Sunday, 15 September 2024
ޙައްޖުވެރިން އެއާރޕޯޓުގައި ހުކުރު ނަމާދުކުރުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރާއްޖެއިން ދިޔަ 1،150 ޙައްޖާޖީންނަށް ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވުނު ކަމަށް ޝަކީލް ވިދާޅުވެއްޖެ

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ 1،150 ޙައްޖާޖީންނަށް ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެވުނު ކަމަށް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ޝަކީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު ލިބިޑައިގެންނެވުމުން އެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވާ ކަމަށެވެ.

ޝަކީލް ވިދާޅުވީ ފަހުގެ ތާރީޚެއްގައި ސައުދީ އަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެވުނު ކަމަށެވެ.

ޝަކީލް ވިދާޅުވީ، ޞިއްޙީ ބޮޑު މައްސަލައެއް ކުރިމަތި ނުވެ ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވައި އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުމުން الله سبحانه وتعالى އަށް ހަމްދު ކުރައްވާ ކަމުގައެވެ.

"މި ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަބަދުވެސް ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ޝަކީލް ވިދާޅުވިއެވެ.

ޝަކީލް މިހެން ވިދާޅުވިއިރު، މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ދިވެހިންގެ ކަންކަން ވަރަށް ފުރިހަމަ އަށް ބެލެހެއްޓި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ. އަދި ބައެއް ހައްޖުވެރިން ވެސް ފާހަގަ ކުރާ ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅުނު އިރު، ބޮޑު ކަމެއް ދިމާވެފައި ނުވަނީ އިންތިޒާމުތައް ވަރަށް ބޮޑަށް ފުރިހަމަކަމުންނެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު އަންނަ އަހަރު ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު