ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެއް: ހުކުރު ޚުޠުބާ

ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެއް ކަމުގައި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ލަދުވެތިކަމާއި ޢިއްފަތްތެރިކަން" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، އިސްލާމްދީނަކީ ހުރިހައި ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމެއް ކަމަށާއި، މަތިވެރި އަޚުލާޤުގެ ހުރިހައި ސިފަޔަކަށް މިދީން މަގުދައްކައެވެ. އެ ގޮތުން ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމުގައެވެ.

ޚުޠުބާގައި ވިދާޅުވީ، ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުން ކަމުގައެވެ.

"ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ މި ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިންނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނެއެވެ. އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެ ކަން ފާހަގަކުރައްވަމުން يُوْسُفُ عَلَيْهِ ٱلسَّلَامُ އަށް ކުރިމަތިކުރެއްވުނު އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތީ އެކަލޭގެފާނުގެ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ސަބަބުން ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

"ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމެވެ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ.: ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ވިދާޅުވީ، ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެއް ކަމަށާއި، އެހެނީ އެ މުޖުތަމަޢެއްގެ އަޚްލާޤީ މިންތަކާއި އިޖްތިމާޢީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއް ސިފައަކީ ލަދުވެތިކަމުގެ ސިފަ ކަމުގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު