Monday, 16 September 2024

ގަދަ ހޫނުގެ ސަބަބުން ޙައްޖާޖީންގެ ތެރެއިން 19 މީހަކު މަރުވެއްޖެ

މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުގަދަވުމުގެ ސަބަބުން ޙައްޖާޖީންތަކެއް މަރުވެއްޖެއެވެ.

އުރުދުން އާއި އީރާންގެ ޙައްޖާޖީންގެ ތެރެއިން 19 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ ގަދަ ހޫނުގައި ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޙަރަމްފުޅުގެ ތެރޭގައި ފިނިހޫނުމިން 51.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާއިރު، އަރަފާތު 48 ޑިގްރީ ސެލްސިއަސް އަދި މީނާ އަދި މުޒްދަލިފާގައި 46 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށް ސައުދީގެ މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން ގިނައިން ފެން ބުއިމާއި ދިޔާތަކެތި ބޭނުން ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މިއަހަރު 1.8 މިލިޔަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން ދެއެވެ.

ސައުދީ އަރަބިއްޔާއިން މީގެ ކުރިން ވެސް ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށްވުރެ މިއަހަރު ޙައްޖު މޫސުމާ ދިމާކޮށް ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވާން އިލްތިމާސްކޮށްފައެވެ.

މިހާރު ޙައްޖުވެރިން ތިބީ މިނާގައެވެ. މިނާގައި ތިބެ ޖަމްރާތަކަށް ހިލައުކުން ކުރިއަށްގެންދާއިރު ގަދަ ހޫނުގައިވެސް ޙައްޖުވެރިން އަންނަނީ އެކަން ކުރަމުންނެވެ. ހޫނުމިން 40 ޑިގްރީއަށްވުރެ މަތީގައި ހުރިއިރު ޖަމްރާތަކަަށް ހިލައުކަންދާ ފަރާތްތައް އަނބުރައިގެން ވެއްޓި ހޭނެތުމުގެ ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ. އިއްޔެ ބޮޑު ޖަމްރާއަށް ހިލަ އުކުމުގެ ތެރޭގައި ބައެއް ދިވެހިންވެސް ވަރުބަލިވެގެން އެކި ސަރަޙައްދުތަކުގައި މަޑުކުރަންޖެހި އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ. އެހެންކަމުން މިއަދު 3 ޖަމްރާއަށް ހިލައުކަން ދިއުމަށް ހަމަޖެހިފައިވަނީ ކޮންމެވެސް ވަރަކަށް ފިނިވުމުންނެވެ.

މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ޙައްޖުގެ އަަޅުކަމުގެ ތެރޭގައި މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ. މިދިޔަ އަހަރު ހޫނުގެ ސަބަބުން ޞިއްޙީ މައްސަލަތައް ދިމާވި ޙައްޖާޖީންގެ އަދަދު 10،000 އަށް އަރާއިރު އޭގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު