތް. އެހެންވީމަ ބޭކާރު ގޮތުގަ ފައިސާ އިސްރާފުކޮށް ތި ފޮނުވާ ހަދިޔާތައް ހުއްޓާލާ. އަދި ފަހަރެއްގާ އަހަރެންގެ ހަގީގަތް އިތުރަށް އެނގުމަށްފަހު ތި މީހަކު މިހާރު ތި ގެންގުޅޭ ވިސްނުން ބަދަލުވެސް ވެދާނެ. ފުރަތަމަ ކަމަކަށް ޔާނާ އިޒް ނޮޓް މައި އޮންލީ ޗައިލްޑް" އެ ނޯޓުކޮޅު ކިޔައި ނިމުމާއެކު ރާހިލްގެ ތުންފަތް އެއްމިޔަކަނިން ދެމިލިއެވެ. ޔާނާގެ ބޭބެއެއް ހުންނަކަން އޭނާއަށް ނޭނގޭ ކަމަށް ޔާނާގެ މަންމަ ހީކުރީ ހެެއްޔެވެ؟

ކޮންމެއަކަސް ޔާނާގެ މަންމަގެ ފަރާތުން ލިބުނު ރައްދު ރާހިލްއަށް ކަމުދިޔައެވެ. ސާދާ ބަސްތަކުން މޮޅެތި ބަހަނާތައް ދެެއްކުމުގެ ބަދަލުގައި ސާފުކޮށް އޭނާގެ ހުށަހެޅުމަށް އިންކާރު ކުރިގޮތުން ރާހިލްގެ ހިތުގައި ޔާނާގެ މަންމައާމެދު އުފެދިފައިވި ޝައުގުވެރިކަން ވީ އިތުރެވެ.

"ރީތި ކުއްޖެއް ދޯ.. ރާހިލް ކިހިނެއް ދަންނަ މަންޖެއެއްތަ އެއީ؟" އަތުގައި އޮތް ނޯޓަށްގޮސް ހުސްވެފައި އިން ވަރުން އޭނާއަށް ސައިކަލު ދުއްވަން އިން ލީވާން ދެއްކި ވާހަކައެއްވެސް ފަހުމެއްނުވެއެވެ.

"ސްޓަބަރން އެންޑް ސްޓްރެއިޓްފޯވަރޑް.. އައި ލައިކް އިޓް" ރާހިލް އެ ނޯޓުކޮޅު ފަތްޖަހައިލުމަށްފަހު ޖީބަށްލަމުން ހިތާހިތުން ބުންޏެވެ. އަދި ފޯނު ނަގައި އޭނާއާއި އިޝްވާގެ އިތުރުން ރިއާންއާއި ޒީވާ ހިމެނޭ އާއިލާގެ ޓެލެގްރާމް ގްރޫޕަށް މެސެޖެއް ފޮނުވައިލީ މުހިއްމު ވާހަކައެއް ދައްކަން އޮތްކަމުގައި ބުނަމުންނެވެ. ވަގުތުން ޒީވާ އެރޭގެ ކެއުމަށް އެމީހުންނަށް އެގެއަށް ދައުވަތު ދިނުމާއެކު ރާހިލް އެ މެސެޖު އިޝްވާއަށް ޓެގުކުރުމަށްފަހު އެންމެ ރަނގަޅޭ ބުނެލަމުން ފޯނު ޖީބަށްލިއެވެ.

************

އެއްބަސްވެވިފައިވާ ގޮތުގެ މަތިން އެރޭގެ ކެއުމަށް ރާހިލްއާއި އިޝްވާތިބީ ޒީވާމެން ގޭގައެވެ. ރާހިލް އިސްނަގައިގެން އެއްވެސް ވާހަކައެއް ދައްކަން ނޫޅޭތީއާއެކު ސުފުރާ މަތީގައި ދެކެވެމުން ދިޔައީ އިޝްވާގެ ނިމިދިޔަ އިމްތިހާނުގެ ވާހަކައެވެ. އެ ވާހަކަތަކުގައި ބައެއްފަހަރު ރާހިލްވެސް ބައިވެރިވެއެވެ. އެހެނަސް ރިއާންގެ ފަރާތުން ފެންނަމުންދިޔައީ އާދަޔާ ހިލާފު ހިމޭންކަމެކެވެ. ހަގީގަތުގައި ޝައިނާ އައިސްގެން އުޅޭކަމުގެ ހަބަރު ރާހިލްއަށް ސިއްރުކުރުމަށް ޒީވާ އެދުނީއްސުރެން އޭނާ ހުންނަނީ ރާހިލް ހުންނަ ތަނެއްގައި ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އޮޅިގެން ނަމަވެސް އެވާހަކަ އޭނާގެ ޢަނގައިން ބޭރުވެދާނެކަމުގެ ބިރު ރިއާންއަށް އޮތެވެ. އެދެމެދުގައި އޮތް ޒަމާންވީ ފަންސަވީސްއަހަރުގެ ރަހްމަތްތެރިކަމުގެ ސަބަބުން ރާހިލްއަށް ކަމެއް ސިއްރުކުރުމަކީ ރިއާންއަށް އެންމެ އުނދަގޫ އެއްކަންތަކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި މިއީ އޭނާ އެފަދައިން ރާހިލްއަށް ކަމެއް ފޮރުވާ ފުރަތަމަ ފަހަރެވެ.

ކެއުން ކުރިއަށްދިޔަ ވަރަކަށް ވާހަކަތަކުގެ މިސްރާބު ބަދަލުވަމުންގޮސް އެންމެފަހުން ޒީވާއަށް ނުހުރެވިގެން ރާހިލް ދައްކަންއުޅޭ ވާހަކައަކީ ކޮބައިތޯ ބެލުމަށް ރިއާންއަށް ލޮލުން އިޝާރާތްކުރިއެވެ. ރިއާން އެއްފަހަރު އެ އިޝާރާތް ފަހުމު ނުވާކަމަށް ހެދިގެން އިންނަމަވެސް ތަކުރާރުކޮށް ޒީވާ އެވާހަކަ ފެށުމަށް އިޝާރާތް ކުރުމުން އޭނާ އެކަމަށްޓަކައި އަނގަ ހުޅުވައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އެ އަނގަ ބަންދުކޮށްލަން ޖެހުނީ އެވަގުތު ރާހިލް އެތަނަށް ވައްޓައިލި ވަރުގަދަ ބޮމުގެ ސަބަބުންނެވެ.

"އައިމް ގެޓިންގް މެރީޑް!" ރާހިލްގެ ޖުމްލައާއެކު އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވިއިރު އެމީހުންނަށް ތިބެވުނީ އެވާހަކަ ގަބޫލުކުރަން ދަތިވެފައެވެ.

"ކަމް އަގައިން؟" ރިއާންއަށް އެ އަޑު އިވުނީ ރަނގަޅަށް ކަމުގައި ގަބޫލެއް ނުކުރެވުނެވެ.

"އަހަރެން ބުނީ އަހަރެން މިއުޅެނީ މީހަކާ އިންނާށޭ" ރާހިލް ތަކުރާރުކޮށްލިއެވެ.

"މީހަކާ އިންނާށޭ؟ ކޮންއިރަކު ކިހިނެއް ނިންމި ނިންމުމެއް ތިއީ؟ ކާކާ އިންނަނީ" ޒީވާގެ އަޑުގައި މަޑުމައިތިރިކަމެއް ހުއްޓަސް އެ އަޑުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

"ވެއިޓް.. އަނެއްކާ މި ދެއްކެނީ ތި އޮފީހުގަ އުޅޭ ލޯޔަރ ގެ ވާހަކަތަ؟ ކާކުތަ އެއީ.. ލައުޝާ؟" ރިއާން ކުޑަކޮށް ވިސްނައިލުމަށްފަހު އަހައިލިއެވެ.

"ލައިޝާ؟ ނޯ.. ނޫން ލައިޝާއެއް ނޫން" ރާހިލް ބުންޏެވެ.

"އިޝްކޮއަށް އެނގޭނެ އަހަރެން މި ދައްކަނީ ކާކުގެ ވާހަކައެއްކަން. އެއީ އިޝްކޮ ވޯކް ކުރާ ސެންޓަރ އިން ދިމާވި ކުއްޖެއްގެ މަންމަ. އައި މިހާރު އަހަރެންވެސް ދެން މާޒީއިން އަރައިގަންނަން ވެއްޖެ ކަމުގަ ގަބޫލުކުރެވެނި .. އެކަމަށްޓަކައި ރަނގަޅު ސަބަބެއް ލިބުނީމަ ދެން މަޑުކުރާކަށް އަހަރެން ބޭނުމެއްނޫން.. އަހަރެންގެ އުފަން ދަރިއެއް ނޫނަސް ބައްޕައެއްގެ ލޯބި ބޭނުންވާ އެތަށް ކުދިންނެއް ދުނިޔޭގަ އުޅޭކަން އަހަރެންނަށް މިފަހުން އިހުސާސް ކުރެވިއްޖެ… އެންޑް މައި ލިޓްލް ޕްރިންސަސް.. ޝީ ޑިސަރވްސް ދަ ވޯރލްޑް" ރާހިލް ދައްކަމުންދިޔައީ ކާކުގެ ވާހަކައެއްކަން އެނގުމާއެކު އިޝްވާގެ ދެލޯ ނިއްކުރިއަށް ނޭރީ ކިރިޔާއެވެ. އޭރު ޒީވާއާއި ރިއާންގެ މޫނުމަތީގައިވަނީ ސުވާލުމާކު ޖެހިފައެވެ. ރާހިލްއާއި ޔާނާގެ ބައްދަލުވުންތަކުގެ ވާހަކައެއް އެދެމީހުންނަކަށް އެނގިފައެއް ނޯންނާނެއެވެ.

"ދޮންބެއަށް ޖަވާބެއް ލިބުނީތަ؟" އިޝްވާ ތެޅި ތެޅިއޮތް ހިތަކާއެކު އަހައިލިއެވެ.

"އެންމެ އެދެވޭ ޖަވާބެއް ނޫނަސް މިއަދު ރައްދެއް ލިބިއްޖެ. އެއީވެސް ރަނގަޅު މިންވަރެއް ކަމުގަ އަހަރެން ދެކެނީ" ރާހިލް މާބޮޑު ފަރުވާލަކާނުލައި ކާންއިން ސަމްސާ އަނގަޔަށް ކޮށްޕައިލަމުން ބުންޏެވެ.

"މަޑުކޮށްބަ މަޑުކޮށްބަ! މާނައަކީ ތިމީހަކު އަދި ރާހިލްއާ އިންނާކަށް އެއްބަހެއްވެސް ނުވެއޭތަ؟" ރިއާންގެ ދެބުމަ ގޮށްޖެހުނެވެ.

"އެއްބަސްވާނެ" ރާހިލްގެ ޖަވާބު އިވި އެތަނުގައި ތިބި ތިންމީހުން ރާހިލްއަށް ބަލަހައްޓައިގެން ތިބީ އޭނާއަކީ މޮޔައެކޭ ބުނާ ފަދައަކުންނެވެ.

"ކިހިނެއްވީ؟ ގަބޫލު ނުކުރެވެނީތަ؟" ރާހިލް އެ އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން ސުވާލުކުރިއެވެ. އެއާއެކު އެންމެން އަވަސް އަވަހަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"ދެން.. ދެން ކޮންއިރަކު ކައިވެނި ކުރަނީ؟" ޒީވާގެ މޫނުމަތިން ހާސްކަން ފޮރުވޭތޯ މަސައްކަތްކުރަމުން އަހައިލިއެވެ.

"ލަސްކުރާކަށް ބޭނުމެއްނޫން. މިބުނީ މާ ގިނަދުވަހު ރައްޓެހިވެގެން އުޅޭކަށް ބޭނުމެއްނޫނޭ. އެއްބަސްވިހާ އަވަހަކަށް ކައިވެނިކުރަން ބޭނުމީ" ރާހިލް ކައިނިންމައިލުމަށްފަހު ކައިރީގައިހުރި ފެންތަށި އެއްނޭވާއިން ދަމައިލަމުން ބުންޏެވެ.

"އިޝްކޯ؟ ދާކަށް ނުވޭތަ؟ އަހަރެން އެބަޖެހޭ ތަނަކަށް ދާން" ރާހިލް ގޮނޑިން ތެދުވަމުން އިޝްވާއަށް ގޮވައިލިއެވެ.

"މި.. އިޝީ–"

"އިޝްކޮ ކައި ނިމުނީމަ ގެއަށް ގެންގޮސްދޭނަން. ދޮންބެ ދިޔަސް ރަނގަޅުވާނެ.." ޒީވާ އަވަސްއަވަހަށް އިޝްވާގެ ވާހަކަ މެދުކަނޑައިލަމުން ބުންޏެވެ.

"އޯކޭ އެހެންވިއްޔާ ގޮސްލީ" ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލި ވަގުތު ރިއާން އޭނާ އިށީނދެ އިން ގޮނޑިން ތެދުވެލަމުން ރާހިލް ހުއްޓުވިއެވެ.

"ކޮންގްރެޓްސް ބްރަދަރ. އައިމް ހެޕީ ފޯރ ޔޫ.. ޓްރޫލީ"

ރިއާން ރާހިލްއަށް މަރުހަބާ ކިޔާ ފަދައަކުން ކުޑަކޮށް ބައްދައިލަމުން  ބުންޏެވެ. ރާހިލް ބޯ ޖަހަިއލުމަށްފަހު ދެފަހަރަކު ރިއާންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި ޒީވާއާއި އިޝްވާއަށް ހިނިތުންވެލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައިގޮސް އެގެއިން ނުކުތެވެ.

ރާހިލް ނުކުތުމާއެކު ޒީވާ އަތްމަތި އަވަސްކޮށްލަމުން މޭޒުމަތީގައިހުރި ހުސްތަށިތައް ނަގައިގެން ގޮސް ސިންކަށް އަޅައިލިއެވެ. ރަނގަޅަށް އަތްދޮވެލައިގެން އޭނާއަށް ސިޓިންގްރޫމަށް ނުކުމެވުނުއިރު އިޝްވާއާއި ރިއާންވެސް އެތަނުގައި ތިއްބެވެ. ޒީވާގޮސް ރިއާންގަތު ސޯފާގައި އިށީނދެލުމާއެކު ސިޓިންގްރޫމްގެ ދެފަރާތަށް ކުރުކާލި ކަނޑަމުންދިޔަ އިޝްވާ އައިސް އެދެމީހުންގެ ގާތަށް ހުއްޓުނެވެ.

"އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. މި ހުރިހާ ދުވަހު އެކަހަލަ ކަމަކާ ނުވެސް ވިސްނާ ހުރެފަ ޝައި ހަމަ ޕިކްޗަރއަށް އަންނަ ހިސާބުންތަ ދޮންބެއަށް މިކަހަލަ ކަމެއް ކުރަން ފެންނަނީ؟" ޒީވާ އަހައިލިއެވެ. އޭނާގެ އަޑުގައި ހާސްކަމާއި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ. ރިއާންއާއި އިޝްވާ ޚިޔާރުކުރީ ހިމޭންކަމެވެ. އެދެމީހުންވެސް ރާހިލް ދެއްކި ވާހަކަތަކާމެދު ފުންކޮށް ވިސްނަމުންދާ ކަހަލައެވެ.

"ނޯ. ހީ ކާންޓް ޑޫ ދިސް. އެއީ ކޮންމެ މީހަކަސް އެމީހަކާ ދޮންބެ ކައިވެނި ކުރާކަށް އަހަރެންނަކަށް އެއްބަހެއް ނުވެވޭނެ" ސޯފާއިން ތެދުވަމުން ޒީވާ ބުންޏެވެ.

"ނޫން. ރާހިލް އެ ކުރަން އުޅޭ ކަންތަކަށް ޒީވާ އެއްވެސް ގޮތަކުން ހުރަސް އަޅައިގެން ނުވާނެ" ރިއާންވެސް ސޯފާއިން ތެދުވެ ޒީވާއާ ކުރިމަތިލިއެވެ.

"އެއީ ކީއްވެ؟ މި ހުރިހާ ދުވަހުވެސް ދޮންބެ ހަމަ ހުރީއެއްނު. އަހަރުމެންގާތަށް ޝައި އެނބުރި އައި ދަނޑިވަޅާ ބަލާފަ.. އައި ވިލް ނޮޓް އެކްސެޕްޓް އިޓް! ހީ ކާންޓް ޑޫ ދިސް ޓު ހަރ." ޒީވާ ބުންޏެވެ.

"ޑޫ ވަޓް؟ ބުނެބަލަ! އަބަދުވެސް ރާހިލް ކުރާ ކަމެއްގަތަ ޒީވާއަށް ކުށް ފެންނަނީ. ޝައިނާ އައިސް މި އާއިލާގެ އެންމެނާ ބައްދަލުކުރިއިރު ރާހިލްއާ ބައްދަލުކުރަން ހިތަށްވެސް އެރިތަ؟ ރާހިލްގެ ލައިފް ގޮސްފައި އޮތް ހިސާބު އެނގިހުރެ.. އަދި ރާހިލް ޝައިނާއަށްޓަކައީ ކުރަމުންދިޔަ އިންތިޒާރު އެނގިހުރެ ޒީވާއަށް ޝައިނާގާތު ބުނެވުނުތަ ޔޫ ކާންޓް ޑޫ ދިސް ޓު ހިމް އޭ؟" ރިއާން ސުވާލުކުރިއެވެ.

"އެކަމަކު. އެކަމަކު ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ޝައި–"

"އަދިވެސް އަދިވެސް ޝައިނާ! އޯލް ޝީ އެވަރ ގޭވް ހިމް ވޯޒް ޕެއިން.. " ޒީވާގެ ވާހަކަ މެދުކަނޑައިލަމުން ރިއާންއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް މަޑުމައިތިރިކަމާއެކު ޒީވާއަށް ވިސްނައިދޭން އުޅުނެވެ.

"ހީ ސަފަރޑް އިނަފް ޒީވް.. ޕްލީޒް.. ފިރިހެނުންގެވެސް ހިތެއް އޮންނަކަން އަންހެނުންނަށް އިހުސާސް ނުވަނީ ކީއްވެތަ؟ އަހަރެންނަކަށް ނޭނގެ ހައަހަރު ރާހިލް އެގޮތުގަ އެ ކެތްކުރީ ކިހިނެއް ކޮންގޮތަކުން ކަމެއްވެސް. އެނގޭހާވެސް އެއްޗަކީ ޒީވް އަހަރެންނާ ވަކިވެދާނެހެން ހީވި އެންމެ ހަފްތާއެއްގެ ތެރޭގައިވެސް އަހަރެންނަށް ކުރެވުނު އިހުސާސް. އައި ވޯޒް ލޫޒިންގް މައި މައިންޑް.. އެދުވަހު ޒީވާ އަހަރެން ދޫކޮށްލާފަ ދިޔަނަމަ ހައަހަރު ފާއިތުވެދާއިރު އަހަރެން ދުނިޔޭގަ ހުންނާނެކަމާމެދުވެސް ޝައްކު. ހީ އިޒް ވޭ ސްޓްރޯންގަރ ދޭން އައި އޭމް. އެކަމަކު އިންސާނެއްގެ ކެތްތެރިކަމަށްވެސް ވަކި މިންވަރެއް އޮންނާނެ"

"ގައިޒް–"

"ވެއިޓް އިޝްކޯ! އައިމް ޓޯކިންގް" ރިއާންއާ ޒީވާގެ ކޯޅުން މެދުކަނޑައިލުމަށްޓަކައި އިޝްވާ ގޮވައިލި ގޮވައިލުމަށް ބީރު ކަންފަތެއް ދެމުން ރިއާން އިޝްވާގެ ވާހަކަ ހުއްޓުވިއެވެ.

"އަހަރެންނަށް އެނގޭ ރާހިލް ހަގީގަތުގަ އެ ނިންމި ނިންމުމަކީ ކިހާ އުނދަގޫ ނިންމުމެއްކަން. ރާހިލްގެ ހަޔާތަށް ޝައިނާ އަނބުރާ އަޔަސް އެކަހަލަ ބޯހަރު މީހަކާއެކު ރާހިލްއަށް އުފަލެއް ލިބޭނެހެން އަހަރެންނަކަށް ހިއެއްނުވޭ. އަހަރެން ބޭނުމީ ޝައިނާއާނުލައި ރާހިލްއަށް ކުޑަވެސް އުފަލެއް ލިބޭނަމަ އެ އަުފަލެއް ހޯދަން މަސައްކަތްކުރުން. ސޯ އައިމް ރިޕީޓިންގް މައިސެލްފް.. ރާހިލް އެ ކުރަން އުޅޭ ކަންތަކަށް ޒީވާ އެއްވެސް ގޮތަކުން ހުރަސް އަޅައިގެން ނުވާނެ. ޑިޑް އައި މޭކް މައިސެލްފް ކްލިއަރ؟" ރިއާން ހީވީ އޭނާގެ ފަހުބަސް އިއްވައިލިހެނެވެ.

ޒީވާއަށް އެ ސުވާލަށް ޖަވާބެއް ނުދެވިފައި ހުއްޓައި އެދެމީހުންގެ ދެމެދަށް ވަތް މީހަކީ އިޝްވާއެވެ. އެދެމީހުންގެ ޒުވާބު އިތުރަށް ކުރިއަށް ގެންދިޔުމުގެ ފުރުސަތުދޭކަށް އިޝްވާ ބޭނުމެއްނުވިއެވެ.

"ސްޓޮޕް އިޓް ގައިޒް. ކީއްވެތަ އިޝީ ޓޯކް ކުރަން ޗާންސެއް ނުދީ ތިއުޅެނީ. މިއީ އެއަށްވުރެ ބޮޑު ކަމެކޭ. އިޓްސް.. އިޓްސް ހަރ ގައިޒް" އިޝްވާ ބުނި ވާހަކަ ދޭހަކުރަން ނޭނގިފައިތިބެ ޒީވާއާއި ރިއާން އިޝްވާގެ މޫނަށް ބަލައިލިއެވެ.

"އަޅޭ ނޭނގުނުތަ އަދިވެސް.. އިޓްސް.. އެއީ ސިސްއޭ.. ދޮންބެ އެ ދައްކަނީ ސިސްގެ ވާހަކައޭ.. ޔާނާ.. އޯހް ގޯޑް. އިށީންނަންވީނު. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން" އިޝްވާ ދައްކަމުންދިޔަ ވާހަކައިގެ ވާނުވާ ނޭނގިފައިތިބި ޒީވާއާއި ރިއާންއަށް ބަލައިލަމުން އިޝްވާ ބުންޏެވެ. އަދި އެދެމީހުންގެ އަތުގައި ހިފައިގެންގޮސް ސޯފާގައި ބޭންދުމަށްފަހު އޭނާއަށް ޝައިނާއާ އަލުން ދިމާވި ދުވަހުން ފެށިގެން މިއަދާ ހިސާބަށް ކަންތައްތައް ގޮސްފައި އޮތް ހިސާބު ކިޔަައިދޭން ފެށިއެވެ.

"ތީގެ މާނައަކީ.." އިޝްވާގެ ވާހަކަ ނިމުނުއިރު ޒީވާއަށް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"ނައު. ދިސް އިޒް އެންޓަރޓެއިނިންގް" ރިއާން ހިނި އައިސްފައި އިނދެ ބުންޏެވެ. އެއާއެކު އިޝްވާ ރިއާންއާ ދިމާލަށް ލޯ އަޅައިލަމުން ރިއާންގެ އަތުގައި ބޮނޑިއެއް އެޅިއެވެ.

"ނޮޓް ފަނީ ރިއާންބޭ. މިކަމުގެ އެންމެ ބޮޑަށް ބެދޭނީ އިޝީއޭ. ދޮންތީ.. އިޝީ ކިހިނެއް ހަދާނީ؟" އިޝްވާ ހަދާނެގޮތް ހުސްވެފައިހުރެ ޒީވާގެ މޫނަށް ބަލައިލިއިރު އޭނާހުރީ ހާސްވެގެންގޮސް ރޮވެން ކައިރިވެފައެވެ.

"ޝްޝްޝް. އިޓްސް އޯކޭ. އިޝީ ތިކަމުގެ ބްލޭމް އަމިއްލައަށް ނަގާކަށް ނުޖެހޭނެ. މިވަގުތަށް އެންމެ ރަނގަޅުގޮތަކީ ތަގުދީރުގެ އަތްމައްޗަށް ކަންކަން ދޫކޮށްލުން. ސޫނަރ އޯރ ލޭޓަރ ދެއި ވިލް މީޓް.. އިޝީއާ ދިމާލަށް އެއްޗެކޭ ބުނިއްޔާ.. ވީ ގޮޓް ޔޯރ ބެކް. ދޯ ރިއާން؟" ޒީވާ ކުރިއަަށް ޖެހިލައި އިޝްވާގެ ގައިގައި ބައްދައިލިއެވެ.

"ހްމްމް. އިފް ޔޫ ގޯ ޑައުން.. ވީ ވިލް ހެޕިލީ ގޯ ޑައުން ވިތް ޔޫ" ރިއާންވެސް އިޝްވާގެ އަތުގައި ހިފައިލަމުން ހިތްވަރުދިނެވެ.

***********

ގާތްގަނޑަކަށް ދެތިންދުވަސް ފާއިތުވެދިޔައިރު ޒީވާގެ އިތުރުން ރިއާންވެސްހުރީ ރާހިލްއާއި ޝައިނާގެ ކަންތައްތައް ކުރިއަށް ގޮސްފައިވާ ހިސާބެއް އެނގެން ބޭނުންވެފައެވެ. އެހެނަސް އެވާހަކަތައް އެންމެ ފުރަތަމަ ދެއްކި ރެއިން ފެށިގެން ރާހިލްގެ ހަބަރެއް އެއިން އެކަކަށްވެސް ނުލިބެއެވެ. އިޝްވާގެ ގާތުގައިވެސް ރާހިލް އެކަމާގުޅޭ ވާހަކައެއް ދައްކައިފައެއްނުވެއެވެ. އެއިން ކޮންމެ މީހަކުވެސް ދިޔައީ ޝައިނާއާއި ރާހިލް ބައްދަލުވާނެ އިރަކަށް ދުވަސްތައް ގުނަމުންނެވެ.

"ދޮންބެގެ ފަރާތުން ތިކަމުގެ އަޕްޑޭޓެއް ލިބުނަސް ލިބޭނީ.. ޝައި އަދި އަހަރެންނާ ތިކަހަކަ ވާހަކައެއް ނުވެސްދައްކާ. އިޝްކޮ މަޑުކޮށްލައްޗޭ.. ކޮންމެވެސް މީހަކު އެބަގުޅާ" ސޯފާގައި ޒިވްޔަންއަށް ކާންދޭން އިން ޒީވާ އިޝްވާގެ ކޯލު ކުރުކޮށްލުމަށްފަހު ޝައިނާގެ ކޯލަށް ޖަވާބުދިނެވެ. އޭރު ޝައިނާ ހުރީ ޒީވާމެން ދިރިއުޅޭ އިމާރާތުގެ އެންމެ ތިރީގައެެވެ. ޝައިނާ އެދުނުފަދައިން ޒީވާ އެ އިމާރާތުގެ ސެކިއުރިޓީ ދޮރު ހުޅުވައިލިތާ ދެތިން މިނަޓުގެ ތެރޭގައި އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުނެވެ. ޒީވާ ލުއި ފިޔަވަޅުތަކެއްގައި ދުވެލައިފައިގޮސް ދޮރު ހުޅުވައިލިއެވެ.

"އާދޭ އާދޭ. ކޮބާ ކުދިން. ނުލާތަ ތި އައީ؟" ޒީވާއަށް ޝައިނާ އެކަނި ހުރިތަން ފެނުމާއެކު ހިސާބަކަށް ހައިރާންވިއެވެ.

"ހްމްމް. އޮފީސް ނިންމާލިގޮތަށް މި އައީ.. ޒީއާ ވާހަކައެއް ދައްކާލަންވެގެން. އެކަނިތަ؟ ބިޒީތަ؟ ރިއާން އެބަ އުޅޭތަ؟" ޝައިނާ އެކީ އެކައްޗަކަށް ސުވާލުތައް އަމުނައިލިއެވެ.

"ނޫން ބިޒީއެއްނޫން. ރިއާން ވީ އޮފީހުގަ. އާދެބަލަ ބޭރުގަ ނުހުރެ. ތިއީ ބީރައްޓެއްސެއް ނޫނެއްނު" ޒީވާ ބުންޏެވެ. އަދި ޝައިނާއާއެކު އެތެރެއަށް ހިނގައިގަތެވެ. ސޯފާގައި އިން ޒިވްޔަންގެ ކޮލުގައި ކޮށްޓައިލުމަށްފަހު ޝައިނާގޮސް އިށީނީ ކާމޭޒުދޮށުގައެވެ. އެކަމުން އެކަނިވެސް ޒީވާއަށް އެ ދައްކަންއުޅޭ ވާހަކައިގެ މުހިއްމުކަން ނަގައިގަނެވުނެވެ.

"ދެން ކިޔާބަލަ. ކިހިނެއްވީ މާ ހާސްވެފަ ތިހިރީ؟" ޝައިނާއާ ޖެހިގެނ ހުރި ގޮނޑިއެއް ދަމައިލައި އިށީންނަމުން ޒީވާ އަހައިލިއެވެ.

"ޒީ.. ވަރަށް ފާޑެއްގެ ކަމަކާ ދިމާވެގެން މިއުޅެނީ. ކުރިން ޒީއާ ހިއްސާ ނުކުރެވި އަހަރެންނަށް ހަޔާތުގެ ވަރަށް ގިނަ ނިންމުންތަކެއް ނިންމިއްޖެ. އިތުރަށް އެ ކުށް ތަކުރާރު ކުރާކަށް އަހަރެން ބޭނުމެއްނޫން" ޒީވާގެ ދެއަތުގައި ހިފަހައްޓައިލަމުން ޝައިނާ ބުންޏެވެ.

"ޝައި ކީކޭތަ ތި ކިޔަނީ؟ މިހާރު އަހަރެން ހާސްވާން ފަށައިފި" ޒީވާގެ ދެ ބުމަ ގޮށްޖެހުނެވެ.

"މި ވެގެން އުޅޭ ގޮތަކީ…" ޝައިނާގެ ވާހަކަ ފެށުމާއެކު ވަގުތުން ޒީވާއަށް އެ ދައްކަމުންދަނީ ރާހިލްގެ ވާހަކަކަން އެނގުނެވެ. އެއީ އޭނާއަށް އާ ވާހަކަތަކަކަށް ނުވާތީއާއެކު އެ މޫނުމަތީގައިވި ޝައުގުވެރިކަން ހިފެހެއްޓޭތޯ މަސައްކަތްކުރަމުންދިޔައެވެ.

"ޒީ ބުނެބަލަ އަޅެ. އަހަރެން ކިހިނެއް ހަދަންވީ؟ އޭނަގާތު ނޫނެކޭ ބުނީމަވެސް އެކަން ހުއްޓާލަން އުޅެނީކީ ނޫން" ޝައިނާ އަހައިލިއެވެ.

"ދެން ދޮންބެ؟ ޝައި ދޮންބެއާ ދޭތެރޭ ނުވިސްނަންތަ؟" ރިއާން ކުރީދުވަހު ދެއްކި ވާހަކަތައް ހަނދާންވުމާއެކު ޒީވާ އަހައިލިއެވެ.

"ރާހިލް…" ޝައިނާ އެ ނަން ކިޔައިލީ ބީރައްޓެހި ގޮތަކަށެވެ.

"ނޭނގެ ޒީ.. އަހަރެންނާއި ރާހިލްއާ މިހާރު ވަރަށް ދުރުވެއްޖެ. ދެން ދިމާވިޔަސް ކުރިން އޮތް ގުޅުން ރާހިލްއާ ބޭއްވޭނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ.." ޝައިނާ އިސްޖަހައިލިއެވެ.

"މާނައަކީ ޝައި ތި މީހަކާ ބައްދަލު ކުރަން ބޭނުމޭއެއްނު؟" ޒީވާގެ ސުވާލަށް ޝައިނާ ލަސްލަހުން ބޯ ޖަހައިލިއެވެ.

"ބޭނުން.. އަސްލު އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔާނާއަށް އެހާ ހާއްސަވި އެކުވެރިޔަކީ ކޮބައިތޯ ބަލައިލަން އަހަރެންވެސް ބޭނުންވާނެއެއްނު. އެންޑް ޒީ.. ބައެއްފަހަރު އޭނަ އުޅޭގޮތުން ރާހިލްމަތިން ވަރަށް ހަނދާންވޭ. ޒީއަށް އެނގޭތަ ރާހިލްވެސް އަހަރެންނަށް ޕްރޮޕޯޒްކޮށްފަ ޖަވާބެއް ލިބެންދެން ކޮންމެ ދުވަހަކު އަހަރެންނަށް މާބޮނޑިއެއް ފޮނުވިކަން؟" ޝައިނާގެ ތުންފަތަށް އެ ދުރު ހަނދާނާއެކު ހިނިތުންވުމެއް ވެރިވިއެވެ.

"ނޯ ވޭ.. އޭރު ޝައިގެ ރޫމްގަހުރި އެ ޔެލޯ ރޯސަޒް؟ އެއީ ދޮންބެތަ؟" ޒީވާ އަހައިލިއެވެ. އެއާއެކު ޝައިނާ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

"ކިހިނެއް އެނގެނީ؟ ފަހަރެއްގާ ދޮންބެއަށްވުރެން ބޮޑަށް ޝައިދެކެ ލޯބިވާނެ މީހަކުވެސް ލިބިދާނެއެއްނު. އަހަރެންނަށްވެސް ފެންނަނީ ޝައި އެމީހަކާ މީޓްކޮށްލަން." ޒީވާ ބުންޏެވެ.

"އެކަމަކު އަހަރެންނަކަށް ނުކެރޭނެ. ޒީ.. ފުރަތަމަ އަހަރެން ބޭނުމީ ޑިވޯރސްވާން. އެއަށްފަހު ކަންނޭނގެ އަހަރެންނަށް އެކަހަލަ ނިޔަތެއްގަ އެހެން މީހަކާ ބައްދަލުކުރުމުގެ ހިތްވަރެއް ލިބޭނީ" ޝައިނާ މާޔޫސީ ރާގެއްގައި ބުންޏެވެ.

"ގޮތް ނިންމާނީ ޝައި. ތިއީ ޝައިގެ ލައިފްއެއްނު. އެކަމަކު ޝައި ކޮންމެ ގޮތަކަށް ތި ނިންމުން ނިންމިޔަސް ހަނދާންކުރާތި މި ފެމިލީއާ ޝައި ދުވަހަކުވެސް ދުރެއް ނުވާނެ. ކުޑަ ދުވަސްކޮޅަކަށް އަހަރެން އެކަން ހަނދާންނެތިފަ ހުއްޓައި މި ޗުއްޓީގެ ކުރިން އެންމެ ފަހުން ޒިވްޔަންމެންގެ ސްކޫލް އޮތްދުވަހު ދޮންބެ މިގެއަށް އައިސްފައި ބުނީ ކީކޭކަން އެނގޭތަ؟ ބުނީ ޝައިއަކީ ތިމަންނަގެ ދަރިފުޅުގެ މަންމައޭ. އެމަގާމުގަ ހުރިހާ ހިނދަކު ޝައި ވާނީ މި އާއިލާގެ މީހަކަށޭ.. އެހެންވީމަ ޑިވޯރސްގެ ކުރިން ޝައި އަދި ވިސްނާލަން އަހަރެންނަށް ފެންނަނީ. ޔާނާގެ ރަހްމަތްތެރިޔަކާ ޝައި މީޓްކޮށްލަން ނިންމުމަކީ އަދި ޑިވޯރސްއަކާމެދު ވިސްނަންޖެހޭ ސަބަބެއް ނޫނެއްނު." ޒީވާ ވިސްނައިދިނެވެ.

ޒީވާގެ ފަރާތުން އެ ލިބުނު ނަސޭހަތާއެކު ޝައިނާ ގެއަށް އައި އިރު އޭނާގެ ސިކުނޑީގައިވަނީ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތް ރާވައިލެވިފައެވެ. ޒީވާ ބުނި ފަދައިން ޔާނާގެ ރަހްމަތްތެރިޔަކާ ބައްދަލުކޮށްލަން ދިޔުމަކީ ރާހިލްގެ އަންބެއްގެ މަގާމުގައި ހުއްޓެއްކަމަކު އޭނާ ކުށްވެރިވާންޖެހޭ ކަމެއްނޫނެވެ. އެހެންކަމުން އެރޭ ޔާނާއާއި ރާއީ ނިންދެވުމަށްފަހު އޭނާ ގަލަމަކާއި ނޯޓްފޮތެއް ހިފައިގެން ބޭރަށް ނުކުމެލިއެވެ. ކާމޭޒުމަތީގައި ބޭއްވިފައި އޮތް މާބޮނޑިއަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ގަަލަމުގެ ތުނޑު ފޮތުގައި ޖައްސައިލިގޮތުން ހީވީ ހަނގުރާމައަކަށް ތައްޔާރުވަމުންދިޔަހެނެވެ. ހިތާއި ދެކޮޅަށް އެމީހަކާ ބައްދަލުކުރަން ބޭނުންވާ ވާހަކައާއި ބައްދަލުކުރާނެ ދުވަހާއި ތަން ގަނޑުގައި ލިޔެލުމަށްފަހު އެ ގަނޑު ނޯޓުފޮތުން ވަކިކޮށްލިއެވެ. އޭރުވެސް ހިތުގެ ކަނަކުން އޭނާއަށް ރާހިލްގެ އަޑުން ގޮވަމުންދިޔަ ކަހަލައެވެ. އެހެނެއްކަމަކު އޭނާއަށް ފަހަތައް ޖެހެވޭކަށްނެތެވެ. މިކަމަށްވެސް ކޮންމެވެސް ހައްލެއް އެބަ ގެންނަން ޖެހޭތާއޭ ސިކުނޑިން ބުނަމުންދިޔައެވެ. ޝައިނާ އެ ގަނޑުކޮޅު ފަތްޖަހައިލުމަށްފަހު އޮފީސް ދަބަހުގެ ތެރެއަށް ވައްޓައިލީ މާދަމާ އެ ގަނޑުކޮޅު ނަބްހާއާ ހަވާލުކުރުމަށް ގަސްތުކުރަމުންނެވެ.

****************

"ޔާނާގެ ތިހާ ހާއްސަ އެކުވެރިޔަކީ ކާކުތޯ ބަލައިލުމުގެ ޝައުގު އަހަރެންގެ ހިތުގައިވެސް އެބައޮތް. ލެޓްސް މީޓް ދިސް ފްރައިޑޭ؟ ހަވީރު ފަހެއްޖަހާއިރު. ހުޅުމާލެ ބީޗް. ވޯ ވޯ ވޯ. ލުކްސް ލައިކް ޔޫ ގޮޓް އަ ޑޭޓް. ކޮބާ ދެން ކާންދާން ރެޑީ ވާންވީ ދޯ؟" ކައުންޓަރު ކައިރީގައިހުރެ ނިއުޅައިލި ގަނޑުކޮޅު ކިޔައިލުމަށްފަހު ރާހިލްގެ މޫނުމައްޗަށް ވެރިވި ހިނިތުންވުންފެނި ނަބްހާވެސް އެ ގަނޑުކޮޅު ކިޔައިލަމުން ރާހިލްއާ ދިމާކޮށްލިއެވެ.

"އެހެހެ. އަދި ނޭނގެއެއްނު ސެޓުވީކަމެއް. އެކަމަކު އެއީ ޝައްކެއްއޮތް ކަމެއްނޫން އެނގޭ. ކާންދާން ހަމަ ރެޑީ ވާންވީ." ރާހިލް ފޮނިވެލިއެވެ. އަދި އެދުވަހު ގެނައި މާބޮނޑީގެ ތެރެއަށް އޭނާގެ ފޯނު ނަންބަރު ލިޔެފައިވާ ކަރުދާސްކޮޅެއްލުމަށްފަހު އެތަނުން ނުކުތީ އެރޭގެ ވަގުތެއްގައި އެ ނަންބަރަށް ޔާނާގެ މަންމަގެ ކޯލެއް ނުވަތަ މެސެޖެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

ކަންތައްވީ އޭނާ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ޔާނާގެ މަންމަގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް ނުލިބުނުތާނގައި ޖެހިގެން އައިދުވަހު ޑޭކެއަރ ސެންޓަރ އިން އޭނާއަށް ޔާނާއަކާވެސް ދިމާވާގޮތެއް ނުވިއެވެ. ނަބްހާއަށް އެކަމުގެ ސަބަބެއް މާ ރަނގަޅަކަށް ނޭނގޭތީއާއެކު ރާހިލްއަށް ޖެހުނީ އިޝްވާގެ ގާތުން އެކަން އޮޅުން ފިލުވާށެވެ. އެގޮތުން އެރޭ ގެއަށް އާދެވުމާއެކު އޭނާ އެންމެ ފުރަތަމަވެސް އަވަސްވެގަތީ އިޝްވާ ހޯދުމަށެވެ. އޭރު އިޝްވާ ބަދިގެތެރޭގައި ކޮންމެވެސް އެއްޗެއް ކެއްކުމުގައި އަވަދިނެތި އުޅުނެވެ.

"މުޅި ތަން ދުން އަރުވާލައިގެން. ކޯއްޗެއްތަ ތި ކައްކަނީ؟" ރާހިލް ކެއްސަމުން ކެއްސަމުންގޮސް އުނދުން ނިވައިލަމުން އަހައިލިއެވެ.

"އޯހް ޝިޓް. ކުކުޅުކޮޅު އެނދީތަ؟ އަޅެ ނޫޑްލްސް ކައްކަނީ މިއީ. ދޮންބެ ބޭނުންތަ؟" އިޝްވާ އަވަސް އަވަހަށް އުނދުން ކައިރިއަށް ޖެހިލަމުން އަހައިލިއެވެ.

"ޕިސް. އަހަރެން ބޭނުމެއްނޫން. އިޝްކޮވެސް ތި ކާއިރު ތަންކޮޅެއް ސިއްހަތަށް ރަނގަޅު އެއްޗެއް ކައިބަލަ" ރާހިލް ބުންޏެވެ.

"އިޝީ ފަލައޭ ދޯ ތިބުނީ. އިޝީއަށް އެނގެޔޭ އިޝީ ފަލަކަން. އިޝީ ބޭނުންވެގެންތަ އިޝީ ފަލަވީ" އިޝްވާ މާޔޫސީ ރާގެއްގައި ބުންޏެވެ.

"އެހެނެއް ނުބުނަމެއްނު. ދެން އަޅާނުލާ. އިޝްކޮއާ ދެބަސްނުވެ ވާހަކަ ދެއްކޭކަށް ނޯންނާނެ. އަހަރެން އަހަން އުޅުނީ ޔާނާ ކޮބާހޭ. މިއަދު ދިމާ ނުވީމަ" ރާހިލް އަހައިލިއެވެ.

"އޯހް. ޔާނާދޯ.. ޔާނާ ކުޑަކޮށް ހުން އައިސްގެން އުޅެނީ. އެހެންވެ މިއަދު ސެންޓަރަކަށް ނުގެނެއެއްނު. އިޝީ ދެންމެ ގުޅާލީމަ ބުނީ އަދިވެސް ރަނގަޅެއްނުވެއޭ. ހިއެއްނުވޭ މާދަންވެސް ގެންދާނެހެނެއް" އިޝްވާ މާބޮޑު ވިސްނުމަކާނުލައި ބުންޏެވެ. އެހެނަސް އެ ޖުމްލައާއެކު ރާހިލްގެ ހިތަށް އުނދަގޫވެގެންދިޔައީ ކީއްވެކަމެއް ނޭނގުނެވެ. ޔާނާއާމެދު އޭނާ ކަންބޮޑުވިއެވެ.

ކޮޓަރިއަށްގޮސް ފެންވަރައިލައިގެން ނިދަން ތައްޔާރުވިއިރުވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެކުއްޖާގެ ހާލުބަލައި ދެކިލާހިތްވީލެއް ބޮޑުކަމުން އޭނާގެ ދޫ ހިމޭނުން ބޭއްވުން ވީ އުނދަގޫ ކަމަކަށެވެ. އެންމެފަހުން އޭނާ ކޮޓަރިން ނުކުމެގެން ތިރިއަށް ހިނގައިގަތެވެ. އަނދިރި ކޮށްލައިފައި އޮތް ސިޓިންގްރޫމްގެ ސޯފާގައި ނޫޑްލްސް ތަށި ހިފައިގެން ފިލްމެއް ބަަލަން އިން އިޝްވާފެނި ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"އިޝީ.."

"އާތް. އަމައްޔާތް ދޮންބޭ! ސިއްސައިގެނޭ ދިޔައީ" ކުއްލިއަކަށް ރާހިލް އައިސް ސޯފާގައި އިށީނުމަށްފަހު އޭނާއަށް ގޮވައިލިގޮތުން ފިލްމަށްގޮސް ހުސްވެފައި އިން އިޝްވާ ދިޔައީ ހަމަ ރަނގަޅަށްވެސް ސިއްސައިގެނެވެ.

"އިޝީ އަހަރެން.. އަހަރެންނަށް ޔާނާގެ މަންމައަށް ގުޅޭނެ ނަންބަރެއް ލިބިދާނެތަ؟" ރާހިލް އަހަން ނާހަން އިނދެފައި ކަހަލަ ގޮތަކަށް އަހައިލިއެވެ. އެއާއެކު އެދެމެދަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ.

"މިއީ.. އަހަރެން އެއްވެސް ގޯސް ނިޔަތެއްގައެއް ނޫނޭ. އިޝްކޮ ދެންމެ އެހެން ބުނީ ވަރަށް ކަންބޮޑުވެފަ މި ހުންނަނީ ޔާނާ–"

"ދޮންބޭ." އިޝްވާ ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"އިޝީއަށް އެނގެޔޭ ގޯސް ނިޔަތެއް އޮވެގެން ނޫންކަން. އެކަމަކު ދޮންބެ ބަލާބަލަ ގަޑި. ބާރަ ޖެހީއެއްނު. މިއީ މީހުންނަށް ގުޅާ އުނދަގޫ ކުރަންވި ވަގުތެއް ނޫނެއްނު. އެހެންނޫނަސް އިޝީއަކަށް ނުކެރޭނެ ޔާނާ މަންމަގާތު ނާހާ އެ ނަންބަރު ދޮންބެއަށް ދޭކަށް. އެއީ އެމީހެއްގެ ޕާރސަނަލް މައުލޫމާތެއްނު. ސޮރީ.. އައި ކާންޓް" އިޝްވާ ބުންޏެވެ.

ރާހިލް އެވާހަކައާ އެއްބަސްވާ ފަދައަކުން ބޯ ޖަހައިލަމުން ސޯފާއިން ތެދުވެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައއް ހުއްޓުނީ ސިޑިއާ ހިސާބަށް އާދެވިފައި ވަނިކޮށް އިޝްވާ އޭނާއަށް ގޮވައިލުމުންނެވެ.

"ޔޫ ޑޯންޓް ހޭވް ޓު ވޮރީ. ޔާނާގެ އަޕްޑޭޓްސް އިޝީ ދޮންބެއަށް ދޭނަމޭ. ބަލި ރަނގަޅުވިހާ އަވަހަކަށް ބުނެދޭނަން. ކޫލް؟" އިޝްވާ އަހައިލިއެވެ.

"ކޫލް." ރާހިލް ސިޑިން މައްޗަށް ހިނގައިގަންނަމުން ބުންޏެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ. އަދިވެސް އޭނާގެ ނަންބަރަށް ހަބަރެއްވެފައި ނުވާތީ ހިތާހިތުން ޔާނާގެ މަންމައަށްވެސް ކުދިކިޔުނެވެ. އެހެންނަމަވެސް ހުކުރު ދުވަހުގެ ހަވީރަށް މަޑުކުރުން ފިޔަވައި ދެން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. ހަފްތާބަންދާ ހަމައަށް އޭނާއަށް ކުރެވެމުން ދިޔައީ ދިގު އިންތިޒާރެކެވެ.

**************

އާދައިގެ މަތިން ހުކުރު ދުވަހުގެ ހަވީރު ޒީވާމެންގެ ހަލަބޮލިވެފައިވަނީ ޒިވްޔަންއާއެކު އެގެއަށް ކުޅެން އައިސް އުޅުނު ޔާނާއާއި ރާއީގެ ސަކަރާތުންނެވެ. އަދި އެހެން ކޮންމެ ހުކުރެކޭވެސް އެއްފަދައިން ޒީވާއާއި ޝައިނާ ބަދިގޭގައި ސައިހެދުމުގައި ހަރަކާތްތެރިވަމުން ދިޔައިރު ރިއާން ސިޓިންގްރޫމްގެ ސޯފާގައި ލެޕްޓޮޕް ހިފައިގެން އިނދެ އިރުއިރުކޮޅާ އެ ތިންކުދިން އުޅޭގޮތަށް ނަޒަރެއް ދެމުންދިޔައެވެ.

"ރިއާން ބޯނީ ކޮފީ.. ޝައިއަށް ތިން ސަމްސާ ދޯ؟" ޝައިނާ އަވަނުން ނެގި ކޭކު ފޮތިކުރުމުގައި އަވަދިނެތި އުޅެނިކޮށް ސައި ގިރަން ހުރި ޒީވާ އަހައިލިއެވެ.

"އޭން..ނޫން. އާނ. ނޫން. މިބުނީ އަހަރެންނަށް ސައި ނުހެދިޔަސް އޯކޭ" ޝައިނާއަށް ޒީވާ ވާހަކަދެއްކިކަން އެނގުމާއެކު އަވަސް އަވަހަށް ބުންޏެވެ.

"ސައި ނުބޯނަން؟" ޒީވާ ޔަގީން ނުވެފައި އަހައިލިއެވެ. ހަވީރުސަޔަށް ޝައިނާއަށްވުރެން ފޯރިހުންނަ ވަކި އިތުރު މީހަކި ނުހުންނާނެއެވެ.

"އާން އަހަރެން.. އަހަރެން އިރުކޮޅަކުން ދާންޖެހޭ އެބަ ތަނަކަށް.. މިއީ. ޒީ" ކުއްލިއަކަށް ޝައިނާ ވަޅިން އަތްދޫކޮށްލުމަށްފަހު އައިސް ޒީވާގެ ގާތަަށް ހުއްޓުނެވެ.

"ޒީ.. މިއަދު 5 ޖަހާއިރު މީޓްވާން ބުނެގެން މިއުޅެނީ. ޔާނާމެން ބަލާލަ ދޭނަން ދޯ. އެހާ ލަހެއް ނުވާނެ މިތާ ކައިރި ބީޗަށް ގޮސްލާފަ އަންނާނަން" ސޯފާގައި އިން ރިއާންއަށް އަޑުނީވޭނެހެން ސިއްރުސިއްރުން ޝައިނާ ޒީވާގާތު ބުންޏެވެ.

"ވަޓް؟ މިއަދު؟" ޒީވާއަށް ގަބޫލު ނުކުރެވިފައި އަހައިލިއެވެ. ޝައިނާއާއި ރާހިލް ބައްދަލުވުމުގެ ވަގުތު އެހާ ކުޑަތަންވަމުން ދިޔައިރުވެސް އެމީހުންނަށް އެކަން ރޭކައިވެސް ނުލީތީ އެކަމަށް ތައްޔާރުވާނެ ގޮތެއް ޒީވާއަކަށް ނޭނގުނެވެ.

"ހްމްމް މިއަދު. ސޮރީ އެނގޭ ނުބުނެވުނީމަ" ޝައިނާ ބުންޏެވެ.

"ނޯ ނޯ ނޯ. މިބުނީ… ޝައި ގޮސްފަ އާދޭ. ކޮންމެހެން އަވަސް އަރުވާލާނެ ކަމެއް ނެތް. ޓޭކް ޔުއަރ ޓައިމް" ޒީވާގެ މޫނުން ފެނުނީ އާދަޔާހިލާފު އުފާވެރިކަމެކެވެ. އެކަމާމެދު ޝައިނާއަށް ސުވާލު އުފެއްދުމުގެ ފުރުސަތު ނުދީ އޭނާ އެތަނުގައި ގިރައިފައިހުރި ސައިތައްޓާއި ކޮގީތަށި ހިފައިގެންގޮސް ސޯފާގެ ކައިރީގައިހުރި ކޮފީ މޭޒުމަތީގައި ބަހައްޓައިލިއެވެ. އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޝައިނާވެސް ހެދިކާ އަޅައިފައިހުރި ތަބައް ހިފައިގެން އައިސް އެ މޭޒުމަތީގައި ބަހައްޓައިލަމުން ޒީވާގާތު ސޯފާގައި އިށީނެވެ.

"އަދިވެސް ނުދަނީތަ؟" ޒީވާ ލާނެތް ރާގެއްގައި އަހައިލިއެވެ.

"ދެން ޒީ.. އަދި ވިހި މިނަޓު އެބަހުއްޓެއްނު" ޝައިނާ ލޯ އަޅައިލަމުން ބުންޏެވެ.

"އޯކޭ އޯކޭ" ޒީވާ ހޭންފެށިއެވެ. ހަމައެވަގުތު އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑު އިވުމާއެކު ޒީވާއަށްވުރެ ކުރިން އެތަނުގައި އިން ރިއާން އަވަސް އަވަހަށް ލެޕްޓޮޕް ބަހައްޓައިލުމަށްފަހު ސޯފާއިން ތެދުވިއެވެ.

"އައިލް ގެޓް ދެޓް" ރިއާން ދޮރާދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

"ރިއާން ވަރަށް ޕެރަނޮއިޑް ވާނެ. ހީވާ ކަހަލަ އަހަރެން ދޮރު ހުޅުވަން ގޮސްފިއްޔާ މީހަކު އަހަރެން ކިޑްނެޕް ކޮށްފާނޭ. ނޫނީ މަރާލާނޭ" ޒީވާ ދެފަރާތަށް ބޯ ހޫރައިލަމުން ބުންޏެވެ.

"ރިއާން. ކާކުތަ؟" ރިއާންގެ ފަރާތުން ރައްދެއް ނުލިބި ގިނައިރުވާން ފެށުމުން ޒީވާ ގޮވައިލިއެވެ. އެވަގުތު އެމީހުންގެ ކަންފަތުގައި ޖެހުނީ އެޕަރޓްމެންޓް ދޮރުން އެތެރެއަށް ވަދެގަތް އިޝްވާގެ އަޑެވެ.

"ޒިއްކޮ އެބަ އުޅޭތަ؟ ފޫހިވެގެން އުޅޭތީ ދޮންބެ ހުޅުމާލެ އައި ދަތުރެއް ބަލައި ފަހަތުން އަޅުވައިލައިގެން މި އައީ. އަދި ވަގުތު އެބައޮތޭ ކިޔާފަ އެންމެފަހުން އަހަރެންނާއެކު-"

ކުއްލިއަކަށް އިޝްވާގެ ވާހަކަ މެދުކެނޑުނީ އެޕަރޓްމެންޓްގެ ތެރެއަށް ދެތިން ފިޔަވަޅެއް އެޅިތަނާހެން ސޯފާގައި އިށީނދެ އިން ޝައިނާ ފެނުމުންނެވެ. އަވަސް އަވަހަށް އައިކޮޅަށް އަނބުރައިލަން ހިތަށް އެރިނަމަވެސް އެކަމަށް މިހާރު މާ ލަސްވެއްޖެކަން އެނގުނީ ޝައިނާގެ މޫނުމަތިން ކުއްލިއަކަށް ފާޅުވި ސިހުން ފާހަގަކުރެވުމުންނެވެ. ލަސްލަހުން ފަހަތް ބަލައިލިއިރު އެޕަރޓްމެންޓްގެ ދޮރުމަތީގައިހުރި ރާހިލް އިރުކޮޅަކު ހުއްޓުން އަރައިފައި ހުރުމަށްފަހު ފަހަތަށް ފިޔަވަޅެއް އަޅައިލަނީއެވެ. އޭރު ރާހިލްގެ ދެބުމަ ގޮށްޖެހިފައިވާއިރު އެ މޫނުމަތިން ފާޅުވާންހުރީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ.

ރާހިލް އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ފަސްއެނބުރި ހިނގައިގަތުމާއެކު ރިއާންގެ އިތުރުން ޒީވާ އަދި އިޝްވާގެ މޫނުމަތީގައިވެސް ސުވާލުމާކު ޖެހިގެންދިޔައެވެ. އޭރު ޝައިނާއަށް އިނދެވުނީ އެތެރެއަށް ދަމައިލި ނޭވާ ބޭރަށްވެސް ދޫކޮށްލަން ނޭނގިފައެވެ. އެހެނަސް ރާހިލްއަށް ދެތިން ފިޔަވަޅު ކުރިއަށް އެޅުނު ތަނާހެން ރިއާން އަވަސް އަވަހަށްގޮސް ރާހިލްގެ ކޮނޑުގައި ހިފެހެއްޓިއެވެ.

"ރާހިލް.. ކޮންތާކަށް؟" ރިއާން ކަންބޮޑުވެފައި ގޮވައިލިއެވެ.

"އައި ކާންޓް ސްޓޭ ހިއަރ ރިއާން. އިޓް ވޯޒް އަ ބޭޑް އައިޑިޔާ ޓު މޫވް އޮން.. ޓު މީޓް ސަމްވަން" ރާހިލް އަވަސް ނޭވާތަކެއްލަމުން ބުންޏެވެ.

"ކީކޭ؟ ރާހިލް ކީކޭތަ ތި ކިޔަނީ. ހަމަޖެހިބަލަ" ރިއާން ބުންޏެވެ.

"އައިމް ސީއިންގް ތިންގްސް ރިއާން. އައިމް ހެލޫސިނޭޓިންގް. އައި.. އައިމް ލޫޒިންގް މައި މައިންޑް. އަހަރެން.. އަހަރެން މޮޔަވަނީ ކަން ޔަގީން" ރާހިލްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. އަވަސް ނޭވާތަކަކާއެކު އެ ހުރިހާ ވާހަކައެއް ދައްކަމުންދިޔައިރު އޭނާގެ ހިތުގެ ތެޅުންވެސް ދިޔައީ ހިނދެއް ހިނދަކަށް އަވަސްވަމުންނެވެ.

"ރާހިލް–"

"ރިއާން. ނޯ. ނޯ ރިއާން"

"ރާހިލް!" ރާހިލް އޭނާ ދައްކާ ވާހަކަ އަޑުއެހުމަަށް އިންކާރު ކުރަމުން ދިޔައީތީ ރިއާން ރާހިލްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ހަޅޭއްލަވައިގަތެވެ. "ޔޫ. އަރ .ނޮޓް. ސީއިންގް. ތިންގްސް. ރާހިލް" ރާހިލްއަށް ހުރިހައި ލަފްޒެއް ފަހުމުވާނެހާ ލަސްލަހުން ރިއާން ބުންޏެވެ.

ރާހިލް ތިއީ ދޮގެކޭ ބުނާ ފަދައިން ދެފަރާތަށް ބޯ ހޫރައިލިއިރު އޭނާގެ ހިތުގެ ތެޅުން އަމިއްލަ ކަންފަތާ ހިސާބަަށް އިވެން ފަށައިފިކަހަލައެވެ. އެ ދެލޮލަށް އެތައްހާސް ކަރުނައެއް އެއްފަހަރައި ޖަމާވާން ފެށި ކަހަލައެވެ. އުފަލާއި ހިތާމައާއި ރުޅިވެރިކަން އެކުލެވިފައިވާ ފޮނި އެހެނަސް ވޭންދެނިވި އިހުސާސްތަކަކުން މުޅި ހަށިގަނޑުގައި ރިހުމެއް އުފެދުނެވެ. އެ އިހުސާސްތަކާއި ކަރުނަތައް ބޭޒާރުވިޔަ ނުދިނުމަށްޓަކައި ކަނާތް މުއްކަވައިލުމަށްފަހު ގެނެސް އެ މުށުގައި ދަތްއަޅައިލެވުނުއިރު އޭނާގެ މުޅި ހަށިގަނޑަށް މަޑު ތުރުތުރެއް ވެރިވެއްޖެއެވެ. އަދިވެސް އެއްފަހަރު ރިއާން ބުނި ޖުމްލައިގެ ތެދުކަން ޔަގީންކުރުމަށްޓަކައި ރިއާންއަށް ބަލައިލިއެވެ. ރިއާން މަޑުމަޑުން ބޯ ޖަހައިލީ ރާހިލްއަށް އެ ޔަގީންކަން ދިނުމަށެވެ. އެއާއެކު ރާހިލްއަށް ހީވީ މީހަކު އޭނާގެ ހިތުގައި ވަރުގަދަ އެތިފަހަރަކުން ވީއްލައިލިހެނެވެ. ކުރަމުންދިޔަ ހުރިހާ ހިތްވަރެއް ދެލޮލުން އޮހެންފެށި ކަރުނައިގެ ސިފައިގައި ބޭރުވިއިރު އެދެތުންފަތް ފޫ އަޅުވައިލައި ނުކުތް ވޭނީ އާހުގެ އަޑު ހޯލްވޭގެ ފާރުތަކުގެ ތެރެއަށް "އެކޯ" ވެގެން ދިޔަ ދިޔައިނުން އެއަޑު އިވުނު އެންމެންގެ ގައިން ހީބިހި ނަގައިގެން ދާނެކަން ޔަގީނެވެ.

 

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އާހް!
    އަޅެ އަދި ކުޑަތަންކޮޅެއް އިތުރުކޮށްލާފަ ހުއްޓާލިނަމަ.

    ދެން އޮތްބައިގެ އިންތިޒާރީގައި ނުކައި ނުބޮއެ ނުނިދަ އިންކަން އަންގާލިން. ލަސް ނުކުރާތި. ޕްލީޒް

    12
  2. ދެން އިންބައި ވަރަށް އަވަސްކޮށް ގެނެސްދެއްޗޭ ވ އިންތިޒާރު ކުރަން.

  3. ޢީދު ހަދިޔާ އަކަށް އިތުރު ޕާޓެއް ގެނެސްދޭން ވީނު އަޅެ.... ޥާހަކަ ވަރަށް ރީތި says:

    ޢީދު ހަދިޔާ އަކަށް އިތުރު ޕާޓެއް ގެނެސްދޭން ވީނު އަޅެ…. ޥާހަކަ ވަރަށް ރީތި

  4. ވާހަކަ އަށް ވަރަށް އިންތިޒާުރު ކުރެވޭ. އެކަމަކު އިންގްލިޝް ބަސް ވަރަށް ގިނަކަން ފާހަގަ ކުރެވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު