ޢީދު ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ހަވީރު ބާއްވަނީ އެކްސެލް އިންޓަނޭޝަނަލް ސްކޫލާ ގުޅިގެންނެވެ. މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.
މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމާފައިވަނީ އިސްލާމީ މަރުކަޒު މައިދާނުގައާއި ކުޑަކުދިންގެ ބަގީޗާގައެވެ. ހަވީރުގައި ބައިވެރިވާ ކުދިންނަށް ހަދިޔާތައް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ އަޟްހާ ޢީދުގެ މުނާސަބަތުގައި ކުޑަކުދިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ހަވީރެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ކުޑަކުދިންގެ ހަވީރުގައި ކުދިން ޝައުގުވެރިވާނެ ތަފާތު އެކި ކުޅިވަރުތައް ހުންނާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.