އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް، ފީފާގެ އެތިކްސް ކޮމިޓީން ނިންމައިފިއެވެ.
އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
ބައްސާމް ސަސްޕެންޑް ކުރީ ނުވަ މަސް ދުވަހަށެވެ.
އޭއެފްސީ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމުގައި ވެސް ހުންނެވި، ބައްސާމް ސަސްޕެންޑް ކުރުމުން އެ މަގާމުގެ ހައިސިއްޔަތު ވެސް އޭނާ އަށް ތަމްސީލު ނުކުރެވޭނެއެވެ.
ފީފާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ބައްސާމަށް މަނާ ވާނެ ކަމަށެވެ.
އެ އިދާރާގެ އެތިކްސް ކޮމިޓީން މިގޮތަށް ނިންމީ ފީފާއިން ދޭ ފައިސާއިން އެފްއޭއެމްގެ ވެރިން މަނީ ލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް ފީފާއިން ބުނެއެވެ.
ފީފާގެ އެތިކްސް ކޯޑާއި ބައްސާމް ހިލާފުވެފައި އޮވެދާނެކަމަށް ބެލެވޭ ކަންކަން
- މާއްދާ 14 އާންމު ވާޖިބުތަކާ. ހިލާފުވެފައިވުން
- މާއްދާ 20 މަސްލަހަތު ފުށުއަރާ ގޮތަށް ކަންކަން ކޮށްފައިވުން
- މާއްދާ 21 ހަދިޔާ އާއި އެހެނިހެން ފައިދާތައް ލިބިގަނެ ހުށަހެޅުން
- މާއްދާ 29 ނަހަމަގޮތުގައި ފައިސާ ބޭނުންކުރުން
ފީފާގެ ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރީ، މިހާރު ހިނގަމުންދާ، އޭނާގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާން ގާތްގަކަނޑަކަށް 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. ބައްސާމްގެ އެކްސްކޯގެ މި ދައުރު ހަމަވާނީ އަންނަ މަހު ދެވަނަ ދުވަހަށެވެ.
ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވުނު، ފުޓްބޯޅައިގެ އެކި ބޭފުޅުންނަށް، ފީފާގެ މިނިވަން އެތިކްސް ކޮމިޓީން، މީގެ ކުރިން ފުރަތަމަ މަރުހަލާގައި ސަސްޕެންޝަނުގެ އަދަދު ދީފައި ވަނީ 90 ދުވަހަށެވެ. އަދި އެއަށް ފަހު އަނެއްކާ ވެސް ސަސްޕެންޝަނުގެ މުއްދަތު އިތުރު ކުރަމުން ގެންދެއެވެ.