ޙައްޖުވެރިންނަށް ދެއްވި ފުރިހަމަ ޚިދުމަތަށް އިސްލާމިކް މިނިސްޓަރުގެ ޝުކުރު ސައުދީއަށް

މިއަހަރު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ދިޔަ ޙައްޖާޖީންނަށް ސައުދީ ސަރުކާރުން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވައި، ފުރިހަމަ ޚިދުމަތްތައް ފާހަގަކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީ ސަރުކާރަަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ، ވަރުބަލިކަމެއް ނެތް މަސައްކަތާއި ޚާއްޞަ ޚިދުމަތްތަކުގެ ސަބަބުން މިއަހަރުގެ ޙައްޖު ދަތުރަކީ އެތައް މިލިއަން ޙައްޖުވެރިންނަށް ޚާއްޞަ އަދި ރައްކާތެރި ތަޖުރިބާއަކަށް ވެގެންދިޔަ ކަމުގައެވެ.

"މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބު ވުމުން ސައުދީ އަރަބިއްޔާއަށް ހިތުގެ އަޑިން ތަހުނިޔާ ދަންނަވަން. ތިޔަބޭފުޅުންގެ ވަރުބަލިކަމެއް ނެތް މަސައްކަތާއި ޚާއްޞަ ޚިދުމަތްތަކުގެ ސަބަބުން މިއަހަރުގެ ޙައްޖު ދަތުރުފުޅަކީ އެތައް މިލިއަން ޙައްޖުވެރިންނަށް ޚާއްޞަ އަދި ރައްކާތެރި ތަޖުރިބާއަކަށް ވެގެންދިޔަ. الله ތަޢާލާ ޘަވާބު ދެއްވައި ބަރަކާތް ލައްވާށިއެވެ." ޑރ. ޝަހީމް އިނގިރޭސި ބަހުން ކުރައްވާފައިވާ ޕޯސްޓުގައި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، މި އަހަރު ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ދިޔަ ޙައްޖާޖީންނަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ސައުދީ ސަރުކާރަަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަލް ސަޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުޢާ ދަންނެވިއެވެ.

މީގެ އިތުރުން އަޟްޙާ ޢީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސަޢޫދީ ވަލީއަޙްދާއި ސަޢޫދީ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްޙޫރިއްޔާ ވަނީ ފޮނުވާފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު