އައްޑޫ ސިޓީގައި ޤާއިމްކުރާ ގާމެންޓް ފެކްޓްރީއާއެކު އެސިޓީގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދަައްކަވަމުން، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، ރާއްޖޭގައި ކާމިޔާބުކަމާއެކު ގާމެންޓް ފެލްޓްރީތައް ހިނގިދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އައްޑޫ ސިިޓީގައި ގާމެންޓް ފެކްޓަރީއެއް ޤާއިމްވުމުން، އެ ސިޓީގައި ވަޒީފާތަކެއް އުފެދިގެންދާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތްކުރާ ލޭބަރުން ރާއްޖެއިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ، ގާމެންޓް ފެކްޓްރީއެއް ޤާއިމްކުރެވުމުން، ރާއްޖޭގައި ޑިމާންޑް ބޮޑު އައިޓަމްތައް ފުޅާ ދާއިރާއެއްގައި ތައްޔާރުކުރެވިދާނެކަމަށާއި، ރިސޯޓުތަކަށް ބޭނުންވާ، ބެޑްޝީޓް ފަދަ ތަކެއްޗަކީވެސް ފުޅާ ދާއިރާއެއްގައި ތައްޔާރުކުރެވިދާނެ ތަކެތި ކަމަށެވެ.
މޭޔަރ ވިދާޅުވީ، އަވައްޓެރި ޤައުމުތަކުގައިވެސް އިންޓަރނޭޝަނަލް ބްރޭންޑްތައް ތައްޔާރުކުރާކަމަށާއި، އައްޑޫ ސިޓީގައިވެސް އެފަދަ ބްރޭންޑްތައް އުފެއްދިދާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
"އައްޑޫގައި ގާމެންޓް ފެކްޓްރީތައް ހިންގިއިރު ދުނިޔޭގެ ނަން މަޝްހޫރު ބައެއް ބްރޭންޑްތައް އުފެއްދި، އޭގެ ތެރޭގައި ހިމެނޭ، ޓޮމީ، ވިކްޓޯރިއާސް ސީކްރެޓްގެ ބަހެއްކަހަލަ އައިޓަމްތައް، ހަމަ އައްޑޫގަ އުފައްދައިގެން އެކްސްޕޯޓް ކުރި، އެހެން ވީމާ މިހާރުވެސް ކުރެވިދާނެ އެކަން." އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ކުޑަކޮށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤުސަދުގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ފައްޓަފައިވާ މިކަމަކީ ވަރަށް ރަނގަޅު ފެށުމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް މޭޔަރ ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ޤާއިމް ކުރުމަށް ބޭނުންވާ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބީސީސީއާއި ދެމެދު މިމަހުގެ 9 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
ބީސީސީއިން ވިދާޅުވެފައިވަނީ، މި ގާމެންޓް ފެކްޓްރީއަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ތަރައްޤީ ކުރެވޭ ފެކްޓްރީއެއްކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ފެހުމުގެ ދާއިރާއިން ވިޔަފާރިވެރިން ކުރިއެރުވުމާއެކު އަދުގެ ސަރުކާރުގެ ސިނާޢީ ތަރައްޤީ ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ.