ޖޯޖިއާ އަތުން 3-1 ން ތުރުކީ މޮޅުވެއްޖެއެވެ.
ތުރުކީ ކާމިޔާބު ކުރީ، 1-1 ން އެއްވަރުވެފައި ވަނިކޮށް، 65 ވަނަ މިނިޓްގައި ގުލާ ކާމިޔާބުކުރި ލަނޑާ އެކުއެވެ. ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އަރްދާ ގުލާ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި، ތުރުކީ މޮޅުކޮށްދިނުމަކީ ޓީމަށް ލިބުނު ބޮޑު ކާމިޔާބެކެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ތުރުކީންނެވެ. ތުރުކީއަށް ލީޑް ނަގައިދިނީ 25 ވަނަ މިނިޓްގައި މާތް މަލްޑަރ އެވެ.
65 ވަނަ މިނިޓްގައި ގްލާ ޖެހި ލަނޑާއެކު ތުރުކީ އަށް ލީޑް ލިބުނެވެ. މިއާއެކު ގުލާ ވެފައިވަނީ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި ޓީނޭޖް ތިންވަނަ ކުޅުންތެރިޔާ އަށެވެ.
ތުރުކީން ތިންވަނަ ލަނޑެއް ޖެހީ ޖޯޖިއާގެ މުޅި ޓީމް ކުރިއަށް ޖެހި ނަތީޖާ ހަމަހަމަ ކުރަން އެޓޭކް ކުރަމުން ދިޔަ ވަގުތު އިތުރު ވަގުތުގެވެސް ފަހު މިނިޓްގައި ކައުންޓަރ އެޓޭކެއްގައެވެ.
މެޗުގެ 56 ވަނަ މިނިޓްގައި ޑީއޭރިޔާ ބޭރުން ތުރުކީ އަށް ލިބުނު ހިލޭ ޖެހުން ކެޕްޓަން ހަކަން ކަލްހޯނާ ފޮނުވާލުމުން ވެސް ކީޕަރު މަތަކުރީ އެވެ. ބޯޅަ ފޮނުވާލެވުނީ ވެސް މެދަށް ސީދާ ކީޕަރާ ދިމާއަށެވެ.
މެޗުގެ 69 ވަނަ މިނިޓްގައި ޕެނަލްޓީ ސްޕޮޓްމަތިން ޖޯޖިއާގެ ކޮޗޯރަޝް ފޮނުވާލިބޯޅަ ކުޅުމުގެ ތެރެއަށް އައީ ހުރަސް ދަނޑީގައި ޖެހިފައެވެ. ޖެހިގެން އައި މިނިޓްގައި ތުރުކީގެ ކެނާން ގުލާ ހުރަސްކޮށްދިން ބޯޅަ ގޯލް އޭރިޔާ ތެރެއިން ކެނަން ޔިލްޑިޒް ގޯލަށް ފޮނުވާލާ އުފާފާޅުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މެޗުގެ 86 ވަނަ މިނިޓްގައި ތުރުކީގެ ޔޫސުފް ޔަޒިސީ ގޯލް އޭރިޔާ ތެރެއިން ބޮލުން ފޮނުވާލި ބާރުބޯޅަ ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ.
މިމެޗު ޚާއްޞަ ވަނީ ޖޯޖިއާއިން ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރަށް ވާތީއެވެ. މިގްރޫޕްގައި ދެން ހިމެނޭ ޕޯޗްގަލް އާއި ޗެކްރިޕަބްލިކް ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ވާދަކުރާނެ އެވެ.