ޑެންގީ ހުން މަޑުވާ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ އޭގެ ސަބަބުން ފުރާނައަށްވެސް ނުރައްކާވެދާނެކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވީ، ގިނަ ބަޔަކު ކަންބޮޑުވަނީ ހުން މަޑުނުވެގެން ނުވަތަ ހުން ތިރި ނުކުރެވިގެންކަމަށެވެ. އެހެންނަމަވެސް ޑެންގީގައި ޙަގީގަތުގައި ނުރައްކާ ބޮޑުވަނީ ބަލި ފަސޭހަވެ ހުން މަޑުވާން ފެށުމުންކަމަށެވެ.
"ޑެންގީ ސައިންތައް އެގިފައި ހުރުން ވަރަށް މުހިއްމު. ޑެންގީގައި މިދިމާވަނީ ދެކަމެއް. އެއްކަމަކީ ލީކޭޖް. އެއީ ލޭނާރު ތެރޭގައި ހުންނަންޖެހޭ ފެން ބޭރުވުމުގެ ސަބަބުން މީހާ ދުޅަވުމާއި ފުއްޕާމެއަށް ގޮސްފިނަމަ ނޭވާލާން އުދަނގޫވެސްވޭ. އޭގެ އިތުރުން ލޭގެ ޕްރެޝަރ ދައްވެގެން ދިމާވާކަމެއް ލީކޭޖްމިއީ. ލީކޭޖާއި ގުޅިގެން ފެންނާނެ ޢަލާމާތްތަކަކީ އަތްފައި ފިނިވުމާއި، ހުން ރަނގަޅުވިޔަސް ގައިގެ ވަރުދެރަވުމާއި ވާނުވާ ނޭނގުން ހިމެނޭ." ފައިސަލް ވިދާޅުވިއެވެ.
ކިޑްނީއަށް ލޭ ދިޔުމުގެ ސަބަބުން ކުޑަކަމު ނުދެވި ގިނަ އިރުވާކަމަށާއި، 10 ގަޑިއިރުވާއިރުވެސް ނުވަތަ މުޅި ދުވަހުވެސް ކުޑަކަމު ނުދެވި ހުންނަ ކަން ފާހަގަކުރައްވަމުން، ބަނޑަށް ތަދުވުމާއި ހޮޑުލުންވެސް ކުރިމަތިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ލޭ ލީކްވުމުގެ ސަބަބުން ނޭފަތުންނާއި ހިރުގަނޑުންނާއި އަދި ކުޑަކަމުދިޔުމުގައި އަދި ބޮޑުކަމުދިޔުމުގައިވެސް ލޭ އަންނަ ގޮތް މެދުވެރިވާކަމަށެވެ. ހަމައެއާއެކު ބައެއް ފަހަރު ހަންގަނޑާއި މަސްގަނޑާއި ދެމެދު ލޭ ލީކުވުމުގެ ސަބަބުން ކަޅު ނުވަތަ ރަތްކުލައިގެ ތިކިތަކެއް ފެންނަން ފަށާކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
މިއިން ޢަލާމާތެއް ފެނިއްޖެކަމުގައިވާނަމަ ވީ އެންމެ އަވަހަކަށް ސިއްޙީ އެހީތެރިއެއްގެ އެހީ ހޯދަންވާނެކަމަށާއި، އެއީ މިފަދަ ޢަލާމާތްތައް ފެންނަން ފަށާތާ 24 ގަޑިއިރު ތެރޭ އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ފުރާނަ ސަލާމަތްކުރުމަށް އެއަށްފަހު އޮންނަ 24 ގަޑިއިރުގެ ތެރޭގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށާއި، ޑެންގީގެ ސަބަބުން ފުރާނަ ގެއްލިފައިވާ ބައެއް ކޭސްތަކަކީ ފެންނަ ޢަލާމާތްތަކަށް ފަރުވާ ކުރުން ލަސްވުމުގެ ސަބަބުން ރިކޯޑުކުރެވިފައިވާ ކޭސްތަކެއްކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
މިވަގުތުވެސް އައިޖީއެމްއެޗްގައި 7 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަން ފާހަގަކުރައްވަމުން، މިވަގުތު ތިބި ކުދިންގެ ޙާލު ސީރިއަސް ނޫންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
މޫސުމީ ހުމާއި ރޯގާއާއި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި އެކި ދުވަސްވަރު އިތުރުވެއެވެ. މީގެ ތެރެއިން ގިނަ ހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކަލެއް ނެތް އަދި ކުރު މުއްދަތެއްގައި އެބަލިން ރައްކާތެރިކަން ލިބިގެންދާ ބަލިތަކެވެ. އެހެންނަމަވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރޭގައި ޑެންގީ ހުމަކީ އޭގެ ނުރައްކާ ފުރާނައަށް ކުރިމަތިވުމުގެ ފުރުޞަތު އޮތް ބައްޔެކެވެ.
Important advice from Dr. @Faisalnaifaru , Senior Consultant in Pediatrics at @igmhmv on managing Dengue 🩺
Stay informed, stay safe! 🌟 #DengueManagement #HealthTips #StaySafe #PreventMosquitoBite pic.twitter.com/5ErM99CrEg
— Ministry of Health (@MoHmv) June 17, 2024