މިއަހަރު ޙައްޖު އޮޕަރޭޝަން ކުރިއަށް ގެންދިޔަ ގޮތާމެދު އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް މުޙައްމަދު އަނީލް ތަޢުރީފު ކުރައްވައިފިއެވެ.
ކުރީގެ ސްޓޭޓް މިނިސްޓަރު އަނީލް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1445 ވަނަ އަހަރުގެ ހައްޖުގެ ކަންކަން ފުރިހަމަ ގޮތުގައި އިންތިޒާމު ކުރައްވާފައިވާތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އަށާއި ދިވެހި ހައްޖު މިޝަން، އަދި ޙައްޖު ކޯޕަރޭޝަނަށް ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.
ފާއިތުވި ދެ އަހަރުގެ ޙައްޖުގެ އިންތިޒާމްތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއްގެ ހައިސިއްޔަތުން، ވުޒާރާގެ ޓީމުން މިއަހަރުގެ ހައްޖުގެ ކަންކަމާ ގުޅިގެން ކުރެއްވި މަސައްކަތާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އަނީލް ވިދާޅުވިއެވެ.
އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވާ އެއް ކަމަކީ، މިއަހަރުގެ ހައްޖަށް މީހުން ގެންދިޔުން ހަމައެކަނި ހައްޖު ކޯޕަރޭޝަނާ ހަވާލުކުރި ކުރުން ކަމަށާއި އޭގެ ސަބަބުން މިދިޔަ އަހަރުތަކުގައި ދިމާވި އެތައް ކަމެއް ހައްލުވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް އަނީލް ވިދާޅުވިއެވެ..
"ހައްޖުގެ އޮޕަރޭޝަނަކީ ބުރަ ބޮޑު އުނދަގޫ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ އޮޕަރޭޝަނެއް. ހައްޖުވެރިންނަށް ހިދުމަތް ދިނުމުގައި އަހަރަކަށްވުރެ އަހަރެއް ކަންކަން ރަނގަޅުކޮށް ހިދުމަތް ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާއި ވުޒާރާއިން އަބަދުވެސް ކުރައްވަމުން ގެންދަވާ. މިއަހަރުވެސް ހައްޖުގެ ކަންކަމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކުރެއްވުނު ކަމަށާއި އެކަންކަން ރަނގަޅުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި" އަނީލް ވިދާޅުވިއެވެ.
1445 ވަނަ އަހަރުގެ ޙައްޖުގެ ކަންކަން ފުރިހަމަ ގޮތުގައި އިންތިޒާމު ކުރައްވާފައިވާތީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އަށާއި ދިވެހި ޙައްޖު މިޝަން، އަދި ޙައްޖު ކޯޕަރޭޝަނަށް ޝުކުރާއި މަރުހަބާ ދަންނަވަން.
ފާއިތުވި 2 އަހަރުގެ ޙައްޖުގެ އިންތިޒާމްތަކުގައި އިސްކޮށް ޙަރަކާތްތެރިވި… pic.twitter.com/55GnEhNUpP— Aneel 🇲🇻 (@aneelmv) June 20, 2024
ދުރުގައި ތިބެ، މީސް މީޑިއާގައި ފާޑުކިޔުމަކީ ނުހަނު ފަސޭހަވާނެ ކަމެއް ކަމަށާއި އެއިރެއްގައި އޮންނަ ސަރުކާރަކާ ދިމާއަށް އިދިކީލަ ސިޔާސީ ނަޒަރަކުން ނޫނީ ބަލާލަން ނޭނގޭ މީހަކަށް ކަންކަން ވިސްނައިގަތުމާއި ބަލައިގަތުން ފަސޭހަ ނުވާނެ ކަމަށް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ގަދަރާއި އިއްޒަތާއި ކަރާމާތް ދެމެހެއްޓުމަކީ އިސްލާމްދީން ދެކެ ލޯބިވާ، ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސިޔާސީ މީހުން ބަދަލުވާނެ ކަމަށާއި އެހެނަސް ވުޒާރާގެ ހައިބަތު ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރަންވާނެ ކަމަށް އަނީލް ވިދާޅުވިއެވެ.