ދީނީ ޝިޢާރު ރަމްޒުވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ދީނީ ޝިޢާރުތައް ރަމްޒުވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ބަހައްޓައިފި

ދީނީ ޝިޢާރުތައް ރަމްޒުވާ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ޤާއިމުކުރި މި މޮނިއުމަންޓުގެ ތެރެއިން ފުރަތަމަ މޮނިއުމެންޓު ފަރުމާ ކޮށްފައިވަނީ މާތް ﷲގެ އިސްމުފުޅު ރަމްޒުވާފަދަ ގޮތަކަށެވެ. އަދި ދެވަނަ މޮނިއުމެންޓު ފަރުމާކޮށްފައިވަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ނަންފުޅު ރަމްޒުވާފަދަ ގޮތަކަށެވެ. މި މޮނިއުމެންޓުތައް އަޅާފައިވަނީ ކޮންކްރީޓު ބޭނުންކޮށްގެންނެވެ.

ދީނީ ޝިޢާރު ރަމްޒުވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

 

މި މޮނިއުމެންޓުތައް ހުޅުވުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތިނަދޫ ސިޓީގެ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ، މިފަދަ މޮނިއުމެންޓެއް ތިނަދޫގައި ޤާއިމްކުރެވިގެން ދިއުމަކީ ތިނަދޫގެ ރައްޔިތުން ފަޚުރުވެރިވެ އުފާކުރަންޖެހޭކަމެއް ކަމަށެވެ. އަދި މިފަދަ ދީނީ ޝިޢާރުތައް ރަމްޒުވާފަދަ މޮނިއުމެންޓެއް ބެހެއްޓުމުގެ ބޭނުމަކީ ދީނީ އަޚުވަންތަކަމާއި އެއްބައިވަންތަކަމަށް ބާރުއެޅުންކަމަށް މޭޔަރ ވިދާޅުވިއެވެ.

"މި ބިނާ ޤާއިމް މި ކުރެވުނީ ދިގު އިންތިޒާރަކަށްފަހު. މި ރަށުގައި މިފަދަ މޮނިއުމެންޓެއް ޤާއިމްކުރެވިގެން ދިއުމަކީ އެހެން ރަށްތަކަށް ނަމޫނާއެއް. އަޅުގަނޑުމެން މި މޮނިއުމެންޓު ހިމެނޭ ސަރަހައްދު ގްރީން ޒީނަކަށް ބަދަލުކުރާނަން." ތިނަދޫ މޭޔަރ ސަޢުދު ވިދާޅުވިއެވެ.

ދީނީ ޝިޢާރު ރަމްޒުވާ 2 މޮނިއުމެންޓެއް ތިނަދޫ ސިޓީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

މި މޮނިއުމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ތިނަދޫ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ޙިއްސާކޮށްފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މޮނިއުމެންޓު ހަދާފައިވަނީ ތިނަދޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެންނެވެ. އަދި މި މޮނިއުމެންޓު ހެދުމަށް 3 މަސް ދުވަސް ނެގިކަމަށް މަޢުލޫމާތު ލިބެއެވެ. މި ދެ މޮނިއުމެންޓުގެ އުސްމިނުގައި ގާތްގަނޑަކަށް 12 ފޫޓު ހުރެއެވެ.

ތިނަދޫ ސިޓީގައި މި ދެ މޮނިއުމެންޓު ހުޅުވާފައިވަނީ މިފަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

މިއީ މާތް ﷲ ގެ އިސްމުފުޅާއި، ރަސޫލާގެ ނަންފުޅު ރަމްޒުވާފަދަ ގޮތަކަށް ރާއްޖޭގެ ރަށެއްގައި މިހާ ބޮޑު މޮނިއުމެންޓެއް ބެހެއްޓި ފުރަތަމަ ފަހަރެވެ. ތިނަދޫގައި އަލަށް ޤާއިމުކުރި މި ދެ މޮނިއުމެންޓް ހުޅުވާ، މޮނިއުމެންޓްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓި، ތަޢުރީފުގެ ބަސްތައް އަންނަނީ ރައްދުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު