2024 ވަނަ އަހަރުގެ ޕެރިސް ސަމަރ އޮލިމްޕިކްސްގައި ރަޝިޔާއާއި ބެލަރޫސް ބައިވެރިވުން މަނާކޮށްފައިވަނީ ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުންނެވެ. މިހެން މިކަން އޮތްއިރު، އިސްރާއީލު، އޮލިމްޕިކްސްގައި ބައިވެރިވުން މަނާ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟
އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކަކީ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން، އެހެން އެއްވެސް ޤައުމަކުން ނުހިންގާ ވަރުގެ ބޮޑެތި ޖަރީމާތަކެކެވެ. ކުށެއް ނެތް އާންމު ރައްޔިތުންތަކަކާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ޢުދުވާނަކީ މުޅި ދުނިޔެވެސް ކަންބޮޑުވާ ފަދަ ޢުދުވާނެކެވެ. އިސްރާޢީލުގެ ޔަހޫދީ ފައުޖުގެ އަނިޔާވެރި ޙަމަލާތަކުގައި، ފަލަސްޠީނުގެ ޣައްޒާގެ 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ.
އިސްރާޢީލުގެ ބަހަނާއަކީ ހަމާސްއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާޢީލުގެ 1200 އެއްހާ މީހުން މަރާލިކަމުގެ ބަހަނާއެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، ފުރަތަމަ ދެ އަހަރުގެ ތެރޭގައި، ޔޫކްރޭން އިން މަރުވި އަދި ޒަޚަމުވި މީހުންގެ ޖުމްލަ އަދަދަކީ 30،000 އެވެ.
"ބައިނަލްއަޤްވާމީ ޤާނޫނުތައް އެބަހުރި.. ކުށެއް ނެތް އާންމުން މެރުމާ ހުޅަނގުން ދެކޮޅު ކަމަށްވާނަމަ، އިސްރާއީލުގެ އަނިޔާވެރިކަން މަނާކުރެވެންޖެހޭ" ނޫސްވެރިކަމުގެ އެވޯޑް ލިބިފައިވާ ޝިކާގޯ ކުރީގެ ޕޮލިޓިކަލް ރިޕޯޓަރެއް އަދި ކޮލަމިސްޓެއް ކަމަށްވާ ރޭ ހަނާނިޔާ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި، ޔޫކްރެއިންގެ 87 ޕަސެންޓަށް ވުރެ ގިނަ މީހުން ނުވަތަ 9،241 މީހުންނަކީ ގޮވާ ހަތިޔާރުގެ ސަބަބުން ގެއްލުން ލިބުނު މީހުންނެވެ. ޔޫކްރޭނުން އެހެން ޤައުމުތަކަށް 5.9 މިލިއަނަށްވުރެ ގިނަ މީހުން ހިޖުރަކުރުމަށް މަޖުބޫރުވެފައިވާއިރު، ޔޫކްރޭންގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 4 މިލިއަނެއްހާ މީހުން ގެދޮރު ގެއްލިފައިވާކަމަށް ވެއެވެ.
ޣައްޒާގައި 2.3 މިލިއަން މީހުންގެ އާބާދީ އެއް އޮންނައިރު، ގާތްގަނޑަކަށް 85 އިންސައްތަ މީހުން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކޮށްފައިވެއެވެ. އެމީހުން ވަނީ ބޯހިޔާވަހިކަމުން މަޙްރޫމުވެފައެވެ. އިސްރާއީލުން ޣައްޒާއަށް ބޮޑެތި މިސައިލްތައް ފޮނުވަމުންދާއިރު، ރަފާއަށް އަރައި އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާމެދު މުޅި ދުނިޔެ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާއާއި ރަފާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާއިރު، އިސްރާޢީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ވަނީ ލެއިން ތަތްތެޅިފައެވެ. އެ ސަހަރުތަކުގެ މަގުތަކުގައި ލޭގެ ކޯރުތައް އުފެދި، އިންސާނީ ބޮޑު މުސީބާތަކާ ކުރިމަތިވެފައެވެ.
މިއަހަރުގެ އޮލިމްޕިކްސް ބާއްވާ ފްރާންސްގައި އިސްރާއީލުގެ ޢުދުވާނާ ގުޅިގެން ވަނީ ބައިބައިވުން އުފެދިފައެވެ. ޚިޔާލު ތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އަދި އިސްރާޢީލާ ދެކޮޅަށް އެ ޤައުމުގައި، ކުރަމުންދާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. އޮލިމްޕިކްސްގައި އިސްރާޢީލު ބައިވެރިކުރުމާމެދު ވަކި ގޮތެއް ނިންމާފައި ނުވާއިރު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ވަނީ މުސްލިމުންނަށް ތަސައްލީ ލިބޭފަދަ ބަސްތަކެއް އިއްވާފައެވެ.
އޮލިމްޕިކްސްގައި އިސްރާއީލު ބައިވެރިވުން މަނާކުރުމާމެދު ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީން ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަލާނަމަ، އަދި ކުށެއް ނެތް އާންމުން މެރުމާ ހުޅަނގުން ދެކޮޅު ކަމަށް ބުނާބަހުގެ އެއްވެސް މާނައެއް އޮތްނަމަ، އިސްރާއީލު، އޮލިމްޕިކްސްގައި ބައިވެރިވުން މަނާކުރެވެންޖެހޭނެއެވެ.
ޙަޤީޤީ މައްސަލައަކީ، މެދުއިރުމައްޗާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ހުޅަނގުން އަބަދުވެސް މުސްލިމުންނާއި ޢަރަބީންގެ ވާހަކަތަކަށްވުރެ، ޣައިރު މުސްލިމުންގެ ވާހަކަތަކަށް ސަމާލުކަން ދޭ ދިނުން ބޮޑުވުމެވެ. މާނައަކީ ހުޅަނގުން އެއްވެސް އިރެއްގައި، ޢަރަބިންނާއި މުސްލިމުންނަށް ޖެހޭ ތަކުލީފުތަކާ މެދު މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. މީގެ ގާތްގަނޑަކަށް 1000 އަހަރު ކުރިން ޞަލީބީ ހަނގުރާމަތަކާ ހަމައިން ދެމިގެން އަންނަ ހުތުރު ތާރީޚީ ޞަފްޙާތަކުން ފެންނަނީ، ހުޅަނގުގެ ދެފުށްދެގޮތް ސިޔާސަތާއި ނަސްލީ ތަފާތުކުރުމާއި އިސްލާމްދީނަށް ފާޑުކިޔުމުގެ ސިލްސިލާ ބޮޅުތަކެވެ.
ހުޅަނގުން ޔޫކްރޭނާ މެދު ކަންބޮޑުވެ، ރަޝިޔާއާ މެދު ރުޅިގަދަވާ ފަދައިން ޣައްޒާއާ މެދު ކަންބޮޑު ނުވަނީ ކީއްވެ ހެއްޔެވެ؟ އިސްރާޢީލުގެ ހިމާޔަތުގައި ހުޅަނގުން މަސައްކަތްކުރަނީ ކީއްވެ ހެއްޔެވެ؟
ހުޅަނގުގެ މީޑިޔާތަކުން އިސްރާއީލުގެ ދިފާޢުގައި ވާހަކަ ދައްކަނީ، އަނިޔާވެރިކަން ފެށުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށް ބުނަމުންނެވެ. އެއީ ހަމާސްގެ ސަބަބުން ފެށުނު ހަނގުރާމައެއް ކަމުގައި ސިފަކުރުމުގެ ގޮތުންނެވެ.
ޣައްޒާގެ ޚަބަރުތައް ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ 100 އަށް ވުރެ ގިނަ އަރަބި މުސްލިމު ރިޕޯޓަރުން ދުނިޔެއިން ނެތިކޮށްލާފައިވަނީ، ކޮން އިންސާފެއް އަދި ހަމައެއް އޮވެގެން ހެއްޔެވެ؟
އިސްރާއީލުން ޢުދުވާން ހިންގަނީ ހަމައެކަނި ހަމާސްއާ ދެކޮޅަކަށް ނޫނެވެ. ޣައްޒާގެ ޚަބަރުތައް ގެނެސް ދިނުމަށް މަސައްކަތް ކުރަމުންދާ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވަނީ، އިސްރާޢީލުގެ އަނިޔާވެރި ޙަމަލާތަކުގެ ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބޭނުމުގައެވެ. އިސްރާޢީލުގެ އަނިޔާވެރިކަމުގެ މަންޒަރުތައް ސެންސަރުކޮށް ދެއްކުމުގެ ގޮތުންނެވެ.
"ޔޫކްރޭންގެ އާންމުންނަށް ރަޝިޔާއިން ކުރިމަތިވާ ނުރައްކަލަކަށްވުރެ އިސްރާއީލަކީ ޣައްޒާގެ އާންމު ރައްޔިތުންނަށް މާ ބޮޑު ނުރައްކަލެއް ކަމަށް ދައްކާނެ މާ ގިނަ ހެކިތައް އެބަހުރި" ރޭ ހަނާނިޔާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގެ ކުރިންނާއި ފަހުން އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން މާ ބޮޑެވެ. ނަމަވެސް ހުޅަނގުގެ ނޫސް މީޑިއާތަކުން އެކަން ރިޕޯޓްކޮށްފައެއް ނުވެއެވެ. ހަގީގަތަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ފެށުނީ 1970 ގެ އަހަރުތަކުގައި ފަލަސްތީނުގައި ސެކިއުލަރ ގައުމިއްޔަތެއް އުފެދުމަށް އިސްރާއީލުން ކުރި މަސައްކަތުގެ ތެރެއިންނެވެ. ހަމާސް އުފެދުނީ އެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި، ފަލަސްޠީނަށް މިނިވަންކަން ހޯދައި ދިނުމަށް ޖިހާދު ކުރުމު މާތް އަޒުމުގައެވެ.
1967 ވަނަ އަހަރު ޣައްޒާއާއި ހުޅަނގު އައްސޭރި، އިސްރާއީލުން ހިސާރުކުރަން ފެށިފަހުން އިސްރާއީލުގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ ރަނގަޅު ނިޔަތެއް އޮތްނަމަ، ކުށެއް ނެތް އާންމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ރިޢާޔަތްކުރަންވާނެއެވެ. އެއްވެސް އިސްތިސްނާއެއް ނެތި އަނިޔާވެރިކަން އިސްކުރަމުންދާ ހުރިހާ ގައުމުތަކަށްވެސް އެއް ހަމައަކުން ޢަމަލުކުރާނެއެވެ. ޚާއްޞަކޮށް، ޕެރިހުގައި އޮންނަ އޮލިމްޕިކްސްގައި އިސްރާޢީލު ބައިވެރިވުން މަނާ ކުރީހެވެ. ހަމަމިއާއެކު، 2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އިސްރާއީލަށް ވާދަކުރުމުގެ ހުއްދަ ދީފިނަމަ ރަޝިޔާ އާއި ބެލަރޫސް ވެސް ވާދަކުރުމުގެ ހުއްދަ ދޭން ޖެހޭނެއެވެ.