އުއްމީދު ކުރަނީ މިމަހުގެ ފަހުކޮޅު 1 މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް: ވަޒީރު

ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަމުންދާ އަދަދަށް ބަލާއިރު، މިއަހަރު ރާއްޖެ އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިމަހުގެ ފަހުކޮޅު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި، ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވެވޭނެކަމަށެވެ. އަދި މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިމަހުގެ ފަހުކޮޅު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށެވެ.

"އުއްމީދު ކުރަނީ މިމަހުގެ ފަހުކޮޅު 1 މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެ ކަމަށް." ވަޒީރު ވިދާޅުވިއެވެ.

އެ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 932398 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %9.6 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 850794 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 3650 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މި އަދަދަށް މިމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފަތުރުވެރިން ރާއްޖެއަށް އަންނަ ނަމަ، މިމަހުގެ 28 ނޫނީ 29 ހިސާބު ރާއްޖެއަށް 1 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު