16 ފެބުރުވަރީ 2025
ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި

ޙައްޖުވެރިންނަށް އެހީތެރިވުމުގެ ފުރުޞަތު ލިބުމުން މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ޝުކުރު

ޙައްޖުގެ މަތިވެރިކަން އަދާކުރުމުގެ ފުރުޞަތާއި، ޙައްޖުވެރިންނަށް އެހީތެރިވުމުގެ ފުރުޞަތު ލިބުމުން މަދީނާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

އިސްލާމި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވާ ފަދައިން، ދިވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ލިބުމަކީ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ލުއިފަސޭހަކަން ލިބިގެން ދިޔަ ކަމެކެވެ. އެ ބަރަކާތްތެރި މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ކަމީ އެ ދަރިވަރުންގެ ޢާއިލާތަކުންވެސް ނުހަނު އުފާކުރާނެ ކަމެކެވެ.

ސަޢޫދީ ޢަރަބިއްޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ދިވެހި ސަރުކާރުން ހުށަހެޅި ހުށެހެޅުން ސައުދީ ސަރުކާރުން ޤަބޫލުކުރެއްވިއެވެ. އެކަމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ދިވެހި ޙައްޖުވެރިންނަށް އެހީތެރިވާ، މަދީނާގައި ކިޔަވާ ދިވެހި ބައެއް ދަރިވަރުންގެ އިންޓަރވިއު ވަނީ ދިވެހިރާއްޖޭގެ ޙައްޖު މިޝަން އިން ނަގާފައެވެ.

"އަޅުގަނޑުމެންނަށް މިފަދަ ފުރުޞަތެއް ތަނަވަސްކޮށްދެއްވި ކަމަށްޓަކައި، އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ތަޢުފީޤް މިންވަރު ކުރެއްވި ކަމަށްޓަކައި، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަން. މިފުރުޞަތު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކޮށްދެއްވި ބުރަ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." މަދީނާގައި ކިޔަވާ ދިވެހި ދަރިވަރެއް ކަމަށްވާ އަޙްމަދު އާމަން އިބްރާހީމް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ފުރުޞަތެއް ތަނަވަސްވެގެން ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިވެހި ދަރިވަރުންގެVisit Site ފަރާތުން ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު، ވަރަށް ގިނަ އަހަރުތަކެއް ވަންދެއް ހުއްޓިފައި އޮތް ކަން ފާހަގަކުރައްވަމުން، މިފަހަރު އެ ފުރުޞަތު ތަނަވަސްވެގެން ދިޔަ ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އުއްމީދަކީ ކުރިއަށް އޮތް ތަނުގަ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިއުން. އަދި ދިވެހި ޙައްޖުވެރިންނަށް ދިވެހި ކިޔަވާކުދިންގެ ފަރާތުން ގިނަ ފައިދާތަކެއް ހާސިލުވެގެން ދިއުން. އެހެންކަމުން، އަޅުގަނޑު މިފުރުޞަތުގައި ދިވެހ ޙައްޖު މިޝަންގެ ބޭފުޅުންނާއި ޙައްޖު ކޯޕަރޭޝަންގެ އިސް ބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން." އާމަން ވިދާޅުވިއެވެ.

މިއަހަރު ދިވެހި ޙައްޖުވެރިންނަށް އެހީތެރިވާ، މަދީނާގައި ކިޔަވާ އެހެން ދިވެހި ދަރިވަރެެއް ކަމަށްވާ މުޙައްމަދު އިޙްސާންވެސް ވަނީ، މިފަދަ ފުުރުޞަތެއް ދެއްވި ކަމަށްޓަކައި ﷲ އަށް ޙަމްދުކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤިޔާދަތުގެ ދަށުން، އިސްލާމި މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވަރަށް ގާތް ބެއްލެވުމުގެ ދަށުން މި ފުރުޞަތު ތަނަވަސްކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދަރިވަރުންގެ ޚަބަރު ވަރަށް ކައިރިން މިނިސްޓަރު ބެއްލެވި ކަމަށް އިޙްސާން ފާހަގަކުރެއްވިއެވެ.

"މީގެ ކުރިން އަޅުގަނޑުމެން ކިޔަވާ ކުދިންނަށް ޙައްޖުކުުރުމުގެ ފުރުޞަތު ވަނީ ވަރަށް ހަނިވެފަ. ވަރަށް އުނދަގޫ ގޮތަކަށް ޙައްޖުކުރުން އޮންނަނީ. މިކަން އެނގިވަޑައިގަންނަވާ ޙާލުގައި އަޅުގަނޑުމެންގެ މިނިސްޓަރު މިފުރުޞަތު ތަނަވަސްކޮށްދެއްވި." އިޙްސާން ފާހަގަކުރެއްވިއެވެ.

ދިވެހި ޙާޖީންނަށް އެހީތެރިވުމުގެ ފުރުޞަތު ތަނަވަސް ވެގެން ދިއުމަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރެއްވިނަމަވެސް އެކަން ވަނީ ޙަޤީޤަތަކަށް ނުވެއެވެ. މިފަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވަނީ މިކަން ޙަޤީޤަތަކަށް ހައްދަވައިދެއްވާފައެވެ.

ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި މިއަހަރު ވަނީ ދިވެހި ސަރުކާރުން ހަމަޖައްސާފައެވެ.

މީގެ ކުރިން ރައީސް ޑރ. މުއިއްޒު އަދި ވަޒީރު ޑރ. ޝަހީމް ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

ގުޅުންހުރި ޚަބަރު:

ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު