ޝެއިޚް ޢަލީ ޒައިދު

ސްޓޭންޑް ބަދަލެއް ނުވޭ، ހިންދޫ ޔޯގާއަކީ އެބައިމީހުންގެ އަޅުކަމުގެ ބައިވެސް ހިމެނޭ ޢަމަލެއް: ޝެއިޚް ޒައިދު

ހިންދޫ ޔޯގާއަކީ އެބައިމީހުންގެ އަޅުކަމުގެ ބައިވެސް އޭގައި ހިމެނޭ ޢަމަލެއް ކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ޝެއިޚް ޢަލީ ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏ސޯޝަލް މީޑިއާގައި އެމްޑީޕީ ފިކުރުގެ ބައެއް ބޭފުޅުން އޭނާ ޔޯގާ ހުއްދަކުރިއްޔޭ ކިޔައިގެން ވަރަށް ބޮޑަށް ފިތުނަ ފަތުރަމުންދާ ކަމުގައެވެ.

"‏ސޯޝަލް މީޑިއާގައި އެމްޑީޕީ ފިކުރުގެ ބައެއް ބޭފުޅުން އަޅުގަނޑު ޔޯގާ ހުއްދަކުރިއްޔޭ ކިޔައިގެން ވ ބޮޑަށް ފިތުނަ ފަތުރާތީ ދަންނަވަމެވެ! އެއީ ދޮގެކެވެ! ވާހަކަ ޓްވިސްޓްކޮށްގެން ވާހަކަ އުފައްދަނީއެވެ! ކުރީގެ ޕޯސްޓްތަކާއި މިހާރުގެ ޕޯސްޓާއި ހުރި ތަފާތަކީ: "ކައިގެންނޭ ފުރާނީ… ނުކައި ނުފުރާނަމޭ" މި ފަދައެވެ!" ޝެއިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

ހިންދޫ ޔޯގާއާއި މެދު ޒައިދުގެ ސްޓޭންޑް އަބަދުވެސް އޮތީ އެއްގޮތަށް ކަން ފާހަގަކުރައްވަމުން، އެއީ އެ ޔޯގާ (ކަސްރަތުގެ ނަމުގައިވިޔަސް އެމީހުން އެކުރާގޮތަށް އެކަންކުރުން) ހުއްދަ ނުވާނެ ކަމަށް ބުނާބުނުމެއް ކަމުގައި ޒައިދު ވިދާޅުވިއެވެ. ސަބަބަކީ ހިންދޫ ޔޯގާއަކީ އެބައިމީހުންގެ އަޅުކަމުގެ ބައިވެސް އޭގައި ހިމެނޭ ޢަމަލަކަށް ވުމުން ކަމުގައި ޝެއިޚް ފާހަގަކުރެއްވިއެވެ.

"އޭގައި އަޅުކަމުގެ ބައި ހިމެނޭކަމަށް ބުނަނީ އަޅުގަނޑެއް ނޫނެވެ. އެހެނެއްކަމަކު ހިންދޫ ފާދިރީންނެވެ! އެމީހުންގެ ބަހަކީ ޔޯގާ ޔޯގާއަކަށް ވާނީ އަޅުކަމުގެ ބައި އޭގައި ހިމެނުނީމަ ކަމަށް ބުނާ ބަހެވެ. ވީމާ މުސްލިމުން މިކަމާ ދުރުހެލިވާންޖެހޭ ކަމުގައި ދެކެމެވެ." ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އަދި އިންޓަނޭޝަނަލް ޔޯގާ ޑޭ އަކީ (އެހެން މީހުން ފާހަގަކުރިޔަސް) އިސްލާމުން ފާހަގަކުރުން އެކަށީގެންވާ ދުވަހެއްކަމުގައި ނުދެކޭ ކަމަށާއި، އަދި އެފަދަ ދަންތުރައިގައި ނުޖެހުމަށް އަބަދުވެސް ދަނީ ނަޞީޙަތްތެރިވަމުން ކަމުގައި ޒައިދު ވިދާޅުވިއެވެ.

"ވީމާ ހިންދޫ ޔޯގާގެ ބަދަލުގައި ކަސްރަތު ކުރައްވާށެވެ! ކަސްރަތުގެ ތަފާތު ޙަރަކާތްތައް ގެންނަވާށެވެ! އެހެނީ ކަސްރަތުތައް ކުރުން ދީނުގައި މަނާނުކުރެއެވެ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ